ކ. މާލެ
|
27 ޑިސެންބަރ 2022 | އަންގާރަ 14:53
ޖުޑީޝަލް ސަރވިސް ކޮމިޝަން
ޖުޑީޝަލް ސަރވިސް ކޮމިޝަން
މެޖިސްޓްރޭޓް ރަފީޢުއްދީން
ހިތަދޫ މެޖިސްޓްރޭޓް ރަފީޢުއްދީންގެ ސުލޫކީ މައްސަލައެއް ބެލުމަށް އަނެއްކާވެސް ނިންމައިފި
މިއީ މައްސަލައެއްގެ ޙުކުމް ކޮށްފައި ނުވާކަމަށްބުނެ ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށައެޅުނު މައްސަލައެއް
މެޖިސްޓްރޭޓް ރަފީޢުއްދީން އަހްމަދުގެ މައްސަލައެއް މީގެ ކުރިންވެސް ޖޭއެސްސީން ބަލާފައިވޭ

ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އަނެއްކާވެސް ނިންމައިފިއެވެ.

ޖޭއެސްސީން މައުލޫމާތު ދޭ ގޮތުގައި މިއީ އަވަސް ނިޔާގެ ޙުކުމް ކުރަންޖެހޭ މައްސަލައެއްގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 151 ވަނަ މާއްދާގެ (ބ) އާ ޚިލާފަށް މައްސަލައިގެ ޙުކުމް ކޮށްފައި ނުވާކަމަށްބުނެ ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދާ ގުޅޭގޮތުން ހުށަހެޅުނު މައްސަލައެކެވެ.

މި މައްސަލަ ތަޙްޤީޤުކުރުމަށް ނިންމުމާ ގުޅިގެން، މި މައްސަލަ ތަޙްޤީޤުކުރުމަށް 2022 ޑިސެމްބަރު 21 ވީ ބުދަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 91 ވަނަ ޖަލްސާއިން ވަނީ ކޮމިޓީ އެކުލަވާލެވިފައެވެ.

މެޖިސްޓްރޭޓް ރަފީޢުއްދީން އަހްމަދުގެ މައްސަލައެއް މީގެ ކުރިންވެސް ޖޭއެސްސީން ބަލާފައިވެއެވެ. އެއީ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދު މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައާއި، އެ ނިންމުމާއި ގުޅޭ ގޮތުން ނޫސްބަޔާނެއް ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ބެލެވޭ މައްސަލައެކެވެ.

އެ މައްސަލައިގައި ރާއްޖެއަށް 98 ކިލޯގެ ޑްރަގް އެތެރެކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހަކު އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލުމަށް ނިންމެވީ އޭނާއެވެ. އެގޮތުން މެޖިސްޓްރޭޓް ކޯޓުން ކުރި ޙުކުމުގައި ވަނީ ތުހުމަތު ކުރެވޭ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުން، 90 ދުވަހަށް ސަސްޕެންޑް ކުރާ ކަމަށެވެ.

އަދި އެ މުއްދަތަށް ބޭސްފަރުވާގެ ބޭނުމަށް އޭނާ ދޫކޮށްފައި ބެހެއްޓުމަށް ވަނީ އަމުރު ކުރައްވާފައެވެ. އެ ނިންމުން ފަހުން ހައިކޯޓުން ވަނީ ބާތިލުކޮށްފައެވެ.

މިކަމާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްވެސް ވަނީ ހައިކޯޓުގެ ޙުކުމެއް ދިރި އޮއްވައި އެ ހުކުމް ސަސްޕެންޑުކުރުމަކީ ދަށުކޯޓަކުން މެޖިސްޓްރޭޓަކު ކުރައްވާ ޒާތުގެ ކަމެއް ނޫންކަމަށް ވިދާޅުވެ އެ ނިންމެވުމަށް ފާޑުވިދާޅުވެފައެވެ. އަދި މީހަކު ދޫކޮށްލަން ބޭނުންފުޅުވި ނަމަވެސް، ރަނގަޅު ސަބަބެއް ދައްކަވާންވާނެކަން ފާހަގަކުރައްވައި، ޖޭއެސްސީއަށް އެކަން ހުށައަޅުއްވާނެކަމަށް ޝަމީމްވެސް އޭރު ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް