ޔޫރޯ 21 އަހަރުން ދަށުގެ މުބާރާތުގެ ފައިނަލުން ޖަރުމަނު އަދި ސްޕެއިން ޖާގަ ހޯދައިފި އެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުން ޖަރުމަން މޮޅުވީ އިންގްލޭންޑާ ވާދަކޮށް ޕެނަލްޓީ ޖަހައިގެންނެވެ.
ސެމީފައިނަލް މެޗު ފެށިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް ޖަރުމަނުންނެވެ. އެގޮތުން 35 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސެލްކޭ އެވެ. އެހެންނަމަވެސް އޭގެ ހަ މިނެޓު ފަހުން އިންގްލޭންޑުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގްރޭ އެވެ.
މި ލަނޑުތަކާ އެކު ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ. ދެވަނަ ހާފް ފެށިގެން މާގިނައިރުތަކެއް ނުވަނީސް އިންގްލޭންޑުން ވަނީ ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ 50 ވަނަ މިނެޓުގައި އަބްރަހަމް އެވެ.
އެހެންނަމަވެސް 70 ވަނަ މިނެޓުގައި ޕްލެޓް ކާމިޔާބުކުރި ލަނޑުން ޖަރުމަނު ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ނަތީޖާއާއެކު މެޗު ނިމުމާ އެކު ނަތީޖާ ނެރުމަށް ކުޅުނީ 15 މިނެޓުގެ ދެހާފެވެ. 15 މިނެޓުގެ ދެހާފްގައި ވެސް ނަތީޖާ ނުނެރުވުމުން ދެން ޖެހީ ނަތީޖާ ނެރުމަށް ޕެނަލްޓީ އެވެ.
އެގޮތުން ޕެނަލްޓީ ޖަހައިގެން 3-4 ގެ ނަތީޖާއިން ޖަރުމަނުން ވަނީ އިންގްލޭންޑްގެ މައްޗަށް ކުރިހޯދާފައެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅުނު ސެމީފައިނަލް މެޗުން ސްޕެއިން މޮޅުވީ އިޓަލީއާ ވާދަކޮށް 1-3 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ލަނޑު ޖެހުމަށް ވެސް ގިނަ ފުރުސަތުތައް ދެ ޓީމަށް ވަނީ ލިބި ބޭކާރުވެފައެވެ. ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފް ފެށިގެން މާގިނައިރުތަކެއް ނުވަނީސް ސްޕެއިން އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު 53 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ނިގުއެޒް އެވެ. އޭގެ ފަސް މިނެޓު ފަހުން އިޓަލީގެ ގަލިއާޑިނީއަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާފައެވެ. އެގޮތުން އިޓަލީއަށް އުނދަގޫތަކާ ކުރިމަތިވިއެވެ.
އެހެންނަމަވެސް 62 ވަނަ މިނެޓުގައި އިޓަލީން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބެނާޑެސްޗީ އެވެ. އޭގެ ދެ މިނެޓު ފަހުން ނިގުއެޒް ވަނީ ސްޕެއިން އަށް ލީޑު އަނބުރާ ހޯދައިދީފައެވެ. ސްޕެއިން އިން މެޗުގެ ލީޑު ފުޅާކުރީ 74 ވަނަ މިނެޓުގައި ނިގުއެޒް ކާމިޔާބުކުރި ލަނޑުންނެވެ. އެގޮތުން އޭނާ ވަނީ މެޗުގައި ހެޓްރިކް ފުރިހަމަކޮށްފައެވެ.
ސްޕެއިން އަދި ޖަރުމަން ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ.