Advertisement
ކ. މާލެ
|
29 ޑިސެންބަރ 2022 | ބުރާސްފަތި 07:11
އެމްޑީޕީ ކޮންގްރެސް
އެމްޑީޕީ ކޮންގްރެސް
ސޯޝަލްމީޑިއާ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލެވޭ 57،714 މީހުންގެ ލިސްޓު އާންމުކޮށްފި
ރިޔާސީ ޕްރައިމަރީގެ ފައިނަލް ވޯޓާސް ލިސްޓު އާއްމުކުރާނީ 3 ޖެނުއަރީ 2023 ގައި
ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް 1 ޖެނުއަރީ 2023 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް އެ ފުރުޞަތު ވަނީ ހުޅުވާލާފައި

އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓު އެމްޑީޕީން އާންމުކޮށްފިއެވެ.

އާންމުކޮށްފައިވާ ލިސްޓަށް ބަލާއިރު 57،714 މީހުންނަށް ރިޔާސީ ޕްރައިމަރީގައި ވޯޓުލެވެއެވެ. މި ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް 1 ޖެނުއަރީ 2023 ވަނަ ދުވަހުގެ ހަވީރު 4:00 އާއި ހަމައަށް އެ ފުރުޞަތު ހުޅުވިފައިވާކަމަށް އެމްޑީޕީން ބުނެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ޓައިމްލައިން ދައްކާ ގޮތުން ރިޔާސީ ޕްރައިމަރީގެ ފައިނަލް ވޯޓާސް ލިސްޓު އާއްމުކުރާނީ 3 ޖެނުއަރީ 2023 ގައެވެ.

އެމްޑީޕީން ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށްފައިވާއިރު ޕްރައިމަރީގައި ވާދަކުރައްވާ އެއް ކެންޑިޑޭޓްކަމުގައިވާ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީގެ ވަރަށް ގިނަ އަދަދެއްގެ މެންބަރުން ޕާޓީގެ ދަފްތަރުން އުނިކޮށް މެންބަރުން ގަޑުބަޑުކޮށްފައިވާ ކަމަށާއި އެގޮތަށް އޮތް ދަފްތަރަކަށް ބަލައިގެން ބާއްވާ ރިޔާސީ ޕްރައިމަރީ އިންސާފުވެރި ނުވާނެ ކަމަށް ތުހުމަތުކުރައްވާފައެވެ. އެމްޑީޕީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ފޮނުއްވި ސިޓީއެއްގައި ނަޝީދު ވަނީ އެ ޕާޓީގެ ދަފްތަރު ގަޑުބަޑުވީ ވޯޓުލާ ދަފްތަރުން 40،000 ގާތަށް މެންބަރުންނަށް އެންގުމަކާ ނުލައި ވަކިކުރުމުން ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

އެކަމާއި ގުޅިގެން އެމްޑީޕީން ބުނެފައިވަނީ ދަފްތަރު ސައްހަކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، މިއަދާ ހަމައަށް ވެސް މެންބަރުން އެ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އޮތީ ހުޅުވާލެވިފައި ކަމަށެވެ.

ނަޝީދު އިޝާރާތްކުރައްވާ މެންބަރުންގެ މައްސަލަ ފެންމަތިވެފައިވަނީ އެމްޑީޕީގައި ތިބި އެހެން ޕާޓީތަކުގެ މެންބަރުން ވަކިކުރަން ޗެއާޕާސަން ހޮވުމުގެ އިންތިޚާބާއި ދިމާކޮށް އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކުރުމުންނެވެ.

Advertisement

ޗެެއާޕާސަން ހޮވުމުގެ އިންތިހާބުގެ ކުރިން ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ އީސީގެ ދަފްތަރުގައި ނުހިމެނޭ އެމްޑީޕީގެ 39،911 މީހުންގެ ތެރޭގައި އެހެން ޕާޓީތަކުގައި ވެސް ރަޖިސްޓްރީވެފައިވާ މެންބަރުން ހިމެނޭ ކަމަށެވެ.

އެހެންވެ ގައުމީ މަޖިލީހުން އޭރު ނިންމީ އެމްޑީޕީގެ އެކި މަގާމްތަކުގައި ތިބި މީހުންގެ މެމްބަޝިޕް ވަގުތުން ސައްހަ ކުރުމަށެވެ. އެއާއެކު 39،000 މީހުންގެ ތެރޭގައި އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އީސީގައި ރަޖިސްޓްރީކޮށްފައިވާ ނަމަ އެ މީހަކު ވަގުތުން ވަކިކުރުމަށެވެ. ޗެއާޕާސަން އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ދީފައިވަނީ އީސީގެ ދަފުތަރުގައިވާ އެމްޑީޕީ މެންބަރުންނަށެވެ. އެމްޑީޕީން ބުނެފައިވަނީ ވަކިކުރި މެންބަރުން ޕާޓީއާ އަލުން ގުޅުމުގެ ފުރުސަތު އެބައޮތްކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައިވާ ގޮތުން 11 ޑިސެންބަރު 2022ގެ ނިޔަލަށް އެމްޑީޕީގައި ތިބީ 58،175 މެންބަރުންނެވެ.

ރިޔާސީ ޕްރައިމަރީއާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެމްޑީޕީން ވަނީ ހުޅުވާލާފައެވެ. މި ޕްރައިމަރީގައި ވާދަކުރައްވަން ފޯމު ހުށަހެޅުއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އާއި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއެވެ. ރައީސް ނަޝީދަށް ކެންޑިޑޭޓް ނަންބަރު އެކެއް ލިބިވަޑައިގެންފައިވާއިރު ރައީސް ޞާލިހަށް ލިބިވަޑައިގެންފައިވަނީ ކެންޑިޑޭޓް ނަންބަރު 2 އެވެ.

Advertisement

Advertisement
- ކޮމެންޓް