ފެނަކަ ކޯޕަރޭޝަނުން ސްމާޓް މީޓަރުގެ ހިދުމަތް ތައާރަފުކޮށް ހިދުމަތް ދޭން ފަށައިފިއެވެ.
ފެނަކަ އިން ސްމާޓް މީޓަރުގެ ހިދުމަތް ތައާރަފުކޮށް ހިދުމަތް ދޭން ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގއ. އަތޮޅުގެ 3 ރަށަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ގއ. މާމެންދޫ އަށް ވަޑައިގެން އެރަށުގެ އައު އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޞާލިހެވެ.
މިއީ ފެނަކައިގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ތައާރަފުކުރި ހިދުމަތެކެވެ. މި ހިދުމަތާއެކު ގޭބިސީތަކުގައި ކަރަންޓު ބޭނުން ކުރާވަރު ބަލާލެވޭނެއެވެ.
ސްމާޓް މީޓަރަކީ ކަރަންޓު ބޭނުން ކުރަމުންދާ ގޮތުގެ ތަފްސީލު ވަގުތުން ވަގުތަށް ބަލާލެވި، ކަރަންޓު މިންކުރެވޭ ޓެކްނޮލޮޖީ އެކެވެ. ފެނަކަ ކޯޕަރޭޝަނުން ބުނީ ސްމާޓް މީޓަރާ ގުޅޭ އިތުރު ތަފްސީލުތައް އެޕްލިކޭޝަނެއް މެދުވެރިކޮށް ބަލާލެވޭނެ ކަމަށެވެ. ސްމާޓް މީޓަރުގެ ސަބަބުން ބޭނުންކުރާ މިންވަރު ކޮންޓްރޯލު ކުރަން ފަސޭހަވެ ކަރަންޓު އިސްރާފު ކުރުން މަދު ކުރެވޭނެ ކަމަށްވެސް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ.
ފެނަކަ ސްމާޓް މީޓަރައި ގުޅޭގޮތުން ރައީސް ވިދާޅުވެފައިވަނީ އެ ހިދުމަތުގެ ބޭނުމަކީ، އެ ޚިދުމަތް ލިބޭ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް އަނެއްކާވެސް ހޯދައިދިނުން ކަމަށެވެ. ފެނަކައަކުން ދެނެއް މީޓަރުގެ ރީޑިންގ ނަގާކަށް ގޭގެޔަކަށް ދާކަށް ނުޖެހޭނެއެވެ.
ރައީސް ވިދާޅުވީ ގޭގެ ވެރިމީހާއަށް އެ ފޯނަށް އެޕްލިކޭޝަން އެޅުމުން ބޭނުންކުރެވިފައި ހުރި ރީޑިންގ ދުވަހުން ދުވަހަށް ވަގުތުން ވަގުތަށް ބަރާބަރަށް ފެންނާނެ ކަމަށެވެ. އަދި ބިލްތައް އަޕްޑޭޓްވަމުންދާނެ ކަމަށާއި، ޚަރަދު މާބޮޑުވާ ކަމަށް ވާނަމަ، ކަރަންޓު ބޭނުންކުރުން ކޮންޓްރޯލް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ތިމާ ކަނޑައަޅާފައި އޮތް ބަޖެޓުގެ ތެރޭގައި، ތިމާއަށް ހިފަހައްޓައިގެން މަސްދުވަސް ނިންމާލެވޭނެ ކަމަށާއި، ޒަމާނީ ޓެކްނޯލޮޖީއާއި އައު އީޖާދުތަކާއި ވިސްނުން ފެނަކައިގެ މަސައްކަތްތަކުގެ ތެރެއަށް ގެނެސްދިނުމުގައި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ސަޢީދާއި ޓީމު އެ ކުރައްވާ މަސައްކަތަށް ރައީސް ވަނީ ސާބަސް ދެއްވާފައެވެ.