ކ. މާލެ
|
31 ޑިސެންބަރ 2022 | ހޮނިހިރު 18:01
ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)
ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)
ޕީޕީއެމް
ރިޔާސީ އިންތިޚާބު
ރިޔާސީ އިންތިޚާބުގެ ކަންތައްތައް ބަލަހައްޓަނީ އަދުރޭތަ؟
 
ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅު ރިޔާސީ އިންތިޚާބުގެ ކެނޑިޑޭޓެއްގެ ގޮތުގައި ނުހިމެނޭނަމަ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބާއްވަން ފުރުސަތެއް ނުދޭނަން

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ފޯރި ގަދަވެފައިވާއިރު, ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމާގުޅިގެން އިދިކޮޅު ކޯލިޝަނުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި "ހަރާމް ހުކުމް"ގެ ނަމުގައި މުޒާހަރާއެއް ހުކުރު ދުވަހު ވަނީ ބާއްވާފައެވެ.

މި މުޒާހަރާގައި، ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅު ރިޔާސީ އިންތިޚާބުގެ ކެނޑިޑޭޓެއްގެ ގޮތުގައި ނުހިމެނޭނަމަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބާއްވަން ފުރުސަތު ނުދޭނެ ކަމަށް ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ވިދާޅުވެފައެވެ. ހުކުރު ދުވަހު ބޭއްވި މުޒާހަރާގައި ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވީ، ރައީސް ޔާމީން މިނިވަން ނުކޮށް ބާއްވާ އިންތިޚާބެއް އިންސާފުވެރިކަމަށް ބަލައިނުގަންނާނެ ކަމަށެވެ.

އަދުރޭ މިހެން ވިދާޅުވިނަމަވެސް ރިޔާސީ އިންތިޚާބުގެ ކަންތައްތައް ބަލަހައްޓަނީ އިލެކްޝަން ކޮމިޝަނުންނެވެ. ކެންޑިޑޭޓުން ޝަރުތު ހަމަވޭތޯ ނުވަތަ ނޫންތޯވެސް ކަނޑައަޅަނީ ހަމަ އެ ކޮމިޝަނުންނެވެ. އެއްވެސް ސިޔާސީ ޕާޓީއަކުން ނޫނެވެ. އަދި އިލެކްޝަން ކޮމިޝަނުން ކަނޑަނާޅާ ހިނދަކު، އެއްވެސް މީހަކީ ރިޔާސީ ކެންޑިޑޭޓެކޭ ބުނުމުގެ އިޚްތިޔާރެއް އެއްވެސް ފަރާތަކަށް ލިބިގެނެއް ނުވެއެވެ. އަދުރޭއަށް ފަހަރުގައި އޮޅިވަޑައިގެންނެވީ ކަމަށްވެސް ވެދާނެއެވެ. އެހެންވުމަކީވެސް އެކަށީގެންވާކަމެކެވެ.

މީގެ އެތައް އަހަރުތަކެއް ކުރިން ޕީޕީއެމްއިން ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު މާފަންނު ސްޓޭޑިއަމްގައި ބޭއްވި ބޮޑު ޖަލްސާގައި ނުބައިކޮށް ހިސާބު ހެއްދެވުމުން އެކަމަށްވެސް ވަރަށް ގިނަ މީހުން އޭރު ފާޑުކިޔާފައިވެއެވެ. ޕީއެމްއަށް 8 އަހަރު ފުރިއްޖެކަމަށް ވިދާޅުވެ އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ޖެއްސެވި ހިސާބު ދިމާނުވުމުން އޭރުވެސް މީހުންގެ ފާޑުކިޔުންތައް އެބޭފުޅާއަށް އަމާޒުވެގެން ދިޔައެވެ. އެހެންކަމުން މިފަހަރުވެސް ރިޔާސީ އިންތިޚާބުގެ ކަންތައްތަކުގައި ގޮތް ނިންމާ ފަރާތަކީ ކޮބައިން އަދުރޭއަށް އޮޅިވަޑައިގަތުމަކީވެސް ވުން ގާތް ކަމެކެވެ.

ޔާމީނާއި ޔާމީންގެ ސަޕޯޓަރުންނަށް ގަބޫލުކުރެވޭގޮތުގައި 2023 ވަނަ އަހަރު އެޕާޓީއަށް ވެރިކަން ލިބޭނެއެވެ. ކެންޑިޑޭޓަކީ ރައީސް ޔާމީނެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓްވެސް ރައީސް ޔާމީނަށް އެރުވީ ތަބަކަކަށް ލާފައެވެ. އެ މަނިކުފާނަށް ޓިކެޓް އެރުވުމަށް "ހަވާލޭ ވަތަން"ގެ ނަމުގައި މިއަހަރުގެ އޮގަސްޓް މަހު އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ޓިކެޓް ހަވާލުކޮށްދެއްވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ. ޔާމީން އަތްޕުޅަށް ޓިކެޓް އެރުވީ، ހުރިހާ ރަށެއްގެ ޕީޕީއެމްގެ މަންދޫބުން އެކަކު އަތުން އަނެކަކު އަތަށް ޓިކެޓް ހަވާލުކުރަމުން ގޮސް، އަބްދުއްރަހީމާ ހަވާލުކުރުމަށްފަހުއެވެ. މި ޖަލްސާގައި ހުރިހާ ރަށެއްގެ މަންދޫބުން ބައިވެރިވެފައިވެއެވެ.

ރައީސް ޔާމީނަށް ޓިކެޓް އެރުވިނަމަވެސް އެމަނިކުފާނަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައި، ވ. އާރަށުގެ މައްސަލާގައި އުފުލާފައިވާ މަނީ ލޯންޑްރިންގގެ ދައުވާއާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ މިވަނީ ސާބިތުވެފައެވެ. އަދި އެމަނިކުފާނު ހުންނެވީ ޖަލުގައެވެ.

ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ ޅ ގައި ވާގޮތުން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކުނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމް ކަނޑައެޅުނު އަދަބު މާފުކުރެވުނުތާ ތިން އަހަރުވެފައިވާ މީހަކަށް ވާންޖެހޭނެއެވެ. އެހެންނަމަވެސް އެ މާއްދާގައި ޅ ގައި އެހެން އޮތްނަމަވެސް އެ މީހަކީ އިސްލާމްދީނުގެ ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާއި ހީލަތް، ޓެކުން، ޚިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުމުން ހިމެނެއެވެ. އެހެންކަމުން މި މާއްދާއަށް ބަލާއިރުވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ރައީސް ޔާމީނަށް ކުރިމައްޗެއް ނުލެއްވޭނެއެވެ.

އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމަށް އަދުރޭ ވަޑައިގެންފިނަމަ އެ ވިދާޅުވާ ގޮތަށް ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅު ރިޔާސީ އިންތިޚާބުގެ ކެނޑިޑޭޓެއްގެ ގޮތުގައި ނުހިމެނޭނަމަ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބާއްވަން ފުރުސަތު ނުދިނުމަކީވެސް އެކަށީގެންވާ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް