ކ. މާލެ
|
2 ޖެނުއަރީ 2023 | ހޯމަ 11:41
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ރައްޔިތުންގެ މަޖިލިސް
އިޤްތިސާދީގޮތުން ނިންމާ ނިންމުންތައް
އިޤްތިސާދީގޮތުން ނިންމަންޖެހޭ ނިންމެވުންތައް ރައީސް ނިންމަވަނީ ސިޔާސީ މަންފާއެއް ހޯއްދަވާކަށް ނޫން: އަމީރު
ދިވެހި އިގުތިސާދު މިވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން އޮތް ހިސާބަށް އަނބުރާ ރުޖޫއަވެފައި
މިފެށުނު 2023 ވަނަ އަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެކަމަށް ލަފާކުރެވޭ
މިނިސްޓަރު ވިދާޅުވީ ރައީސް ޞާލިހު އަބަދުވެސް އިސްކުރައްވަނީ ޤައުމާއި ދިވެހި ރައްޔިތުންގެ ލާބައާއި މަންފާކަމަށް

އިޤްތިސާދީ މި ދަތި ދަނޑިވަޅުން އަރައިގަތުމަށް ކޮންމެހެން ނިންމަންޖެހޭ ނިންމެވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ނިންމަވަނީ އޭގެން ސިޔާސީ މަންފާއެއް ހޯއްދަވަން ނޫންކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިއަހަރު ފެށުމާއެކު މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ވަނީ 6 އިންސައްތަ އިން 8 އިންސައްތައަށް އަދި ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް (ޓީ.ޖީ.އެސް.ޓީ) 12 އިންސައްތައިން 16 އިންސައްތައަށް ބޮޑުވެފައެވެ. ޖީއެސްޓީ ބޮޑުވުމާއެކު ގިނަ ބަޔަކު އަންނަނީ ޝަކުވާކުރަމުންނެވެ.

ޖީއެސްޓީން 970 މިލިއަން ރުފިޔާ އަދި ޓީޖީއެސްޓީން އިތުރުވާނީ 2.1 ބިލިއަން ރުފިޔާ ކަމަށް ސަރުކާރުން ލަފާކުރެއެވެ. އަދި މިބަދަލަކީ އިގްތިސާދީ ގޮތުން މުހިންމު ބަދަލެއް ކަމަށް ސަރުކާރުން ބުނެއެވެ. އިގްތިޞާދީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ދިފާއުކުރައްވާ މިނިސްޓަރު އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޓަރނެޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ސްޓާފުން ރާއްޖެއަށް ކުރި ޒިޔާރަތަށްފަހު ފަހު ޕްރެސް ރިލީޒްގައި ފާހަގަކޮށްފައިވާ ގޮތަށް ރާއްޖޭގެ އިގުތިސާދު ދަނީ ބާރަށް ކުރިއަރަމުންކަމަށެވެ. މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް އެޅި ހާލަތާއި ބައްދަލު ފިޔަވަޅުތަކާއި ސަރުކާރުގެ އިގުތިސާދީ ސިޔާސަތުގެ ނަތީޖާކަމަށް އަމީރު ވިދާޅުވިއެވެ.

މީގެއިތުރުން ދިވެހި އިގުތިސާދު މިވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން އޮތް ހިސާބަށް އަނބުރާ ރުޖޫއަވެފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 2022 ވަނައަހަރަށް އަމާޒު ހިފި 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިފެށުނު 2023 ވަނަ އަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެކަމަށް ލަފާކުރެވޭކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް ޞާލިހު އަބަދުވެސް އިސްކުރައްވަނީ ޤައުމާއި ދިވެހި ރައްޔިތުންގެ ލާބައާއި މަންފާކަމަށެވެ. ކައިރި ޤައުމުތަކުން ފެނިގެންދާ ހަޤީޤަތަކީ, ސިޔާސީ ބާރުވެރިކަން ހޯދުމަށް ކުރެވޭ މަސައްކަތުގައި, އިޤްތިސާދީ ސިޔާސަތުތައް "ކޮމްޕްރޮމައިޒް" ވާތަން ކަމަށާއި އޭގެ ބޮޑު ގެއްލުމާއި ދެރަ އުފުލަންޖެހެނީ ވަރަށް ހިތިކޮށްކަންކަމަށް އަމީރު ވިދާޅުވިއެވެ.

ރާއްޖޭގެ ސަރުކާރުން އިގްތިސާދު ކުރިއަރުވައި ކާމިޔާބީތަކެއް ހޯދާފައިވާއިރު، އިގްތިސާދީ ގޮތުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި އިގްތިސާދު މެނޭޖްކުރަމުންދާ ގޮތާ މެދު ހިތްހަމަޖެހޭކަމަށް އައިއެމްއެފްއިން ވަނީ ބުނެފައެވެ. ދިވެހި ސަރުކާރުގެ ފަރާތުން 2023 ވަނަ އަހަރު ޓީޖީއެސްޓީ އަދި ޖީއެސްޓީ ބޮޑުކުރުމަށާއި ސަބްސިޑީ ރިފޯމްކުރުމަށް ނިންމި ނިންމުމަކީ ސަރުކާރުގެ މާލީ ސިޔާސަތު ހަރުދަނާ ކުރުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅުތަކެއްކަން އައިއެމްއެފްއިން ވަނީ ފާހަގަކޮށްފައެވެ.

އެކްސްޓާނަލް ސެކްޓަރުގެ ވަލްނަރަބިލިޓީސް އިތުރުވަމުންދާކަމުގައި ވީނަމަވެސް، ޕެންޑަމިކަށްފަހު އިގްތިސާދު ރަނގަޅުވުމާއި ގުޅިގެން، އުފެއްދުންތެރިކަމުގެ ނިސްބަތުން ޕެންޑަމިކްގެ ޕީކްގައި ހުރި މިންވަރާ އަޅާ ބަލާއިރު ދައުލަތުގެ ދަރަނި ދަށްވެފައިވާކަން އައިއެމްއެފްއިން ވަނީ ފާހަގަކޮށްފައެވެ.

ޖީއެސްޓީ އިތުރުވުމާއެކު އަގުތަކަށް އަންނަ ބަދަލުތައް ހައްލުކުރުމަށް ޑައިރެކްޓް ސަބްސިޑީ މިއަހަރުތެރޭގައި ތަޢާރަފްކުރާނެކަމަށް ސަރުކާރުން ބުނެފައިވެއެވެ.

- ކޮމެންޓް