މި ދައުރުގެ ފަސް އަހަރު ނިމޭއިރު ރާއްޖޭގެ 146 ރަށެއްގައި އައު އިންޖީނުގެއާއި އޮފީސް އިމާރާތް ތަރައްގީކޮށް ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޚައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ގއ. މާމެންދޫ އައު އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުވުމަށް ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއަކީ ފަގީރު ގައުމަކުން މެދުފަންތީގެ އާމްދަނީ ލިބޭ ޤައުމަަކަށް ބަދަލުވި ނަމަވެސް އޭގެ މަންފާ ރައްޔިތުންނަށް ލިބިފައި ނުވާ ކަމަށެވެ. އެއީ ކުރީ ސަރުކާރުތަކުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ޚިދުމަތް ފޯރުކޮށްދިނުމުގެ ވިސްނުން ނުގެންގުޅޭތީކަމަށާއި މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް, ތަފާތު ކުރުމެއްނެތި ހުރިހާ ރަށަކަށް ތަރައްގީއާއި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު ކަރަންޓުގެޚިދުމަތް ނުލިބޭ އެއްވެސް ރަށެއް އޮވެގެން ނުވާނެ ކަމުގެ އަޒުމު ކަނޑައެޅުއްވި ކަމަށާއި ފެނަކައިގެ އެހީއާއެކު އެކަން ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށެވެ. އެގޮތުން, މިހާރު ރަށްތަކުގައި ތަރައްގީ ކުރާ އިންޖީނުގެތަކުގެ ސަބަބުން ކުރިއަށް އޮތް 50 އަހަރު އެ ރަށްތަކުގައި ދަތިކަމެއްނެތި ކަރަންޓު ފޯރުކޮށްދެވޭނެ ކެޕޭސިޓީ ހުންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއާއެކު އެމަނިކުފާނުގެ ފަހުން ދެން ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކު އެކަމާ ކަންބޮޑުވާން ނުޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އޭރުގެ ސަރުކާރުތަކުން ރައްޔިތުންނަށް މި ހިދުމަތް ދިނުމާމެދު ވިސްނާފައެއް ނެތް. އެހެންނަމަ އަޅުގަނޑުމެން ވެރިކަމަށް އައިސް ފެނާއި ނަރުދަމާ އަޅައިދޭން ނުޖެހުނީސް, ކަރަންޓު ކެނޑިގެން އިންޖީނު ފޮނުވަން ނުޖެހުނީސް. ބަންދަރު ހަދަން ނުޖެހުނީސް. އެހެންނަމަވެސް އަޅުގަނޑުމެން ކުރަން މިޖެހުނީ އެހެން ގައުމުތަކުން މީގެ 100 އަހަރު ކުރިން ކޮށް ނިންމާފައިވާ ކަންކަން,ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު
ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ 144 ރަށަކަށް 313 އިންޖީނު މި ސަރުކާރުން ވަނީ ފޯރުކޮށްދީފައެވެ. އަދި 46 ރަށެއްގެ ފެނަކަ އޮފީސްތައް ނިމިފައިވާއިރު މިހާރުވެސް 64 ރަށުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ވަރަށް އަވަހަށް 36 ރަށުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މާމެންދޫ ކައުންސިލާއި އެ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ރިއާޔަތް ކުރައްވައި ރައީސް ވަނީ އެ ރަށަށް ވެސް ގިނަ މަޝްރޫއުތައް ސަރުކާރުން ރާވާފައިވާކަން ފާހަގަކުރައްވާފައެެވެ. އެގޮތުން, އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެރަށުގެ ރަށްގިރުމުގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި މާމެންދޫއާއި ކައިރީގައި އޮންނަ ހުޅުމެންދޫ ބެެލެހެއްޓުން ވަގުތީގޮތުން އެ ރަށު ކައުންސިލާ ހަވާލު ކުރައްވާނެ ކަމަށާއި, އަދި ގާނޫނުގެ ތެރެއިން އިހުތިސާސްގެ ތެރެއަށް ލެވެން އޮތްނަމަ އެކަން ވެސް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ކުނީގެ ނިޒާމުު ގާއިމް ކުރުމުގެ މަސައްކަތް ވެސް އަންނަ އަހަރު ފެށޭނެ ކަމަށާއި ފުލުހުންގެ ޚިދުމަތް ފުޅާ ކުރުމުގެ މަސައްކަތާއި ސްޕޯޓްސް ފިޝިންއަށް ހާއްސަކޮށްގެން އެ ރަށުގައި ކަނދުފައްޗެއް އަަޅުއްވައިދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.