ކ. މާލެ
|
28 ޑިސެންބަރ 2022 | ބުދަ 11:47
މިއިން ކޮންމެ ސައިކަލެއްގެ އަގަކީ ގާތްގަނޑަކަށް 1500 އެމެރިކާ ޑޮލަރު، އެއީ ޕެޓްރޯލް އަޅައިގެން ދުއްވާ ކޮމްބަސްޝަން އިންޖީނު ސައިކަލެއްގެވެސް އަގު
އިލެކްޓްރިކް ސައިކަލު
ބެޓެރީ ދޫކުރާ ސްޓޭޝަންތަކާއެކު ކެންޏާގެ ސައިކަލު ސިނާޢަތަށް ބޮޑު އިންޤިލާބެއް
އިކޯބޮޑާގެ ދަށުން ކެންޏާގެ މަގުތަކުގައި މިހާރުވެސް 50 އަކަށް އިލެކްޓްރިކް ސައިކަލު، ދުއްވާ، 2023 ވަނަ އަހަރު، އެ ޢަދަދު 1000 އަށް އިތުރު ކުރުމަކީ އެ ކުންފުނީގެ އަމާޒު
ތިމާވެށީގެ ތަޖުރިބާކާރުން އިންޒާރު ކުރާ ގޮތުގައި، އެ ފަދަ ސައިކަލުތަކުން ވެއްޓަށް ލިބޭ ގެއްލުން، 10 ގުނަ އިތުރު
ޕެޓްރޯލް އަޅައިގެން ދުއްވާ ސައިކަލުތަކަށް ހިނގާ ޚަރަދު ކުޑަ ވެފައި، ކާރުތަކަށް ވުރެ ހަލުވި ދުވެލީގައި އެއް ތަނުން އަނެއް ތަނަށް ދަތުރު ކުރެވޭ

މިދިޔަ ހަތަރު-ފަސް މަހެއްހާ ދުވަހަށް ބަލާއޮރު، ކެންޏާގެ ވެރިރަށް ނައިރޯބީގެ މަގުތައްމަތިން ފެންނަމުން ދިޔަ އެއް މަންޒަރަކީ، ސައިކަލު ބެޓެރީ ބަދަލު ކޮށްދިނުމަށް ހާއްސަކޮށްގެން ކަޑަތަކެއް ހުޅުވަމުން ދިޔަ މަންޒަރެވެ. ލޮލުގަ އަޅައިގަންނާނެހާ ކުލަތައް ބޭނުން ކޮށްގެން ފަރުމާ ކޮށްފައި ވާ އެ ކަޑަތަކަކީ ކެންޏާގެ ސައިކަލު ދުއްވުމުގެ ޘަޤާފަތަށް އިންޤިލާބީ ބަދަލެއް ގެނެސްދިން ކަޑަތަކެކެވެ.

ސައިކަލު ބެޓެރީ ބަދަލު ކޮށްދޭ އެ ކަޑަތަކަކީ، އިލެކްޓްރިކް ސައިކަލު ދުއްވާ މީހުންނަށް ހާއްސަ ކަޑަތަކެކެވެ. ސައިކަލުގެ ބެޓެރީ ބާރު ދެރަވާން ފެށުމުން، ޗާޖު ހުސްވަމުންދާ ބެޓެރީ، ކަޑައަށް ދިނުމަށް ފަހު، އެއްކޮށް ޗާޖު ކޮށްފައި ވާ ބެޓެރީއެއް ހޯދުމުގެ ފުރުޞަތު، ސައިކަލު ދުއްވާ މީހުންނަށް ހޯދާދެއެވެ.

މިއީ ކެންޏާގައި އިލެކްޓްރިކް ސައިކަލުގެ އިންޤިލާބެއް އަންނަން އުޅޭ ކަމުގެ ނިޝާނެކެވެ. ޕެޓްރޯލް އަޅައިގެން ދުއްވާ ސައިކަލުތަކަށް ހިނގާ ޚަރަދު ކުޑަ ވެފައި، ކާރުތަކަށް ވުރެ ހަލުވި ދުވެލީގައި އެއް ތަނުން އަނެއް ތަނަށް ދަތުރު ކުރެވުނު ކަމުގައި ވީ ނަމަވެސް، ތިމާވެށީގެ ތަޖުރިބާކާރުން އިންޒާރު ކުރާ ގޮތުގައި، އެ ފަދަ ސައިކަލުތަކުން ވެއްޓަށް ލިބޭ ގެއްލުން، 10 ގުނަ އިތުރެވެ.

މާލީ ނަޒަރަކުން ވިސްނާ ކަމަށް ވަންޏާ، ސައިކަލު ދުއްވާ މީހުންގެ އާމްދަނީ އިތުރު ކުރުމަށްޓަކާ އެމީހުން އެބަ ޖެހޭ އޮޕަރޭޝަނަށް ހިނގާ ޚަރަދު ކުޑަ ކުރަން. އެހެންވެ، އެކަން ކުރާނެ ގޮތެއް މިތާ އޮތްތޯ އަހަރަމެން ބަލަން ފެށީ. އެކަމަކު، އެކަން އޮތީ ޗައިނާގަ. އެފްރިކާގެ ބާޒަރަށް ފެތޭ ގޮތަކަށް ނޫން ކަންތައްތައް އޮތީކީ. ދެން އަހަރަމެންނަށް އެކަން އަހުލުވެރި ކުރަންވެގެން، 3 ވާޜަންއަކަށް ބަދަލު ގެނައިން. އެންމެ ފަހުން މި ލިބުނީ ވިޔަފާރިވެރިންނާއި ކަސްޓަމަރުންގެ މުހުތާދުތައް ފުދޭ އުފެއްދުމެއް.
ސްޓީވް ޖޫމާ؛ އީކޯބޮޑާގެ ކޯ-ފައުންޑަރ

އިރުމަތީ އެފްރިކާގެ އެންމެ ވަރުގަދަ އިޤްތިޞާދުން މިއަދު އަރުވާޖަހާފައި އޮތީ ޖައްވު ހޫނު ކުރާ ވިހަ ގޭހުން އެއްކިބާވެ، ކަރަންޓު ހަކަތައިގެ އެހީގައި އެއްތަނުން އަނެއްތަނަށް ދަތުރުފަތުރުކޮށް އުޅޭ މަންޒިލަކަށް އެ ސަރަޙައްދު ހެދުމަށް ކުރަމުން ދާ މަސައްކަތުގައި ލީޑަރަކަށް ވުމަށެވެ.

ސައިކަލު ބެޓެރީ ބަދަލު ކޮށްދޭ ކަޑަތަކާއެކު ސަލާމަތް ވަނީ ހަމައެކަނި ވަގުތެއް ނޫނެވެ. ސައިކަލު ދުއްވާ މީހުންނަށް، އެކަމުގައި މާލީ ފައިދާތަކެއްވެސް އެކުލެވެއެވެ. ބެޓެރީއަކީ ސައިކަލެއްގައި ހިމެނޭ އެންމެ އަގުބޮޑު އެއް ބައި ކަމަށް ވާ އިރު، ކެންޏާގައި ބެޓެރީ ބަދަލު ކޮށްދޭ ކަޑަތައް ހިންގަމުންދާ އުސޫލަކީ، ބެޓެރީގެ ވެރި ފަރާތަކީ ވިޔަފާރިވެރިޔާ ކަމަށް ބުނާ މޮޑެލްއެއް ކަމުން، ސައިކަލު ދުއްވާ މީހުންގެ މާލީ ތަކުލީފު ކުޑަކޮށްދެއެވެ. ކެންޏާގައި ސައިކަލު ދުއްވާ މިލިއަނަކަށް ވުރެ ގިނަ މީހުން އުޅެއެވެ.

އިކޯބޮޑާގެ ދަށުން ކެންޏާގެ މަގުތަކުގައި މިހާރުވެސް 50 އަކަށް އިލެކްޓްރިކް ސައިކަލު، ކެންޏާގެ މަގުތަކުގައި ދުއްވައެވެ. 2023 ވަނަ އަހަރު، އެ ޢަދަދު 1000 އަށް އިތުރު ކުރުމަކީ އެ ކުންފުނީގެ އަމާޒެވެ. މިއިން ކޮންމެ ސައިކަލެއްގެ އަގަކީ ގާތްގަނޑަކަށް 1500 އެމެރިކާ ޑޮލަރެވެ. އެއީ ޕެޓްރޯލް އަޅައިގެން ދުއްވާ ކޮމްބަސްޝަން އިންޖީނު ސައިކަލެއްގެވެސް އަގެވެ. އިލެކްޓްރިކް ސައިކަލުގެ އަގު، އެހާ ހެޔޮ ކޮށްލެވުނީ، ސައިކަލުގެ އަގުން ބެޓެރީގެ އަގު ކަނޑާލުމުންނެވެ.

އިލެކްޓްރިކް ސައިކަލެއް ގަތުމަށް ހިނގާ ޚަރަދު ބޮޑު ކަމުގައި ހީވި ނަމަވެސް، ސައިކަލު ގަތުމަށް ފަހު، ޕެޓްރޯލް އަޅައިގެން ދުއްވާ ސައިކަލަކަށް ކުރަން ޖެހޭ ޚަރަދަށް ވުރެ، ހޭދަތައް ލުޔެވެ.

އަހަރެން މި ކަހަލަ ސައިކަލެއް ޚިޔާރު ކުރީ، އާދައިގެ ސައިކަލުތައް ސަރވިސް ކުރަންޖެހޭ ވަރަށް މި ކަހަލަ ސައިކަލުތައް ސަރވިސް ކުރަން ނުޖެހޭތީ. އާދައިގެ ސައިކަލަކަށް ބަލާއިރު ތެލަށް އެކަނިވެސް އަހަރެން އެބަ ޚަރަދު ކުރަން ޖެހޭ 700 ނޫނީ 800 ކެންޏަން ޝިލިންގްސް. އެކަމަކު، މި ކަހަލަ ސައިކަލުގަ، ބެޓެރީ ބަދަލު ކުރުމުގެ ފުރުޞަތު އޮވޭ، 300 ޝިލިންގްސްއަށް. ދުވާލަކު، 2 ބެޓެރީ... އެހެންވެ، ދުވާލަކަށް 600 އިން ނިންމާލެވޭ.
ކެވިން މަޗާރިއާ؛ ސައިކަލް ޓެކްސީ ކުރާ މީހެއް

އިކޯބޮޑާއަކީ ކެންޏާގައި ހިންގާ މިފަދަ ގިނަ ވިޔަފާރިތަކުގެ ތެރެއިން އެއް ވިޔަފާރިއެވެ. އަމާޒު ހިފާފައި ވަނީ އިރުމަތީ އެފްރިކާ ސަރަޙައްދަށް ވިޔަފާރި ފުޅާ ކުރުމަށެވެ.

ކެންޏާގެ ކަރަންޓު ސަޕްލައިގެ ނިޒާމުގެ 95 ޕަސެންޓްއަކީ މިހާރުވެސް އިޔާދަ ކުރަނިވި ހަކަތައަށް ބަރޯސާވެފައިވާ ނިޒާމެކެވެ. އިޔާދަ ކުރަނިވި ހަކަތައިގެ ބޮޑު ޕަސެންޓެއް އުފައްދަނީ ފެނުންނެވެ. ނެޓްވޯކްވެސް ފިސާރި ފުޅަލެވެ. ކަރަންޓު ބޭނުންކޮށްގެން ޗާޖުކުރާ ބެޓެރީ ސައިކަލުގެ ސިނާއަތް ކުރިއެރާ ދިއުމަށް އެންމެ ބޮޑު އެއް ހިތްވަރަކީވެސް އެއީއެވެ.

ކެންޏާގައި ކަރަންޓުގެ ހަކަތަ ބޭނުން ކުރަމުން ދާ ގޮތަށް ބަލާއިރު، ދުވާލެއްގެ މައްޗަށް 2 މިލިއަން އިލެކްޓްރިކް ސައިކަލު ރީޖާޗު ކުރުމުގެ ޤާބިލުކަން އެ ޤައުމަށް ލިބިގެންވެއެވެ. ވޯލްޑްބޭންކުގެ ރެކޯޑްތަކަށް ބަލާއިރު، ކެންޏާގައި ކަރަންޓުގެ ޚިދުމަތް ލިބޭ ނިސްބަތް އުޅެނީ 75 ޕަސެންޓްގައެވެ. ޤައުމު ތެރެއަށް ވަކިން ބަލާއިރު، ވެރިރަށް ނައިރޯބީގައި އެ އިންސައްތަ އަދި އެއަށްވުރެވެސް މައްޗެވެ.

ޔުގާންޑާއާއި ޓެންޒޭނިއާގެ ކަރަންޓުގެ ނިޒާމުތަކަކީވެސް އިޔާދަ ކުރަނިވި ހަކަތައަށް އިންތިހާއަށް ބަރޯސާވެފައިވާ ނިޒާމުތަކެއް ކަމުން، އިލެކްޓްރިކް ސައިކަލުގެ އިންޤިލާބަށް އޮތީ މުޖާލާ މުސްތަޤުބަލެއް ކަމުގައި ޤަބޫލު ކުރެވެއެވެ.

- ކޮމެންޓް