ޗައިނާގައި ކޮވިޑް އަށް ޕޮޒިޓިވްވާ މީހުން އަދދު އިތުރުވެ ޗައިނާގެ ހޮސްޕިޓަލްތަކާއި ޖަނާޒާގެ ކަންކަން ކުރާ ތަންތަނަށް އިންތިހާ އަށް ބާރުބޮޑުވެއްޖެއެވެ.
ބުދަ ދުވަހުން ފެށިގެން އެ ގައުމުގައި ކޮވިޑް ކޭސްތައް އިތުރުވަމުން ދާއިރު މީޑިއާތަކުން ދަނީ އޮފިޝަލް ޑާޓާގައި ހިމަނާފައިވާ ރެކޯޑްތަކާއި މެދު ސުވާލު އުފައްދަމުންނެވެ. ޗައިނާ އިން އެހެން ޤައުމުތަކަށް ދަތުރުކުރާ މީހުންނާއި މެދު އަޅާ ފިޔަވަޅުތަކުން ރެކިގަތުމަށް ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތަފާސްހިސާބުތައް އޮޅުވާލަމުންދާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ.
ފަހުގެ ޚަބަރުތައް ބުނާ ގޮތުން ޗައިނާއިން އެތެރެވާ ފަސިންޖަރުން ސްކްރީން ކޮށް އެމީހުންނާމެދު ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ބައެއް ގައުމުތަކުން ވަނީ ނިންމާފައެވެ.
މި ހަފްތާގެ ތެރޭގައި ޗައިނާއިން ވަނީ ކޮވިޑް ނަމްބަރުތައް އާންމު ކުރަމުން ނުދާނެ ކަމަށް ބުނެފައެވެ. އެގޮތުން މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ކޮވިޑް ޖެހޭ މީހުން އަދަދުތައް ހާމަ ނުކުރާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި އަދަދުތައް ހާމަކުރާނީ ކިހާ އަވަސް އަވަހަކަށްތޯ ސާފު ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިގޮތަށް އަމަލުކުރަމުން ދަނިކޮށް ކޮވިޑް ޖެހިގެން މަރުވާ މީހުންނާއި ކޮވިޑަށް ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވުމުން ޗައިނާގައި ވަނީ ކަންބޮޑުވުން އިތުރުވެފައެވެ.
މީގެ ކުރިން ނެޝަނަލް ހެލްތު ކޮމިޝަނުން ނެރުނު ބަޔާނެއްގައިވާ ބުނެފައި ވަނީ ރިފަރެންސް އަދި ރިސަރޗުގެ ބޭނުންތަކަށް ކޮވިޑާ ބެހޭ މައުލޫމާތު ދެން އާންމު ކުރަމުން ގެންދާނީ ޗައިނީސް ސެންޓަރ ފޯރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ކަމަށެވެ. ކޮވިޑާއި ގުޅިގެން ޗައިނާ އިން އަޅަމުން އައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުމާއި އެކު އެ ގައުމުގައި ކޮވިޑް ފެތުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.