ކ. މާލެ
|
2 ޖެނުއަރީ 2023 | ހޯމަ 12:52
ލެންސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކޯޗު ގަލްޓިއޭ
ލެންސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކޯޗު ގަލްޓިއޭ
ގެޓީ އިމޭޖަސް
ފްރާންސް ލީގު
ލެންސް އިން ހޯދީ ހައްގު މޮޅެއް: ގަލްޓިއޭ
އޭނާ ބުނީ އެއްވެސް މެޗަކުން ބަލިވާން ބޭނުންނުވާ ކަމަށާއި، ކޮންމެ ބައްޔަކީ ލިބޭނެ ނުތަނަވަސްކަމެއް ކަމަށް

ފްރާންސް ލީގުގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ބަލިކޮށް ލެެންސް އިން ހޯދީ ހައްގު މޮޅެއް ކަމަށް ޕީއެސްޖީގެ ކޯޗު ކްރިސްޓޮފާ ގަލްޓިއޭ ބުނެފި އެވެ.

ގަލްޓިއޭ މިހެން ބުނީ އާދިއްތަ ދުވަހުގެ ރޭ ޕީއެސްޖީން ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. މެޗުގައި 3-1 އިން ޕީއެސްޖީ ބަލިވީއިރު، މިއީ މިދިޔަ އަހަރުގެ މާޗު މަހުގެ ފަހުން ބަލިވި ފުރަތަމަ ފަހަރެވެ. މެޗަށްފަހު ގަލްޓިއޭ ބުނީ، ބައްޔާކު ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވި ކަމަށެވެ. އޭނާ ބުނީ އެއްވެސް މެޗަކުން ބަލިވާން ބޭނުންނުވާ ކަމަށާއި، ކޮންމެ ބައްޔަކީ ލިބޭނެ ނުތަނަވަސްކަމެއް ކަމަށެވެ. ގަލްޓިއޭ ބުނީ ބަލިވާން ޖެހުނީ މެޗުގައި ޕީއެސްޖީން ދެއްކި ކުޅުމުގެ ސަބަބުން ކަމަށެވެ. އޭނާ ބުނީ މެޗުގައި ބައިވެރި ގޯސްތައް ހެދުނު ކަމަށާއި، އެއީ ރަނގަޅަށް ކުޅުނު ލެންސް އަށް މޮޅުވުން ހައްގު ކަމެއް ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ މެޗުގައި ލެންސް އިން ލީޑު ނަގާފައި ވަނިކޮށް، ޕީއެސްޖީން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރީ ރަނގަޅަށް ކުޅެގެން ކަމަށެވެ. ނަމަވެސް އޭގެ ފަހުން ލެންސް އިން އިތުރު ދެ ލަނޑު ޖެހީ، ގިނަ ގޯސްތަކެއް ހެދިފައި އޮތުމުން ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ގަލްޓިއޭ ބުނީ ރަނގަޅު ކުރަން ހުރި ކަންކަން ކުރިއަށް އޮތް ތަނުގައި ވަރަށް ބޮޑަށް ރަނގަޅު ކުރާނެ ކަމަށެވެ. އޭނާ ބުނީ ކުޅުންތެރިންނާ ވާހަކަ ދައްކާނެ ކަމަށާއި، ކުޅުންތެރިން އެކަންކަން ރަނގަޅު ކުރާނެ ކަމުގެ ޔަގީންކަން އޭނާ އަށް އޮތް ކަމަށެވެ. އަދި ލެންސް މެޗަކީ ވަރަށް އުނދަގޫ މެޗެއް ކަމަށާއި، މެޗުގައި ކަންތައް ވީ ގޮތް ބަލަން ތިބި އެންމެނަށް ވެސް ފެންނާނެ ކަމަށެވެ. އޭނާ ބުނީ އެފަދަ ކަމެއް ކުރިއަށް އޮތް ތަނުގައި ތަކުރާރުނުވާނެހެން މަސައްކަތް ކުރާނެ ކަމަށެވެ. ކޮންމެ މެޗަކީ ވެސް ވަރަށް މުހިންމު މެޗެއްކަން ފާހަގަ ކުރަމުން އޭނާ ބުނީ، އަދި ވެސް ޕީއެސްޖީން އޮތީ ތާވަލްގެ އެއް ވަނަ މަގާމުގައި ކަމަށެވެ.

ފްރާންސް ލީގުގައި ދެން ޕީއެސްޖީ އަށް އޮންނާނީ މި މަހުގެ 12 ވަނަ ދުވަހު އެންޖާސްއާ ދެކޮޅަށް ކުޅޭ މެޗެވެ.

- ކޮމެންޓް