ކ. މާލެ
|
30 ޑިސެންބަރ 2022 | ހުކުރު 07:05
ނ ވެލިދޫ އަދި ޅޮހީގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢޫގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
ނ ވެލިދޫ އަދި ޅޮހީގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢޫގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
އެމްޓީސީސީ
ބަނދަރު ތަރައްގީކުރުން
ނ ވެލިދޫ އާއި ޅޮހީގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
ޅޮހީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢަކީ 640 ދުވަސްތެރޭގައި ނިންމާގޮތަށް ހަވާލުކޮށްފައިވާ މަޝްރޫޢެއް
ވެލިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢަކީ 500 ދުވަސްތެރޭގައި ނިންމާގޮތަށް ހަވާލުކޮށްފައިވާ މަޝްރޫޢެއް

ނ ވެލިދޫ އަދި ޅޮހީގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިމަޝްރޫޢުތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ޝިފާއު އަލީއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.

މިމަޝްރޫޢުގެ ދަށުން 975 މީހުންގެ އާބާދީއެއް އޮންނަ ޅޮހީގެ ބަނދަރުގެ ބޭރު ހިލަތޮއްޓާއި އެއްގަމު ތޮށި މަރާމާތުކުރާނެއެވެ. މީގެ އިތުރުން ބަނދަރަށް ކޮޅުވެއްޓި ކައިރިކުރެވޭ ރޭމްޕަކާއި ޑިންގީ އެޅުމަށް ކޮންކްރީޓް ޖެޓީއެއް ބޭރުތޮއްޓާއި ދިމާލަށް ލެވުމާއެކު, ބަނދަރުގެ އެއްގަމު ތޮއްޓަށް އިތުރު އޮޑިފަހަރު ކައިރިކޮށް ހެދުމަށް ޖާގަ ލިބިގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުން، 66،701.94 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 2،205 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 321.70 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 95 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 366 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 1،720 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓެއް ހެދުމަށް ފަހުއެވެ. މި މަޝްރޫޢަކީ 64.87 މިލިއަން ރުފިޔާއަށް 640 ދުވަސް ތެރޭ ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫޢެކެވެ.

2664 މީހުންގެ އާބާދީއެއް އޮންނަ ވެލިދޫގެ ބަނދަރު ބޭރު ހިލަތޮށި އިތުރަށް ފުޅާކުރެވި، އުސްކުރެވިގެންދާނެއެވެ. މިއާއެކު ވެލިދޫ ބަނދަރަށް ބަރަވެލި ކަނޑުން ނަގާ ބިޔަ ރާޅުތަކާ ދެކޮޅަށް އިތުރު ހިމާޔަތް ލިބޭނެއެވެ. އަދި ބަނދަރުގައި ގްރޮއިންސްޖެހުމާއެކު، ކަނޑުގެ ބިޔަ ބާނީތަކާ ދެކޮޅަށް އިތުރު ރައްކާތެރިކަން ބަނދަރަށް ލިބޭނެއެވެ. މީގެ އިތުރުން ބަނދަރަށް ކޮޅުވެއްޓި ކައިރިކުރެވޭ ރޭމްޕަކާއި ޑިންގީ އެޅުމަށް ކޮންކްރީޓް ޖެޓީއެއް ބޭރުތޮއްޓާއި ދިމާލަށް ލެވުމާއެކު ބަނދަރުގެ އެއްގަމު ތޮއްޓަށް އިތުރު އޮޑިފަހަރު ކައިރިކޮށް ހެދުމަށް ޖާގަ ލިބިގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުން، 67،020 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 19،513 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 2،414 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 24،742 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ދޯނި އެހެލާ ސަރަޙައްދު ފުންކުރުމާއި، 12 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 473 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 167 މީޓަރުގެ ސަރަޙައްދެއްގަ އި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 2،433 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓެއް ހެދުމަށް ފަހުއެވެ. މި މަޝްރޫޢަކީ 47.21 މިލިއަން ރުފިޔާއަށް 500 ދުވަސް ތެރޭ ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫޢެކެވެ.

- ކޮމެންޓް