ރޯމާގެ ލެޖެންޑް ފްރެންސެސްކޯ ޓޮޓީ ހޯދުމަށް ޖަޕާންގެ ކްލަބެއް ކަމަށްވާ ޓޯކިއޯ ވާޑީން މަސައްކަތް ފަށައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ކެރިއަރުގައިވެސް ހަމައެކަނި ރޯމާއަށް ކުޅެފައިވާ ޓޮޓީ ވަނީ އެޓީމަށް ކުޅުނު 786 މެޗަށްފަހު، ރޯމާއާއެކު އޭނާ ހަދާފައިވާ އެއްބަސްވުން އާނުކޮށް ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުން ހުއްޓާލާފައެވެ.
އުމުރުން 40 އަހަރުގެ ޓޮޓީ އަނބުރާ ޕްރޮފެޝަނަލް ފުޓުބޯޅައިގެ ތެރެއަށް ވަނުމަކީ އެކަށީގެންވާކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންނަމަވެސް މިކަމާ ގުޅިގެން ޓޮޓީގެ އެއްވެސް ރަސްމީ ބަހެއް ނުލިބެއެވެ.
ނިއްކަން ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ޓޯކިޔޯ ވާޑީގެ ރައީސް ހަންޔޫ ހިދެއަކީ ވިދާޅުވީ، ޓޮޓީއަށް އެ ކްލަބުން ޝައުގުވެރިވާ ކަމަށާއި، އެގޮތުން ކޮންމެވެސް ވަރަކަށް އޭނާއާވެސް އެކަން ހިއްސާކުރުމަށް މަސައްކަތްކޮށްފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ޓޮޓީއާއި މަޝްވަރާ ކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް ކަމަށެވެ.
ޖަޕާނުގެ ނޫސްތަކުން ބުނާގޮތުން ޓޮޓީ ހޯދުމަށް ޓޯކިޔޯ ވާޑީން ވަނީ ތިން މިލިއަން ޔޫރޯގެ މުސާރައެއް ހުށަހަޅާފައެވެ.
ޓޯކްޔޯ ވާޑީގެ އިތުރުން މޭޖާ ލީގުގެ ކްލަބްތަކުންވެސް ޓޮޓީއަށް ޝައުގުވެރިވެއެވެ. އެގޮތުން އޭނާ މޭޖާ ލީގުގެ ކްލަބަކަށްވެސް ބަދަލުވެދާނެ ކަމަށް ވަނީ ބެލެވިފައެވެ.
ރޯމާ އިން 1992 ވަނަ އަހަރު ކެރިއަރު ފެށި ޓޮޓީ އިތުރު އެއްވެސް ޓީމަކަށް ކުޅެފައިނުވާއިރު، އޭނާ ވަނީ އެޓީމަށް ކުޅުނު 786 މެޗުގައި 307 ލަނޑު ކާމިޔާބުކޮށްފައެވެ.
ރޯމާގައި ހޭދަކުރި 25 އަހަރު ތެރޭގައި ޓޮޓީ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އިޓާލިއަން ކަޕް ދެ ފަހަރު، އިޓާލިއަން ސުޕާކަޕް ދެ ފަހަރު އަދި އިޓާލިއަން ލީގު އެއް ފަހަރު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ރޯމާއާއެކު ލީގުގެ ދެވަނަ، ނުވަ ފަހަރެއްގެ މަތިން ހޯދައި، އިޓާލިއަން ކަޕްގެ ދެވަނަ، ފަސް ފަހަރެއްގެ މަތިން އެ ޓީމާއެކު ހޯދާފައެވެ.
އިޓަލީ ގައުމީ ޓިމަށް ޓޮޓީ 58 މެޗު ކުޅެފައިވާއިރު، އޭނާ ވަނީ ނުވަ ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން އޭނާ ވަނީ އެޓީމާއެކު ފީފާ ވޯލްޑްކަޕް، އަދި 21 އަހަރުން ދަށުގެ ޔޫރޯ ފުޓުބޯޅަ މުބާރާތްވެސް ކާމިޔާބުކޮށްފައެވެ.