އޭނާގެ ހަޔާތުގައި ލޯބި ގަބޫލު ނުކުރާ ކަމަށާއި އެއީ ފޮތްފޮތުގައި ލިޔެފައި ހުންނަ އެއްޗެއް ކަމަށް ސަލްމާން ޚާން ބުނެފިއެވެ.
އޭނާ މިހެން ބުނެފައި ވަނީ އެންމެ ފަހުން އިންޑިއާގެ ނޫހެއް ކަމަށްވާ މިޑްޑޭއަށް ދީފައިވާ އިންޓަވިއުއެއްގައެވެ.ސަލްމާން ބުނެފައި ވަނީ އޭނާ ލޯބި ގަބޫލު ނުކުރާ ކަމަށާއި ކައިވެންޏަކާ ހަމައަށް ދިއުމަށް އަދިވެސް ނުވިސްނާ ކަމަށެވެ. ކައިވެންޏަކީ މުހިއްމު ކަމެއްކަމުގައި ނުވި ނަމަވެސް ދިރިއުޅުމުގައި ބައިވެރިއެއްގެ ރޯލު މުހިއްމު ކަމަށް އޭނާ ބުންޏެވެ.
އުމުރުން 51 އަހަރުގެ ސަލްމާން ޚާން މިހާތަނަށް އެއްވެސް ކައިވެންޏެއްކޮށްފައި ނުވާއިރު މީޑިއާތައް ތިބެނީ އޭނާ ކައިވެނި ކުރާނެ ދުވަހަކަށެވެ. އޭނާ ވަނީ މީގެ ކުރިން ބޮލީވުޑްގެ ތަރިންތަކާ އެކު ލޯބީގެ ގޮތުން ގުޅިފައެވެ. އޭގެ ތެރޭގައި ކެޓްރީނާ ކައިފް ހިމެނެއެވެ.
ސަލްމާން މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ރޯމަންގެ ބިއުޓީ ލޫލިއާ ވަންޓަރއާ ކަމަށާއި އޭނާއާ މިއަހަރު ކައިވެނި ކުރާނެ ކަމަށް އަޑުތައް ފެތުރިފައި ވެއެވެ. އެހެން ނަމަވެސް ސަލްމާން މިދިޔަ ހަފްތާގައި އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވެސް ވަނީ ކައިވެންޏާއި ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ. އެގޮތުން އޭނާ ކައިވެނި ކުރަން ބޭނުން ނުވާ ކަމަށް ވަނީ ބުނެފައެވެ.