ކ. މާލެ
|
24 ޑިސެންބަރ 2022 | ހޮނިހިރު 09:33
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޕީޕީއެމް
ރައީސް އަބްދުﷲ ޔާމީން
ހުރިހާ ވަގުން ހިފާނަން: ރައީސް ޔާމީން
2018 ވަނަ އަހަރު އޭރުގެ ވެރިކަން ނިމުނުއިރު، ރައްޔިތުންނަކީ ތަނަވަސް ބައެއްކަމަށް ވިދާޅުވި
އެމަނިކުފާނުގެ ވެރިކަމުގެ 5 އަހަރަކީ އަނިޔާވެރި، ކަޅު، އަދި ބިރުވެރި 5 އަހަރުކަމާމެދު ޝައްކެއް ނެތްކަމަށް ވިދާޅުވި
ފަނޑިޔާރުން ކުރާ ކަންކަންވެސް ބެލޭނެކަމަށް ރައީސް ޔާމީން ވިދާޅުވި

ޕީޕީއެމްގެ ވެރިކަމެއްގައި ގެންގުޅޭނީ ޒީރޯ ޓޮލެރެންސް ކަމަށާއި، ހުރިހާ "ވަގުން ހިފާނެ" ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން "ފެލާލައިފި"ގެ ނަމުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރު ބަދަލުވާން ދެން މާ ގިނަ ދުވަހެއް ނެތްކަމަށާއި، ސަރުކާރު ބަދަލުވާ ދުވަހު ޕީޕީއެމްއިންވެސް ގެންގުޅޭނީ ޒީރޯ ޓޮލެރެންސް ކަމަށެވެ. އެގޮތުގެ މަތިން ހުރިހާ ވަގުން ހިފާނެކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ.

ރައީސް ޔާމީނު ވިދާޅުވީ، 2018 ވަނަ އަހަރު އޭރުގެ ވެރިކަން ނިމުނުއިރު، ރައްޔިތުންނަކީ ތަނަވަސް ބައެއް ކަމަށެވެ. އޭރު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށް ޖެހޭ މިންވަރުވެސް ގިނަކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ، ރިޒަރވްގައިވެސް އެތައް ފައިސާއެއް އޭރު ހުރި ކަމަށެވެ.

ގައިމު ފެލާލީމަ ދެއްތޯ މީގެ ފައިސާ ފޮއްޗެއް ފެންނަން ނެތީ މިއަދު!
ކުރީގެ ރައީސް އަބްދުﷲ ޔާމީން

އެމަނިކުފާނުގެ ވެރިކަމުގެ 5 އަހަރަކީ އަނިޔާވެރި، ކަޅު، އަދި ބިރުވެރި 5 އަހަރުކަމާމެދު ޝައްކެއް ނެތްކަމަށް ވިދާޅުވެ ރައީސް ޔާމީން އިތުރަށް ވިދާޅުވީ، މިއަދުގެ ހާލަތުވެސް ވަކި ރަނގަޅު ނޫން ކަމަށެވެ.

ޝައްކެއްވެސް ނެތް، ރައީސް ޔާމީނުގެ 5 އަހަރަކީ އަނިޔާވެރި، ބިރުވެރި، ނާއުންމީދީ، ކަޅު 5 އަހަރު، މީ ޝައްކެއްވެސް ނެތް ވާހަކައެއް، މި ބޭފުޅުން މި ދައްކަވާ ވާހަކައަކީ. އެކަމަކު މިއަދުގެ ހާލަތަކީ ކޮބައިތޯ؟ މަރުގެ ހިސާބުތައް ކީއްވެތޯ ބަލާނުލެވިގެން މި އުޅެނީ؟ މަރުތައް ވަނީ އިތުރު، މައްސަލައެއް ނުއެއް ބެލޭ، ރައްޔިތުން ވަނީ ނިކަމެތިވެފަ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ޔާމީން އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލުމަށް މި ސަރުކާރުން މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.

ރައީސް ޔާމީނު ވަނީ އިލެކްޝަންސް ކޮމިޝަނުގެ އޭރުގެ ރައީސް، އަދި މިހާރު ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފުގެ މައްސަލަ ބެލުން ނޫން އިތުރު ގޮތެއް ނެތްކަމަށް ވިދާޅުވެފައެވެ.

ސަރުކާރު ބަދަލުވެ، ޕީޕީއެމް ސަރުކާރެއް އައިސްފިކަމުގަވާނަމަ، އީސީ ޝަރީފް އަމިއްލައަށް ޖެހެންޏާ ކަރަންޓުގަ ޖެހޭ. އެހެން ނޫނީ މައްސަލަ ބަލާނަން.
ކުރީގެ ރައީސް އަބްދުﷲ ޔާމީން

އޭގެ އިތުރުން، ފަނޑިޔާރުން ކުރާ ކަންކަންވެސް ބެލޭނެކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ދަށު ކޯޓުގައި އެމަނިކުފާނުގެ މައްޗަށް ކުރެއްވި ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރުމަކީ، އެ ފަނޑިޔާރު އިސްތިއުފާ ދެއްވަންޖެހޭ ވަރުގެ ކަމެއްގެ ގޮތުގައި ރައީސް ޔާމީނު ވަނީ ސިފަކުރައްވާފައެވެ.

އަލީ ރަޝީދު ނޫންތޯ އަޅުގަނޑަށް ވަގު ހުކުމެއް ކުރީ. ބަލަ އަލީ ރަޝީދު ތި އުޅޭ ސުޕްރީމް ކޯޓުންނޭ އަޅުގަނޑުގެ މައްޗަށް އެއްވެސް ހެތްކެއް ނެތްކަމަށް ނިންމާފަ އެ އޮތީ. ދުނިޔޭގަ ސިޔާސީ މީހުންނާ، ފަނޑިޔާރުންނާ، އިލްމީ މީހުން މަގާމުތަކުގަ ތިބޭއިރު، މިކަހަލަ ލަދުވެތި ކަންކަން އެމީހުންނަށް ކުރިމަތިވީމާ އަމިއްލައަށް އިސްތިއުފާ ދޭނީ. ދިވެހިރާއްޖޭގަވެސް މިއީ ހަމަ އަށަގަންނަވަން ރަނގަޅު އުސޫލެއް.
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީނު ވިދާޅުވާގޮތުގައި، މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ކިތަންމެ ކުޑަ ތުހުމަތެއް ކުރެވުނު ނަމަވެސް، އިސްތިއުފާ ދިނުމަކީ ރާއްޖޭގައި އަށަގަންނުވަން ރަނގަޅު އުސޫލެކެވެ.

- ކޮމެންޓް