ކ. މާލެ
|
28 ޑިސެންބަރ 2022 | ބުދަ 12:08
ނޫސްވެރިން
ނޫސްވެރިން
ރައީސް އޮފީސް
މީޑިއާގެ އަޚްލާޤީ މިންގަނޑު
ދިވެހި މީޑިއާގެ އަޚްލާޤީ މިންގަނޑު ރިވިއުކޮށް ގެޒެޓުކޮށްފި
 
ނަން ހާމަކުރަން ބޭނުން ނުވާ މަސްދަރުތައް ނޫސްވެރިޔާ ސިއްރުކުރާނެ
 
ނުރަނގަޅު އަސަރު ފޯރާނެފަދަ މަންފާތަކާއި ނުފޫޒުތަކުން އެއްކިބާވުން ހިމެނޭ

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެެ ދަށުން 2011 ޖަނަވަރީ 31 ގައި އެކަށައެޅި "ދިވެހި މީޑިއާގެ އަޚްލާޤީ މިންގަނޑު" ރިވިއުކޮށް، 2022 ސެޕްޓެންބަރު 17 ގައި އެކުލަވައިލި، ދިވެހި މީޑިއާގެ އަޚްލާޤީ މިންގަނޑު ގެޒެޓުކޮށްފިއެވެ.

މި މިންގަނޑުގެ ދަށުން އަލިއަޅުވާލާފައިވާ މައިގަނޑު ބައިތަކުގެ ތެރޭގައި އިސްލާމްދީނާއި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއި،  އާންމުންނަށް ޙަޤީޤަތް އެނގުމުގެ ޙައްޤަށް އިޙުތިރާމް ކުރުމުގެ އިތުރުން، އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތައި އިޖުތިމާޢީ އަޚްލާޤު ހިފެހެއްޓުން ހިމެނެއެވެ.

އަދި ނޫސްވެރިކަމަށް ނުރަނގަޅު އަސަރު ފޯރާނެފަދަ މަންފާތަކާއި ނުފޫޒުތަކުން އެއްކިބާވުމާއި، ނޫސްވެރިކަމުގެ ހަމަތައް ހިފަހައްޓައި، އެއްވެސް ބިރަކަށް ޖެހިލުން ނުވުންވެސް ހިމެނެއެވެ.

ނޫސްވެރިއަކު ޝާއިޢުކުރާ އެއްޗެއްގައި، އެހެން ފަރާތެއްގެ ފިކުރީ މުދަލެއް ބޭނުންކުރާނީ، އެ އެއްޗެއްގެ ވެރިފަރާތުގެ ހުއްދައާއެކު، ކްރެޑިޓް ދީގެންކަމަށް ނޫސްވެރިންގެ އަހުލާގީ މިންގަނޑުގައި ބަޔާންކޮށްފައިވެއެވެ.

އަދި ޚަބަރާއި މަޢުލޫމާތު ޝާއިއު ކުރުމުގައި، އާންމު އިޖުތިމާޢީ މިންގަނޑުތަކަށް ނުފެތޭ، ހަޑި ހުތުރު ބަސް ބޭނުންކުރުމުން ނޫސްވެރިޔާ ދުރުހެލިވާން ވާނެކަމަށްވެސް ބަޔާންކޮށްފައިވެެއެވެ.

ލާއިންސާނީ އަނިޔާ ނުވަތަ އަނިޔާވެރި މަންޒަރު ސިފަކޮށްދޭ އެއްވެސް އެއްޗެއް ޝާއިޢުކުރާނީ އާންމު މަޞްލަޙަތަށް ޓަކައި އެކަން ކޮންމެހެން ކުރަންޖެހޭ ހާލަތުގައި އެ މިންވަރަށް އެކަނިކަމަށްވެސް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އެ ހާލަތުގައި ވެސް އެފަދަ އެއްޗެއްގެ ސަބަބުން ނުރަނގަޅު އަސަރެއް ކޮށްފާނެ ފަރާތްތަކަށް އެކަން އެންގުމަށް ސަމާލުކަން ދޭން ޖެހެއެވެ.

އޭގެ އިތުރުން، ނޫސްވެރިން ޚަބަރާއި މަޢުލޫމާތު ފަތުރާއިރު މަޢުލޫމާތުދޭ ފަރާތް ހާމަކުރަން އިސްކަން ދިން ނަމަވެސް، ނަން ހާމަކުރަން ބޭނުން ނުވާ މަސްދަރުތައް ނޫސްވެރިޔާ ސިއްރުކުރާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

ހަމައެއާއެކު، ކުޑަކުދިންނާ ގުޅޭ ޚަބަރާއި މަޢުލޫމާތު ޝާއިޢުކުރާއިރު އެ ކުދިންގެ ކަރާމަތާއި ޙައްޤުތައް ޙިމާޔަތް ކުރުމާއި، ހިތާމައާއި މާޔޫސްކަމުގެ ހާދިސާއެއް މެދުވެރިވެފައިވާ ފަރާތްތަކާއި ނާޒުކު ހާލަތްތަކާއި ނަފްސާނީގޮތުން އަސަރުކޮށްފައި ތިބޭ މީހުންގެ އިންޓަވިއު ނަގައި މަޢުލޫމާތު ހޯދައި ޝާއިޢު ކުރުމުގައި ފަރުވާތެރިވުމާއި، ޖިންސީ ގޯނާއާއި ގެވެށި އަނިޔާ ލިބިފައިވާ ފަރާތްތަކުގެ މަޢުލޫމާތެއް ހާމަކުރާއިރު، އެއީ ކާކުކަން ހާމަވާ މިންވަރަށް އެ މަޢުލޫމާތު ހާމަކުރުމުގައި ފަރުވާތެރިވުމުގެ އިތުރުން، އަމިއްލައަށް މަރުވުމާއި، ޖިނާއީ ކުށްތަކާ ބެހޭ މަޢުލޫމާތު ޝާއިޢުކުރާއިރު، އެފަދަ ޢަމަލުތަކަށް ހިތްވަރު ލިބޭފަދަ ގޮތަކަށް އެ ކަންކަމުގެ މަޢުލޫމާތު ޝާއިޢުކުރުމުން ދުރުހެލިވުންވެސް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް