ލޯކަލް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތުގެ ގޮތުގައި އޮތް ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކައުންސިލްތަކަށް ދުއްތުރާ ނުކޮށް އެއްބާރުލުން ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަމާއު މިހެން ވިދާޅުވީ އެލްޖީއޭއަށް އަލަށް އައްޔަން ކުރެއްވި ބޯޑާ ގުޅޭ ގޮތުން އަންގާރަ ދުވަހުގެރޭ ރާއްޖެ ޓީވީގެ 60 މިނެޓް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
ޝަމާއު ވިދާޅުވީ ނިމިގެން ދިޔަ ދެއަހަރު ނުވަތަ ތިން އަހަރަކީ ރާއްޖޭގައި މިހާރު މިއޮތް ލާމަރުކަޒީ ނިޒާމް ފުނޑުފުނޑު ކޮށްލަން އެންމެބޮޑަށް މަސައްކަތްކުރި ތިން އަހަރު ކަމަށާއި ސީދާ ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް ބަދަލުތަކެއް ގެނެސް ކައުންސިލްތަކުގެ ބާރު ކަނޑުވާލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ޝަމާއު ވިދާޅުވީ ކުރިން އެލްޖީއޭގެ ރައީސްކަން ކުރެއްވި ދެ ބޭފުޅުން ވެސް ސަރުކާރުން އެކަން ކުރަން ބޭނުންވާ ކަމަށް ވިދާޅުވެފައިވާ ކަމަށާއި ޤާނޫނަށް ބަދަލު ގެނެސް ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބަޔަކު އެލްޖީއޭގެ ބޯޑުގައި ތިއްބަވާ ގޮތަށް ހެއްދެވުމަކީ އެމަސައްކަތުން ބައެއް ކަމަށެވެ.
ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބަޔަކު އެބޯޑުގައި ތިއްބެވި ނަމަވެސް ސަމާއު ވިދާޅުވި ގޮތުގައި އެބޯޑަށް ވަޑައިގެންނެވުމުން ވެސް ކައުންސިލް ތަކުގެ ޙައްޤުގައި މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އެބޯޑަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.
އެގޮތުން ކައުންސިލްތަކުން އެކިއެކި ކަންކަމުގައި އެލްޖީއޭއަށް ދާނެ ކަމަށާއި އެގޮތައް ދިއުމުން ކައުންސިލްތަކަށް ދުއްތުރާ ކުރުމުގެ ބަދަލުގައި ކައުންސިލްތަކަށް އެއްބާރުލުން ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"އަޅުގަނޑު އުއްމީދު ކުރަނީ މިއަދު އެބޭފުޅުން އެލްޖީއޭގެ ބޯޑަށް ހަވާލުވީމަ އެއީ ޤާނޫނީ ގޮތުން ވަރަށް ބޮޑު ޒިންމާއެކޭ މަސްއޫލިއްޔަތެކޭ ކައުންސިލްތައް ހަރުދަނާ ކުރުމަށްޓަކައި ކައުންސިލްތައް ރަނގަޅުކުރުމަށް. އަޅުގަނޑުމެން އުއްމީދު ކުރަނީ އަޅުގަނޑުމެން ހުރިހާ ކައުންސިލްތަކަށް އެލްޖީއޭގެ ބޯޑުގެ ފަރާތުން އުނދަގުލާ ދުއްތުރާ ޖެއްސުމުގެ ބަދަލުގައި މުޅިން ވެސް އެއްބާރުލުން ލިބޭނެ ކަމަށް" ޝަމާއު ވިދާޅުވިއެވެ.
އެލްޖީއޭގެ ބޯޑުގައި ކުރިން ނުވަ މެންބަރުން ތިއްބެވި ނަމަވެސް، އެލްޖީއޭގެ ފުރިހަމަ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް މިހާރު އެ ބޯޑުގެ މެންބަރުންގެ އަދަދު ވަނީ ފަހަކަށް މަދުކޮށްފައެވެ. އެގޮތުން، އެ ބޯޑުގެ ރައީސް، ހޯމް މިނިސްޓަރ އަޒްލީން އަޙުމަދާއި، ނައިބު ރައީސް މިންނާ ރަޝީދުގެ އިތުރުން ދެން އެ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ، ސ. ހިތަދޫ ފަރުދާބަގީޗާގޭ އަހުމަދު ހަސަން (ޗާނދަލިޔާ ހަސަން) އާއި ގއ. ކަނޑުހުޅުދޫ ހެޕީކޯނަރު އާމިރު އަލީ އަދި އެ ބޯޑުގެ ސީއީއޯއެވެ.