Advertisement
ކ. މާލެ
|
28 ޖޫން 2017 | ބުދަ 04:08
ރަށުން ކަރަންޓް ކެނޑިފައިވާތީ އަލިފުށީ ގިނަ ރައްޔިތުން ކައުންސިލް އޮފީސް ދޮށުގައި
ރަށުން ކަރަންޓް ކެނޑިފައިވާތީ އަލިފުށީ ގިނަ ރައްޔިތުން ކައުންސިލް އޮފީސް ދޮށުގައި
ރާއްޖެ އެމްވީ
ކަރަންޓުގެ މައްސަލަ
ރައްޔިތުންގެ ތަކެއްޗަށް ގެއްލުން ލިބޭފަދަ ގޮތަކަށް ކަރަންޓެއް ބޭނުމެއް ނޫން: އަލިފުށީ ކައުންސިލް
އަލިފުއްޓަށް ވަގުތީ ކަރަންޓެއް ދެވޭނެ ގޮތް ވަނީ ވެފައި: ޝަރީފް
ރައްޔިތުންގެ ތަކެއްޗަށް ގެއްލުންވާ ގޮތައް ކަރަންޓް ކެނޑޭނަމަ ކަރަންޓް ދޭކަށް ރައްޔިތުން ބޭނުމެއް ނުވޭ:ކައުންސިލް

އިރުއިރުކޮޅާ ކަރަންޓް ކެނޑި ރައްޔިތުންގެ އަގު ބޮޑު މުދަލަށް ގެއްލުން ލިބޭފަދަ ގޮތަކަށް ދޭ ކަރަންޓެއް ބޭނުން ނޫންކަމަށް ރ އަލިފުށީ ކައުންސިލުން ބުނެފިއެވެ.

އަލިފުށީ ކައުންސިލުން މިހެން ބުނީ އެރަށުގެ ޖަނަރޭޓަރުތަކަށް ދިމާވެފައިވާ މައްސަލަތަކަށް ވަގުތީ ހައްލެއް ގެނެސްގެން ކަރަންޓް ދޫކުރެވޭނެ ގޮތެއް މިހާރު ހަމަޖެހިފައިވާ ކަމަށާއި ނަމަވެސް ކަރަންޓް ދޫ ނުކުރެވިވަނީ ރައްޔިތުންގެ ތެރެއިން ބަޔަކު ހުރަސްއަޅާތީ ކަމަށް އެރަށަށް ކަރަންޓް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވުމުން އެކަމަށް ރައްދު ދެމުންނެވެ.

އަންގާރަ ދުވަހުގެރޭ ރާއްޖެ ޓީވީގެ ސުންގަޑި ޕްރޮގްރާމަށް ދެއްވި އިންޓަރވިއުއެއްގައި ޝަރީފް ވިދާޅުވީ އަލިފުށީގައި ހުންނަނީ 400 ކިލޯވޮޓްގެ ޖަނަރޭޓަރަކާއި 600 ކިލޯވޮޓްގެ ޖަނަރޭޓަރެއް ކަމަށާއި މައްސަލަ ދިމާވެފައިވަނީ 600 ކިލޯވޮޓްގެ ޖަނަރޭޓަރުގެ ރޭޑިއޭޓަރަށް ކަމަށެވެ. އަދި އެކަން ހައްލުކޮށް ވަގުތީ ގޮތުން ކަރަންޓް ދޫކުރުމަށް ޓެކްނިކަލް ޓީމުން ކުރި މަސައްކަތުން ކަރަންޓް ދެވޭވަރުވެފައިވާ ކަމަށެވެ. ނަމަވެސް އެރަށަށް ކަރަންޓް އެގޮތައް ދޫނުކުރެވިވަނީ ރައްޔިތުންގެ ތެރެއިން ބަޔަކު އެކަމަށް ހުރަސްއެޅުމުން ކަމަށެވެ.

"މިހާރު އަލިފުށީގައި ޓެކްނިކަލް ޓީމުން ވަނީ ސެޓިންގ ހަދައިގެން ބޮޑު އިންޖީނުގެ ލޯޑު ކުޑަކޮށް ކުޑައިންޖީނުގެ ލޯޑު ބޮޑުކޮށްފައި. އެކަމަކު މިހާރު ކަރަންޓް ނުދެވިގެން މިއުޅެނީ ރައްޔިތުންގެ ތެރެއިން ބަޔަކު އެކަމަށް ދެކޮޅު ހަދާތީ. އެކަމަކު ދާއިމީ ހައްލެއް ގެނެވޭނީ ރޭޑިއޭޓަރު ގެނެވިގެން. ޖުލައިމަހުގެ ކުރީކޮޅު ކަމަށް ވަނީ އެތަކެތި ބޯޓަށް ބޭރުން ބަރުކުރެވޭނީ" ޝަރީފް ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން އަލިފުށީ ކައުންސިލްގެ ރައީސް ޢަބްދުﷲ ރާޒީ ސުންގަޑި ޕްރޮގްރާމަށް ވިދާޅުވީ ޝަރީފް އެވިދާޅުވާ ގޮތައް ކަރަންޓް ދޫކުރެވުނު ނަމަވެސް ކަރަންޓް ނުކެނޑޭނެ ކަމުގެ ޔަޤީންކަމެއް ޓެކްނިކަލް ބޭފުޅުންނަށް ނުދެއްވޭ ކަމަށެވެ. އެހެންކަމުން ކަރަންޓް ގޮސްގެން ރައްޔިތުންގެ އަގުބޮޑު މުދާ ހަލާކުވެދާނެތީ އެގޮތައް ކަރަންޓް ދޭން ރަށުގެ ގިނަ ރައްޔިތުން ބޭނުން ނުވާ ކަމަށެވެ.

"މިބޭފުޅުންނަށް (ޓެކްނިކަލް ބޭފުޅުންނަށް) ޔަޤީންކަމެއް ނެތް ކަރަންޓް ނުދާނެ ކަމުގެއެއް. އެހެންވީމާ ދާއިމީ ހައްލެއް ނުފެންނަ ކަމަށް ވަންޏަކާ ރައްޔިތުންގެ ތެރެއިން ގިނަ ބޭފުޅުންނެއް ބޭނުމެއް ނުވޭ އެގޮތައް ކަރަންޓް ދޭކަށެއް. އެއީ ކަރަންޓް ދިއުމުން އެބޭފުޅުންގެ ތަކެއްޗަށް ގެއްލުންވާ ގޮތަކަށް ބޭނުމެއް ނުވޭ ކަރަންޓް ދޭކަށެއް" ރާޒީ ވިދާޅުވިއެވެ.

ރާޒީ ވިދާޅުވީ އަލިފުށީގެ ކަރަންޓް މައްސަލައަކީ ވަރަށް ދުވަސްވެއްޖެ މައްސަލައެއް ކަމަށާއި އެކަން އެހެން ދިމާާތާ މިހާރު 8 މަސްދުވަސްވަރު ވެއްޖެ ކަމަށެވެ. އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގައިވެސް ވަރަށް ބޮޑަށް އެވާހަކަ ދެއްކިފައިވީނަމަވެސް އެކަމަކަށް ހައްލެއް ހޯދައިދެވިފައި ނުވާކަމަށް ރާޒީ ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް