ކ. މާލެ
|
25 ޑިސެންބަރ 2022 | އާދީއްތަ 07:23
ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި ފްރާންސް ކޮޅަށް ލަނޑު ޖެހުމަށްފަހު ޑިމާރިއާ އުފާ ފާޅުކުރަނީ
ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި ފްރާންސް ކޮޅަށް ލަނޑު ޖެހުމަށްފަހު ޑިމާރިއާ އުފާ ފާޅުކުރަނީ
ރޮއިޓާސް
ޑިމާރިއާގެ ކުރިމަގު
ޔުވެންޓަސް ދޫކޮށްލުމުގެ ވިސްނުމެއް ޑިމާރިއާގެ ނެތް
ޑިމާރިއާ ބޭނުންވަނީ ކުރިއަށްދާ ސީޒަން ޔުވެންޓަސްގައި ހުރެ ނިންމާލަން

އިޓާލިއަން ލީގުގެ ޔުވެންޓަސް އަށް ކުޅެމުން އަންނަ އާޖެންޓީނާގެ އެންހެލް ޑިމާރިއާގެ ވިސްނުމުގައި ކުލަބް ދޫކޮށްލުމުގެ ޚިޔާލެއް ނެތް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 34 އަހަރުގެ ޑިމާރިއާ ޔުވެންޓަސް އަށް ބަދަލުވީ މިއަހަރުއެވެ. އެއީ ކުރިން އޭނާ ކުޅުނު ކުލަބް، ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށްލުމަށްފަހުއެވެ. ޔުވެންޓަސް އަށް ޑިމާރިއާ ބަދަލުވީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް ޤަތަރުގައި ދާދި ފަހުން ނިމުނު ފީފާ ވޯލްޑް ކަޕް މުބާރާތަށް ފަހު ޑިމާރިއާ ޔުވެންޓަސް ދޫކޮށްލަން އުޅޭ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ. އިޓަލީގެ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުން ޔުވެންޓަސް ދޫކޮށްލުމުގެ ވިސްނުމެއް ޑިމާރިއާ ނުގެންގުޅެއެވެ. ޑިމާރިއާ ބޭނުންވަނީ ކުރިއަށްދާ ސީޒަން ޔުވެންޓަސްގައި ހުރެ ނިންމާލަން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ކުރިމަގާމެދު އިތުރަށް ޑިމާރިއާ ވިސްނާނީ އެއަށްފަހުއެވެ.

ޔެވެންޓަސް އަށް ބަދަލުވެ ޑިމާރިއާ ވަނީ އެ ޓީމަށް ކުޅެދިން 10 މެޗުން އެއް ލަނޑު ޖަހާފައެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގެ މެޗެއްގެ ތެރެއިން ލިބުނު އަނިޔާއެއްގެ ސަބަބުން ޑިމާރިއާ ވަނީ ކުޅުމާ ދުރުގައި ހުންނަން ޖެހިފައެވެ. އެއަށްފަހު އޭނާ އެނބުރި ކުޅުމުގެ ތެރެއަށް އައީ ފީފާ ވޯލްޑް ކަޕް މުބާރާތުގައެވެ. ނަމަވެސް އެ މުބާރާތުގައި ވެސް ޑިމާރިއާ އަށް ވަނީ އަނިޔާގެ މައްސަލަތާ ކުރިމަތިވެފައެވެ. އަނިޔާއިން މުޅިން ރަނގަޅު ނުވުމުގެ ސަބަބުން ކޯޗު ލިއޮނަލް ސްކަލޯނީ ވަނީ ޑިމާރިއާ ބްނެޗުގައި ބައިންދާފައެވެ. ފައިނަލް މެޗުގައި ފުރަތަމަ 11 ގައި ހިމެނިގެން ނުކުމެ ޑިމާރިއާ ވަނީ މޮޅު ކުޅުމެއް ވެސް ދައްކާފައެވެ.

އާޖެންޓީނާގެ ރޮސާރިއޯ ސެންޓްރަލް އިން ސީނިއާ ކެރިއަރު ފެށި ޑިމާރިއާ ވަނީ ބޮޑެތި ކުލަބުތަކަށް ކުޅެފައެވެ. އޭގެ ތެރޭގައި ސްޕެއިންގެ ރެއާލް މެޑްރިޑާއި، ޕްރިިމިއާ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑު އަދި ފްރާންސްގެ ޕީއެސްޖީ ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް