Advertisement
ކ. މާލެ
|
2 ޖެނުއަރީ 2023 | ހޯމަ 17:50
ރިޔާސީ ޕްރައިމަރީގެ، އިންތިޚާބު ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރިޔާސީ ޕްރައިމަރީގެ، އިންތިޚާބު ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އެމްޑީޕީ
އެމްޑީޕީ ރިޔާސީ ޕްރައިމަރީ ވޯޓަރސް ލިސްޓް
ވޯޓުލެވޭނީ 18 ޑިސެމްބަރުގެ ނިޔަލަށް އީސީގެ ދަފްތަރުގައި ނަން އޮތް މެމްބަރުންނަށް: އެމްޑީޕީ
900އެއްހާ މީހުންގެ ނަން ވޯޓަރސް ލިސްޓުގައި ނެތިގެން ޝަކުވާ ހުށަހަޅާފައިވޭ

ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލެވޭނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އެމްޑީޕީ ދަފްތަރުގައި ނަން އޮތް މެމްބަރުންނަށް އެކަނިކަމަށް, އިންތިޚާބާބެހޭ ކޮމިޓީން ބުނެފިއެވެ.

ރިޔާސީ ޕްރައިމަރީގެ ކަންކަން އިންތިޒާމުކުރުމަށް އެކުލަވާލާފައިވާ 5 މެމްބަރުންގެ ކޮމިޓީން އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޓީގެ މެމްބަރ އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ، ވަގުތީ ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 900ށްވުރެ ގިނަ މީހުން ހިމެނޭގޮތުން، 460އެއްހާ ޝަކުވާ ހުށަހަޅާފައިވާކަމަށެވެ. 900އެއްހާ މީހުންގެ ނަން ލިސްޓުގައި ނެތިގެން ޝަކުވާ ހުށަހަޅާފައިވާކަމަށާއި، އޭގެތެރެއިން 683 މީހުންގެ ނަން އީސީގެ އެއްވެސް ޕާޓީއެއްގެ ދަފުތަރުގައި ނެތްކަމަށް އިބުރޭ ވިދާޅުވިއެވެ. 212 މީހުން އީސީގައި އެހެން ޕާޓީތަކުގެ ދަފުތަރުގައި ތިބިކަމަށާއި، މިޝަކުވާތައް ބަލައި، ޝަކުވާ ކޮމިޓީން ހޯމަ ދުވަހު ޖަވާބު ދޭން ފަށާނެކަމަށް އިބުރޭ ވިދާޅުވިއެވެ.

Advertisement

މީގެއިތުރުން ރިޔާސީ ޕްރައިމަރީއާ ގުޅިގެން ކެންޑިޑޭޓު ނަންބަރު 1 ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ކޮމިޓީއަށް 4 ސިޓީއެއް ލިބިފައިވާކަމަށް އިބުރޭ ވިދާޅުވިއެވެ. އެގޮތުން ހުށަހަޅުއްވާފައިވާ އެއް ޝަކުވާއަކީ، ވަގުތީ ވޯޓަރސް ލިސްޓު ނެރުނުއިރު ޑިސެމްބަރ 18 ވަނަދުވަހުގެ ނިޔަލަށް އީސީގެ ދަފުތަރުގައި ނެތް 457 މީހެއްގެ ނަން ވަގުތީ ވޯޓަރސް ލިސްޓުގައި އޮތުންކަމަށެވެ.

އެމައްސަލަ ބެލީ ޝަކުވާ ކޮމިޓީން. މީގެ ކުރިން އަމަލުކުރާ ގޮތުން ވިއްޔާ ޕާޓީއަށް ފޯމު ލިބުނީމާ ޕާޓީން އީސީއަށް ހުށަހެޅީމާ ދަފްތަރު ކޮށްދޭ. ނަމަވެސް މިހާރު އީސީއަށް ހުށަހެޅީމާ އީސީން ގެޒެޓްކޮށްފަ، އެއް ހަފުތާ ވަންދެން މީހުންނަށް ޝަކުވާ ހުށަހަޅަން ފުރުސަތު ދީފަ، އޭގެ ފަހުން ޝަކުވާ ނާންނަނަމަ ދަފްތަރުކޮށްދެނީ. އެހެންވެ އެމަރުހަލާއާ ހެދި ލަސްވެފަ އޮތް ކަމެއް. އަދި ނަޝީދުގެ ކެމްޕެއިން ޓީމުން ޝަކުވާކުރުމާ ގުޅިގެން، މިބުނިގޮތަށް ޑިސެމްބަރ 18 ވަނަ ދުވަހާ ހަމައަށް ނެތް މީހުން ދާއިމީ ލިސްޓަށް ނުލާގޮތަށް ނިންމީ. ރައީސް ނަޝީދު ޝަކުވާ ހުށަހެޅުއްވުމާއެކު އީސީގެ ދަފްތަރުގަ ނެތް މީހުންނަށް ނުލެވޭ ގޮތަށް ނިންމާފައިވަނީ.
ކޮމިޓީގެ މެމްބަރު އިބްރާހީމް ވަހީދު (އިބުރޭ)

އެމްޑީޕީން މިދިޔަ އަހަރު ބޭއްވި ކޮންގްރެސްގެ ކުރިން ބޭއްވި ގައުމީ މަޖިލީހުން ފާސްކޮށްފައިވަނީ އީސީގެ ދަފްތަރުގައި ނެތް މީހުން އެމްޑީޕީގެ ލިސްޓުން ވަކިކުރުމަށެވެ. އަދި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ބަލާނީ އީސީގެ ދަފުތަރުގައި އޮތް މެމްބަރުންނަށް އެކަނި ކަމަށާއި އެއުސޫލުގެ ދަށުން ޕާޓީގެ އެތެރޭގެ 13 އިންތިޚާބެއް ބާއްވާފައިވާކަމަށް އިބުރޭ ވިދާޅުވިއެވެ.

އަދި އިންތިޚާބު ކޮމިޓީން އިންތިޚާބަށް ނުފޫޒު ފޯރުވާކަމަށް ރައީސް ނަޝީދާއި ނަޝީދުގެ ކެމްޕެއިން ޓީމުން ދައްކަމުންދާ ވާހަކަތަކާ ގުޅޭގޮތުން ކޮމިޓީގެ މެމްބަރުން ވިދާޅުވީ، ހުރިހާ ނިންމުމެއް ނިންމަނީ ހާމަކޮށްކަމަށެވެ. އެއްވެސް ކަމެއްގައި ދެ ކެންޑިޑޭޓުންގެ މެދުގައި ތަފާތު ނުކުރާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް