ކ. މާލެ
|
27 ޖޫން 2017 | އަންގާރަ 19:36
ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ
ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ
އާރުޓީ
ޤަތަރު 2022
ވޯލްޑްކަޕް ބިޑް ކާމިޔާބުކުރުމުގައި ޤަތަރަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
ޤަތަރުން ކޮރަޕްޝަން ހިންގާފައިވާ ކަމަށް ހެކިދޭ ލިއުންތަކެއް ޖަރުމަނުގެ ބިލްޑް ނޫހުން ވަނީ އާންމު ކޮށްފައި
މީގެ ކުރިން ފީފާއިން ވަނީ ޤަތަރުން އުސޫލު ތަކާއި ހިލާފުވާ ކަމަށްބުނާ ރިޕޯޓެއް ނެރިފައި

2022 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑްކަޕް މުބާރާތް ބާއްވަން ޤަތަރުން ބިޑް ކާމިޔާބުކުރުމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ހެކިދޭ ލިއުންތަކެއް އާންމުވެއްޖެއެވެ.

ޖަރުމަނު ވިލާތުގެ "ބިލްޑް" ނޫހުން އާންމުކޮށްފައިވާ ހަބަރެއްގައި ވާގޮތުން، ޤަތަރުން ބިޑް ކާމިޔާބުކުރުމުގައި އެގައުމުން ވަނީ ވަރަށް ބޮޑަށް ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައެވެ. އެގޮތުން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) ގެ ބިޑް ކޮމިޓީގެ އޮފިޝަލެއްގެ ދަރިއަކަށް ޤަތަރުން 2 މިލިއަން ޑޮލަރު ދީފައިވާ ކަމަށް ހެކިދޭ ލިއުންތަކެއްވެސް ބިލްޑް އިން ވަނީ އާންމު ކޮށްފައެވެ. އަދި ބިޑް ކާމިޔާބުކުރާ ގައުމު އިއުލާން ކުރުމުގެ ކުރިން ފީފާގެ އޭރުގެ އެކްސްކޯގެ މެމްބަރުންތަކެއް، ޤަތަރުގެ ފުޓުބޯޅަ ފެޑެރޭޝަންގެ ޕްރައިވެޓް ޖެޓެއްގައި ބްރެޒިލަށް ދަތުރުކޮށްފައިވާ ކަމަށް ހެކިދޭ ލިއުންތަކެއްވެސް ބިލްޑް އިން ވަނީ އާންމު ކޮށްފައެވެ.

މި ލިއުންތަކަކީ ފީފާގެ ކުރީގެ "އިންޑިޕެންޑެންޓް އެތިކްސް އިންވެސްޓިގޭޓާ" މައިކަލް ގާސިއާ، 2014 ވަނަ އަހަރު ތައްޔާރުކޮށްފައިވާ، 430 ސަފްހާގެ މައްޗަށް އެކުލެވޭ ބޮޑު ތަހުގީގީ ރިޕޯޓެއްގައިވާ ލިއުންތަކެއް ކަމަށްވެސް ބިލްޑް އިން ވަނީ ބުނެފައެވެ. އަދި މިއީ މިހާތަނަށް ދުނިޔޭގައި ތައްޔާރުކުރެވިފައިވާ، ކުޅިވަރާއި ބެހޭ މިފަދަ އެންމެ ބޮޑު އެއް ތަހުގީގީ ރިޕޯޓް ކަމަށްވެސް ބިލްޑް އިން ވަނީ ބުނެފައެވެ.

2022 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕްގެ ބިޑް ޤަތަރުން ކާމިޔާބުކޮށްފައިވަނީ އުސޫލުތަކާއި ޚިލާފަށް ކަމަށް ބުނެ މީގެ ކުރިން ފީފާ އިންވެސް ވަނީ ރިޕޯޓެއް ނެރެފައެވެ. ރިޕޯޓަތަށް ބުނާގޮތުން ފީފާއިން ވަނީ މި މައްސަލަ ބަލައި ތަހުގީގު ކުރުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލާފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށްފަހު، ތަހުގީގުން ހާމަވި ކަންކަން ހާމަކޮށް، މި ހަފްތާގައި ރިޕޯޓެއް ނެރުމަށް އެ އެ ކޮމިޓީއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ޤަތަރުން 2022 ވަނަ އަހަރު އެގައުމުގައި ވޯލްޑްކަޕް ބޭއްވުމުގެ ތައްޔާރީތަށް ވަމުންދާއިރު މީގެ ކުރިން އެކި ފަހަރުމަތިން ޤަތަރުން އުސޫލުތަކާއި ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ވަނީ ހަބަރު ފެތުރިފައެވެ. އެގޮތުން އެގައުމުގައި ވޯލްޑް ކަޕަށް އަޅަމުންދާ ސްޑޭޑިއަމްތަށް ނިންމުމުގެ މަސައްކަތް ކުރަމުންދާ ލޭބަރުންނާއި ދޭތެރޭގައި އިންސާނިއްޔަތާއި ހިލާފަށް އަމަލު ކުރާކަމަށްވެސް މީގެ ކުރިން ވަނީ އަޑު ފެތުރިފައެވެ.

2022 ވަނަ އަހަރުގެ ވޯލްޑްކަޕް ބާއްވާ ގައުމަކީ ޤަތަރު ކަމަށް ފީފާއިން އިއުލާން ކޮށްފައިވަނީ 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް