ކަރު ގާޑެއް އަޅައިގެން ހުރި ކެންސަރ ޕޭޝަންޓް، ޕްރިޔަންތާ ކުމާރަސިންހަ، މަޑު ހިނގުމެއްގައި މިސްރާބު ޖަހާފައި ހުރީ އޭނާގެ ބޮޑުދައިތަގެ ގެއާ ދިމާއަށެވެ. ކުމާރަސިންހަގެ އަންހެނުން ބުނިގޮތުގައި، ކުމާރަސިންހަގެ ކަރާއި މައިބަދައަށްވެސް ކެންސަރު ފެތުރިފައިވުން އެކަށީގެންވާކަމުގެ ކަންބޮޑުވުން ޑޮކްޓަރުން ވަނީ ފާޅު ކޮށްފައެވެ. ކުމާރަސިންހަގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދާނެ ގޮތެއް އެނގޭނީ، ނޮވެމްބަރު މަހު ހެދި އެމްއާރްއައި ސްކޭންގެ ނަތީޖާ ލިބުމުންނެވެ.
ތަރުކާރީގެ ދަނޑުވެރިކަން ކުރަމުން ދިޔަ 32 އަހަރުގެ ކުމާރަސިންހަގެ ފުއްޕާމެއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް، އިގްތިސާދީގޮތުން ހަފުސްވެ، މާލީ ހީނަރުކަމުގެ އަނދަވަޅަކަށް ވެއްޓިފައިވާ ސްރީލަންކާގައި ދިރިއުޅެމުންދާ ކުމާރަސިންހަގެ ބައްޔަށް ފަރުވާ ފެށުނީ މި އަހަރުގެ ކުރީކޮޅުގައެވެ.
ސްރީލަންކާގައި ކެންސަރަށް ފަރުވާކުރާ މައި ހޮސްޕިޓަލުގެގޮތުގައި ސިފަކުރަމުންދާ އަޕެކްޝާ ހޮސްޕިޓަލުގައި، އެޑްމިޓްކޮށްގެން ފަރުވާ ހޯދުމުގެ ފުރުސަތު އޮންނަނީ ބަލީގެ ހާލަތު އެންމެ ކްރިޓިކަލް ޕޭޝަންޓުންނަށް އެކަންޏެވެ. އެހެންކަމުން، ކުމާރަސިންހަ ވަނީ، ހޮސްޕިޓަލާ ދާދި ކައިރީގައި ދިރިއުޅޭ އޭނާގެ ބޮޑުދައިތަގެ ގެއަށް ދިރިއުޅުން ބަދަލުކޮށްފައެވެ. ބޮޑުދައިތަވެސް އެގޭގައި ދިރިއުޅެނީ ކުއްޔަށެވެ.
ކެންސަރާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކުރަމުން ދާއިރު، ކުމާރަސިންހަގެ 5 އަހަރަށް ދާ ދަރިފުޅުގެ ކަންކަން ބަލަހައްޓަނީ އާއިލާގެ އެހެން މެންބަރުންނެވެ. ކުމާރަސިންހަ ބުނާގޮތުގައި، ސްރީލަންކާގެ އިގްތިސާދީ ކާރިސާގެ އަސަރު އޭނާގެ ފަރުވާއަށްވެސް ދަނީ ފޯރަމުންނެވެ.
ގައުމަށް ޖެހިފަ އޮތް ހާލަކާ އަހަރަމެންނަށްވެސް ޖެހޭނީ ކުރިމަތިލާން. ބިރުގަތުމުގެ ބޭނުމެއް ނެތް. ކުރިމަތިލާން ޖެހުނު ކޮންމެ ކަމަކާވެސް އަހަރެން ކުރިމަތިލާނަން.ޕްރިޔަންތާ ކުމާރަސިންހަ؛ ކެންސަރ ޕޭޝަންޓެއް
ތާރީޚު ނުދެކޭފަދަ ހީނަރުކަމާއެކު ރަތަށް އެރި ރައްޔިތުން މަގުތަކަށް ނުކުމެ ކުރަންފެށި މުޒާހަރާއާއެކު، ކުމާރަސިންހަ ދިރިއުޅެމުންދިޔަ ގެއާ ހޮސްޕިޓަލާ ދެމެދު އޮތް 155 ކިލޯމީޓަރުގެ ރާސްތާ ކަޑައްތު ކުރުމަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. މި ދެންނެވީ ވަރުގަދަ މުޒާހަރާތައް ކުރިއަށް ދިޔަ ދުވަސްވަރުގެ ވާހަކައެވެ.
އެންމެ ބޮޑު މައްސަލައަކީ ދަތުރުފަތުރުގެ މައްސަލަ. މިތަނަށް އައިސް، އަނބުރާ ގެއަށް ގޮސް ހަދަން ވަރަށް އުނދަގޫ. އަހަރެން ބޭސް ހޯދަނީ ސަރުކާރު ހޮސްޕިޓަލުން.ޕްރިޔަންތާ ކުމާރަސިންހަ؛ ކެންސަރ ޕޭޝަންޓެއް
ރޮއިޓަރޒްއިން ވަނީ އޯގަސްޓް މަހުގެ ތެރޭގައިވެސް ކުމާރަސިންހައާ ވާހަކަދައްކާފައެވެ. އޭރު އޭނާ ބުނީ، ޖޫން މަހާ އޯގަސްޓް މަހާ ދެމެދު ރަނގަޅު ފަރުވާއެއް ކުރެވިއްޖެނަމަ، ކެންސަރު ފެތުރިގެން ދާ ދިއުން މަދުކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި ހޮސްޕިޓަލާ ކައިރި ގެއަކަށް ބަދަލުވީ ދަތުރުފަތުރަށް އުނދަގޫވުމުން ކަމަށެވެ.
ކުރިން މިތަނަށް އައިސް، ހުރިހާ ކަމެއް ކޮށްލާ، 2 ދުވަހެއްގެ ތެރޭގަ އެނބުރި ދިއުމަށް އަހަރެންގެ އަތުން ދާނީ 9000 އެއްހާ ރުޕީޒް، ނޫނީ ފަންސަވީހަކަށް ޑޮލަރު. މިހާރު އެކަން ބަދަލުވެއްޖެ. ދުއްވާ އެއްޗެއްގަ އަންނާނެހާ ފައިސާއެއް އަހަރެންގެ އަތަކު ނެތް. ބަހުގަ މިތަނަށް އަންނަންވެސް އެބަ ޚަރަދުވޭ ދިހަހާހަށްވުރެ ގިނަ ރުޕީޒް. އެއީ ގާތްގަނޑަކަށް 27.64 ޑޮލަރު.ޕްރިޔަންތާ ކުމާރަސިންހަ؛ ކެންސަރ ޕޭޝަންޓެއް
ކަން މިހެން އޮތް އިރު، އިގްތިސާދީ ހީނަރު ކަމުގެ އަސަރު، ސީދާ ހޮސްޕިޓަލްތަކަށްވެސް ވަނީ ފޯރާފައެވެ. މުހިންމު އެތައް ބޭހެއް ވަނީ ތަދު އެއްޗަކަށް ވެފައެވެ. އެންމެ އާދައިގެ ޕެރަސެޓަމޯލްވެސް ލިބުން ދަތި ކަމަށް، ސްރީލަންކާގެ އެންމެ ބޮޑު ޑޮކްޓަރުންގެ އިއްތިހާދުގެ މަންދޫބެއް ކަމަށް ވާ ވަސަން ރަތުނަސިންގަމް ވަނީ ފާހަގަ ކޮށްފައެވެ. ކެންސަރާއި ލޮލުގެ ބަލީގެ ޚާއްސަ ހޮސްޕިޓަލުތަކަށް އެހީގެ ގޮތުގައި ލިބޭ އެއްޗެއްވެސް ހުއްޓެމުން އަންނަ ކަމަށް އޭނާ ބުނެއެވެ.
ވަރަށް ދަތި. މިތާ އުޅުނެއްކަމަކު، އަހަރެންގެ އަތުންވެސް ޚަރަދުތަކެއް ހިނގާ. ހޮސްޕިޓަލުގަ ބޭހެއް ނެތް. އެހެންވެ، ބޭސް ގަންނަން ދާން މިޖެހެނީ ބޭސް ފިހާރަތަކަށް. ކޮންމެ ކަހަލަ ބޭހެއްވެސް އުޅެނީ 1000 ރުޕީޒް ނޫނީ 2.72 ޑޮލަރަށް ވުރެ މަތީގަ. އަހަރެން މިދަނީ މަށަށްވީ އެންމެ ފުރިހަމައަކަށް މަސައްކަތް ކުރަމުން. އެކަމަކު ވަރަށް ދަތި. ވަރަށްވެސް ދަތި.ޕްރިޔަންތާ ކުމާރަސިންހަ؛ ކެންސަރ ޕޭޝަންޓެއް
ސްރީލަންކާގެ ރައީސް، ރަނިލް ވިކްރަމަސިންހަ ވަނީ ގައުމު ހެޔޮ ފާލަކަށް އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، އެ ދަތުރަކީ، ވޭނާއި ތަކުލީފު ބޮޑު ދަތުރަކަށް ވާނެކަމުގެ އިންޒާރުވެސް ވަނީ ދެއްވާފައެވެ. ކުމާރަސިންހަ ފަދަ ރައްޔިތުންނަށް އޮތީ ކެތްތެރިކަމާއެކު އިންތިޒާރު ކުރުމެވެ.