ކޮލަމްބިއާގެ ނެޝަނަލް ޑިރެކްޓާ އޮފް އެންޓި ކޮރަޕްޝަން ލުއިސް ގުސްޓާވޯ މޮރޭނޯ ރިވެރާ ހައްޔަރުކޮށްފި އެވެ.
ލުއިސް ގުސްޓާވޯ ހައްޔަރުކޮށްފައިވަނީ ކޮލަމްބިއާގެ އުސޫލްތަކާ ހިލާފަށް އެމެރިކާ އަދި ކޮލަމްބިއާ އަށް ފައިސާ އެތެރެކޮށް ބޭރުކުރުމުގެ ތުހުމަތުގައެވެ. އެގޮތުން އޭނާއާ އެކު ކޮލަމްބިއާގެ މަޝްހޫރު ގާނޫނީ ވަކީލް ލިއޮނާޑޯ ލުއިސް ޕިނިއްލާ ގޮމޭޒް ވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭނާ އަށް ވެސް ތުހުމަތުކުރަނީ މަނީ ލޯންޑްރިންގްގެ މައްސަލައެވެ.
މީގެ އިތުރުން މިއާމީ ފެޑެރަލް ކޯޓަށް ވެސް ވަނީ މި ދެ މީހުންނާ ދެކޮޅަށް މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލައިގައިވާ ގޮތުން މި ދެމީހުން ވަނީ ކޮލަމްބިއާގެ މަޝްހޫރު ސިޔާސީ މީހެއްގެ އަތުން ރިޝްވަތު ނަގާފައެވެ.
ޕްރޮސެކިއުޓަރުން ވިދާޅުވާ ގޮތުގައި މި ދެމީހުން ވަނީ އެ ސިޔާސީ މީހާ ބައްދަލުކުރުމަށް މިއާމީއަށް ވެސް ދަތުރުކޮށްފައެވެ. އެގޮތުން އެ ސިޔާސީ މީހާއާ މި ދެ މީހުން ދެއްކި ވާހަކަ ވެސް ވަނީ ރެކޯޑް ކުރެވިފައެވެ. މީގެ އިތުރުން އެ މީހުންނަށް ޑިޕޮޒިޓެއްގެ ގޮތުގައި 10،000 ޑޮލަރު ދީފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ.
އެ ދެމީހުންނާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި އިތުރަށް ބުނެފައިވަނީ އެ ސިޔާސީ މީހާ އެ ދެމީހުންގެ ފަރާތުން އެދިފައިވަނީ ވިޓްނެސް ސްޓޭޓްމެންޓްތަކެއްގެ ކޮޕީތަކެއް ހޯދުމަށެވެ. އެގޮތުން މިކަންތައް ކޮށްދީފި ނަމަ ކޮންމެ މީހަކަށް 34،000 އަށްވުރެ ގިނަ ޑޮލަރު ދިނުމަށްވެސް އެ ސިޔާސީ މީހާ ވަނީ އެއްބަސްވެފައެވެ.
ރިޕޯޓްތައް ބުނާގޮތުން މި ދެމީހުން ހައްޔަރުކޮށްފައިވަނީ ރެޑް ނޯޓިސްއެއްގެ ދަށުންނެވެ.
މި މައްސަލަ ތަހުގީގުކުރަމުން އަންނައިރު، މިކަމާ ގުޅިގެން ކޮލަމްބިއާގެ ރަސްމީ އެއްވެސް ފަރާތަކުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.