ކ. މާލެ
|
30 ޑިސެންބަރ 2022 | ހުކުރު 19:48
ކޮވިޑް-19އާ ގުޅިގެން ޗައިނާގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ފެށުމާއެކު މިމަހުން ފެށިގެން އެގައުމުގެ ކޮވިޑް ކޭސްތަކުގެ އަދަދު ވަނީ އިންތިހާއަށް މައްޗަށް ޖެހެން ފަށާފަ
ކޮވިޑް-19އާ ގުޅިގެން ޗައިނާގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ފެށުމާއެކު މިމަހުން ފެށިގެން އެގައުމުގެ ކޮވިޑް ކޭސްތަކުގެ އަދަދު ވަނީ އިންތިހާއަށް މައްޗަށް ޖެހެން ފަށާފަ
ރޮއިޓާސް
ޗައިނާގެ ކޮވިޑް-19ގެ ހާލަތު
ކޮވިޑް ޖެހިގެން ޗައިނާއިން ދުވާލަކު 9،000 މީހުން މަރުވާކަމުގެ ކަންބޮޑުވުން
އެއަރފިނިޓީން އަންދާޒާކުރަނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ޗައިނާއިން 1.7 މިލިއަން މީހުން ކޮވިޑް ބަލީގައި މަރުވާނެ
ޗައިނާގައި އެންމެ ގިނަ އަދަދަކަށް ކޮވިޑް މަރުތައް ރިޕޯޓުކުރެވިގެންދާނީ ޖެނުއަރީ 23ގައި، އެދުވަހު 25،000 އެއްހާ މީހުން ބަލީގައި މަރުވެދާނެ ކަމަށް ރިޕޯޓް ތައް ބުނޭ
ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ޗައިނާގެ ކޮވިޑް ކޭސްތައް ޕީކަށް އަރާނެ، އެދުވަހު 3.7 މިލިއަން މީހުން ކޮވިޑަށް ޕޮޒިޓިވްވެގެން ރިޕޯޓުކުރެވޭނެ

ކޮވިޑް-19 ޖެހިގެން ޗައިނާއިން ދުވާލެއްގެ މައްޗަށް 9،000 މީހުން މަރުވާނެ ކަމަށް ބެލެވޭ ކަމަށް އިނގިރޭސި ރިސަރޗް އޭޖެންސީއެއް ކަމަށްވާ، އެއަރފިނިޓީ އިން ބުނެފިއެވެ.

ސިއްހީ އެކި ދިރާސާތަކަށް ހާއްސަ އިނގިރޭސި އޭޖެންސީއެއް ކަމަށްވާ އެއަރފިނިޓީ އިން ބުރާސްފަތި ދުވަހު ބުނީ، އެފަރާތުންހެދި ދިރާސާތަކުން ދާއްކާގޮތުން މީގެ ހަފުތާއެއް ކުރިން ހޯދާފައިވާ ނަންބަރުތައް މިހަފުތާތެރޭ ދެގުނަވަމުންދާތަން ފެންނަކަމަށެވެ.

ޗައިނާގައި ކޮވިޑް-19ގެ ކޭސްތައް މަޑުމަޑުން އިތުރުވާން ފަށާފައި ވަނީ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ކޮވިޑް-19އާ ގުޅިގެން އެގައުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ފެށުމާއެކު މިމަހުން ފެށިގެން އެގައުމުގެ ކޮވިޑް ކޭސްތަކުގެ އަދަދު ވަނީ އިންތިހާއަށް އިތުރުވާން ފަށާފައެވެ.

އެއަރފިނިޓީން ނެރުނު ބަޔާނުގައި ވަނީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މިހާތަނަށް ލައްކައެއްހާ މީހުން ބަލީގައި މަރުވެފައިވާނެ ކަމަށް އެފަރާތުން ހެދި ދިރާސާތަކުން ދައްކާކަމަށެވެ. އަދި ބަލިޖެހުނު މީހުންގެ ޖުމުލަ އަދަދު މިހާރު 18.6 މިލިއަނަށް އަރާނެ ކަމަށްވެސް އެއަރފިނިޓީން ބުނެއެވެ.

އެއަރފިނިޓީން ބުނަނީ އެފަރާތުން ޑޭޓާ ހޯދުމަށް ބޭނުންކޮށްފައި ވަނީ ޗައިނާއިން ކުރިން އެގައުމުގެ ކޮވިޑް ކޭސްތައް ހާމަކުރަމުންދިޔަ ގޮތުގެ މައްޗަށް ކަމަށެވެ.

އެއަރފިނިޓީން ވަނީ މިފެށޭ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ޗައިނާގެ ކޮވިޑް ކޭސްތައް ޕީކަށް އަރާނެ ކަމަށާއި އެދުވަހު 3.7 މިލިއަން މީހުން ކޮވިޑަށް ޕޮޒިޓިވްވެގެން ރިޕޯޓުކުރެވޭނެ ކަމަށް އަންދާޒާކޮށްފައެވެ.

އަދި ޗައިނާގައި އެންމެ ގިނަ އަދަދަކަށް ކޮވިޑް މަރުތައް ރިޕޯޓުކުރެވިގެންދާނެ ދުވަހަކީ ޖެނުއަރީ 23 ވަނަ ދުވަސް ކަމަށާއި އެދުވަހު 25،000 އެއްހާ މީހުން ބަލީގައި މަރުވާނެ ކަމަށް ބެލެވޭ ކަމަށް އެއަރފިނިޓީގެ ރިޕޯޓް އަންދާޒާކުރެއެވެ.

ނަމަވެސް ޗައިނާގެ އިދާރާތަކުން ހާމަކޮށްފައިވާ ރަސްމީ ނަންބަރުތައް ދައްކާގޮތުން ޑިސެމްބަރު ހަތް ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ކޮވިޑް ބަލީގައި މަރުވެފައި ވަނީ 10 މީހުންނެވެ.

މިފަހުން ޗައިނާގެ ސިއްހީ އޮފިޝަލުން ވަނީ، އެގައުމުގައި މަރުވާ މީހުން، ކޮވިޑް ބަލީގައި މަރުވާކަމަށް ބެލެވޭނީ ނޭވާލާ ނިޒާމް ފެއިލްވުމުގެ ސަބަބުން މަރުވާ މީހުން އެކަނި ކަމަށް ހަދައި ކޮވިޑް މަރުގެ ގޮތުގައި ގުނޭ މަރުތަކުގެ އަދަދަށް ބަދަލު ގެނައިސްފައެވެ. ކޮވިޑް-19ށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން އެނޫން ގޮތަކަށް މީހުން މަރުވުމުން، އެމީހުން މަރުވީ ކޮވިޑް ބަލީގައި ކަމަށް ނުގުނާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

2020 ވަނަ އަހަރު ކޮވިޑް-19 ބަލިމަޑުކަން އިއުލާންކުރިފަހުން، ޑިސެމްބަރު 28ގެ ނިޔަލަށް ޗައިނާއިން ރިޕޯޓުކޮށްފައި ވަނީ 5،246 ކޮވިޑް މަރެވެ.

ނަމަވެސް އެއަރފިނިޓީން އަންދާޒާކުރަނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ޗައިނާއިން 1.7 މިލިއަން މީހުން ކޮވިޑް ބަލީގައި މަރުވާނެ ކަމަށެވެ.

- ކޮމެންޓް