ބްރެޒިލްގެ ރައީސް މިޝެލް ޓެމާ ގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފިކަމުގެ ދައުވާއަކީ އަސާސެއް ނެތް "ހިޔާލީ ވާހަކަތަކެއް" ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު ދެއްވި ތަގުރީރެއްގައި ޓެމާ ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ކުރެވިފައިވާ ރިޝްވަތު ހިފިކަމުގެ ދައުވާ އަކީ އަސާސެއް ނެތް "ހިޔާލީ ވާހަކަތަކެއް" ކަމަށާއި އެ "ހިޔާލީ ވާހަކަތައް" ބިނާވެފައި ވަނީ "ބަދަލުހިފުމުގެ" މައްޗަށް ކަމަށެވެ.
މީގެ އިތުރުން ޓެމާ ވަނީ ބްރެޒިލްގެ ޗީފް ޕްރޮސިކިއުޓަރު ޓެމާއާ ދެކޮޅަށް ބޭނުން ކުރައްވާ ހެކީގެ ސައްހަ ކަމާ މެދު ވެސް ސުވާލު އުފައްދަވާފައެެވެ. ޓީމާގެ މައްޗަށް ތުހުމަތުކުރެވިފައި ވަނީ އެއްގަމު މަސް ބަންދުކުރާ ފާމެއްގެ ވެރިޔާގެ އަތުން ފައިސާ ނެގިކަމެވެ.
ރައީސްގެ ރަސްމީ ގަނޑުވަރުކޮޅުން ޓީވީ މެދުވެރިކުރައްވައި ދެއްވި ތަގުރީރެއްގައި ޓެމާ ވިދާޅުވީ އަސާސެއްް ނެތް ދައުވާއެއް ޗީފް ޕްރޮސިކިއުޓަރު ކުރެއްވި ކުރެއްވުމަކީ "ގަދަރަށް" އުނިކަން ލިބިދެނިވި ކަމެއް ކަމަށާއި އަދި ދެއަހަަރު ދުވަހުގެ އިގްތިސާދީ ގޮންޖެހުމަށް ފަހު ގައުމު ހަމަ މަގަށް އެޅޭއިރު ގައުމު "ޕެރެލައިސް" ކޮށްލަން އުޅޭ އުޅުމެއް ކަަމަށެވެ. ތަގުރީރުގައި ޓެމާ ވަނީ އޭނާ އަށް ފައިސާ ލިބުމުގެ އަސްލު ހެކި ކޮަބައިތޯ ސުވާލު އުފައްދަވާފައެވެ. މީގެ އިތުރުން ޓެމާ ވަނީ ނުކުރައްވާ ކުށަކަށް ތުހުމަތު ކުރެވޭނެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ޓެމާގެ މައްޗަށް ކުރެވޭ ދައުވާއަކީ ގާނޫނުހަދާ މަޖިލީހުގެ ތިރިގެއަށް ފޮނުވޭނެ މައްސަލައެއްތޯ ކަނޑައެޅުމަށް، މައްސަލަ މިހާރު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ އަތްޕުޅަށް ފޮނުވާފައެވެ. ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުން، ޓެމާގެ މައްޗަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނީ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެއިންނެވެ. ޓެމާ ވަނީ އޭނާގެ ކުށެއް ނެތްކަން ސާބިތުކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.
މިދިޔަ އަހަރު މަގާމާ ހަވާލުވެ ވަޑައިގެންނެވީއްސުރެ ޓެމާގެ މައްޗަށް ހުއްޓުމެއް ނެތި ދިޔައީ ތުހުމަތުތައް ކުރެވެމުންނެވެ. ނަމަވެސް ރަސްމީކޮށް ދައުވާއެއް އުފުލުނު މިއީ ފުރަތަމަ ފަހަރެވެ.
މުރާސިލުން ލަފާކުރާ ގޮތުގައި ރައީސް ޓެމާގެ މައްޗަށް ކުރިއަށް އޮތް ހަފްތާތަކުގައި އިތުރު ދައުވާތައް އުފުލާނެ ކަމަށް ބެލެވެއެވެ.
ޓެމާގެ މަގުބޫލުކަން އިންތިހާއަށް ކުޑަ ނަމަވެސް އެމަނިކުފާނު ގެންދަ ވަނީ ސެންޓާ ރައިޓް ޕާޓީއާ ގުޅިފައިވާ އިއްތިހާދުގެ ތެރެއިން ސަރުކާރު ހިންގަވަމުންނެވެ.
އިދިކޮޅު ފަރާތްތަކުން ގެންދަނީ ޓެމާ މަގާމުން ދުރުކޮށް އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލަމުންނެވެ.