މަރުވެގެން އުޅެނީ ރިލްވާން އެކަނިތޯ ސުވާލުކުރައްވައި، މިސަރުކާރުން ވެރިކަމަށް އައުމަށް މަރުގެ ކާޑު ބޭނުންކުރާކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ތުހުމަތުކުރައްވައިފިއެވެ.
ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން މިމަހު 15 ވަނަ ދުވަހު ވަނީ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލައިގައި ތައްޔާރުކޮށްފައިވާ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް އަރުވާފައެވެ. ރައީސަށް ރިޕޯޓް އެރުވި ދުވަހު ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ، ރިލްވާން މަރާލުމާގުޅިގެން ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ތ. އޮމަދޫ މުހައްމަދު މުނާޒު، ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކޮށް، ރިލްވާން މަރާލިގޮތުގެ ތަފްސީލް ހިއްސާކޮށްފައިވާކަމަށް ބުނެފައެވެ. ކޮމިޝަންގެ މެމްބަރު މިސްބާހް އައްބާސް ވިދާޅުވީ މުނާޒް ރާއްޖެއިން ބޭރަށް ފުރާފައިވަނީވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެހީތެރިކަމާއެކުގައި ކަމަށެވެ.
މިވާހަކަތައް ފެންމަތިވެފައިވަނިކޮށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި "ފެލާލައިފި" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވަނީ، ރިލްވާންގެ މަރާގުޅިގެން މިސަރުކާރަށާއި ފުލުހުންނަށް ތުހުމަތުތައް ކުރައްވައި، ފުލުހުންގެ މުއައްސަސާގައި ތިބީ ގަމާރުންތަކެއް ނުވަތަ ބީތާއީންތަކެއްތޯ ސުވާލުކުރައްވާފައެވެ.
ޔާމީން ވިދާޅުވީ މިސަރުކާރަކީ މަރުފަލި ޖަހަމުންދާ ސަރުކާރެއްކަމަށާއި، މިހާރު ސަރުކާރުން ބޭނުންކުރަނީ މަރުގެ ކާޑުކަމަށެވެ. މިހާރު ބޭނުންކުރާ ކާޑަކީ ރިލްވާންގެ ކާޑުކަމަށާއި ވެރިކަމަށް އަންނަންވެގެންވެސް ބޭނުންކުރީ މަރުގެ ކާޑުކަމަށާއި ވެރިކަން ނިމޭއިރުވެސް ނަގަނީ މަރުގެ ކާޑުކަމަށެވެ.
ބަލަ ރިލްވާން އެކަނިތަ މަރުވެގެން މިއުޅެނީ؟ މަރުވާ ކޮންމެ މީހަކު މަރުވަނީ ގުދުރަތީ މަރަކުން ނޫން. ބައެއްގެ އިހުމާލުން ނޫނީ ބައެއްގެ ބައިވެރިވުން އޮވެގެން މަރުވާ ކޮންމެ މީހަކު މަރުވުމަކީ އަޅުގަނޑުމެންގެ ޕާޓީން ކުށްވެރިކުރާ ކަމެއް. އަދި އެމައްސަލަ ބެލެންވެސް ވާނެ. އެހެރީ ބަލާފަ ހުރި މައްސަލަތަކެކޭ. ފުލުހުންގެ މުއައްސަސާގަ އިސްކޮށް ތިބީ ގަމާރުންތަކެއްތަ؟ ބީތާއިން ތަކެއްތަ؟ މިއީ ބަލާ ނިންމާފަ ހުރި މައްސަލައޭ. މިހާރު މަރުގެ ކާޑު ނަގައިގެން މިއުޅެނީ ކީއްކުރަން؟ ވެރިކަމަށް އަންނަން ނެގީވެސް މަރުގެ ކާޑު. ވެރިކަން ނިމޭއިރުވެސް މިނަގަނީ މަރުގެ ކާޑު. މަރުފަލި ޖަހަމުންދެވޭނީ ކިހާ ހިސާބަކަށް؟އަބްދުﷲ ޔާމީން/ ކުރީގެ ރައީސް
ޔާމީން ވިދާޅުވީ ރިލްވާން މަރާލި މީހުން މިސަރުކާރުގައި ތިބި މީހުންނަށް އެނގޭނެކަމަށާއި, ފުލުހުންނަށްވެސް އެނގޭނެކަމަށެވެ. ރިލްވާން ހުޅުމާލެއިން ކާރަކަށް އެރުވިކަން އެނގޭއިރު, ޔާމީން ވިދާޅުވީ ކާރު ދުއްވީ ކާކުކަންވެސް އެނގޭކަމަށެވެ.
ޔާމީން ތަކުރާރުކޮށް ވިދާޅުވީ ރިލްވާން ގެއްލުވާލި މައްސަލައަކީ ތަހުގީގު ނިމިފައިވާ މައްސަލައެއްކަމަށާއި, ޕާސްޕޯޓު ހަދައިދިން މީހުންގެ ކަންކަންވެސް ބަލައި ނިމިފައިވާކަމަށެވެ.
ކީއްވެގެންތޯ ހުޅުމާލެ ފެރީ ޓާމިނަލާ ހަމައިން އޭނާ ކާރަކަށް ލައިގެން ދުއްވާ ވާހަކަ ދެއްކީ؟ އޭރު ފުލުހުންގެ ތަހުގީގުތަކުން، ކާރު ދުއްވީ ކާކުކަންވެސް އެނގޭ. ކީއްވެތޯ އެމީހުން ވީއްލިގެން މިއުޅެނީ؟ ކޮންތާކުތޯ އެމީހުން މިއަދު ތިބީ؟ އެމީހުން ތިބީ ޕީޕީއެމްގެ ޖަލްސާއަށްތޯ އައިސް؟ ކޮންތާކުތޯ އެމީހުން ތިބީ. ދެން އޭރު ތުހުމަތުވާކަމަށް ބުނާ ބައެއް މީހުންނަށް ޕާސްޕޯޓް ހަދައިދީގެން ރާއްޖެއިން ބޭރަށް ދިޔަ ވާހަކަ ދެއްކީ. ކާކު ޕާސްޕޯޓް ހަދައިދިނީ އެމީހުންނަށް؟ އެއީ ބަލާ ނިންމާފައި އޮތް ތަހުގީގެއް ނޫންތަ؟ އެނިންމާފަ އަދަބު ދޭންޖެހޭ މީހުންނަށް އަދަބު ދެޔޭ. ފުލުހުން މަންމަންވެފަ ތިބީ ގާނޫނު އަސާސީގެ ހަނުހުރުމުގެ ހައްގު ބޭނުންކުރާތީތަ؟އަބްދުﷲ ޔާމީން/ ކުރީގެ ރައީސް
ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މުނާޒު ރާއްޖެއިން ފުރުމުގެ ކުރިން ކުރީގެ ރައީސް ޔާމީނާ ބައްދަލުކުރިކަން ކޮމިޝަނަށް އެނގިފައިވާކަމަށް މިސްބާހު ވިދާޅުވިއެވެ. މިސްބާހު ވިދާޅުވީ މުނާޒް ރައީސް ޔާމީނަށް އެ ވާހަކަތައް ދަންނަވާފައިވަނީ އޭނާގެ ބައިވެރިވުން ނުހިމެނޭގޮތަށް ކަމަށެވެ. އެގޮތުން، ރިލްވާން ގަދަކަމުން ކާރަކަށް ލައިގެން ގެންގޮސް މަރާލުމުގައި ބައިވެރިވި މީހުންނާއި، އެކަން ކުރިގޮތް ރައީސް ޔާމީނަށް މުނާޒް ދަންނަވާފައިވާކަން ކޮމިޝަންގެ ތަހުގީގަށް އެނގިފައިވާކަަމަށް މިސްބާހު ވިދާޅުވިއެވެ.
ރިލްވާނަށް ފާރަލީކަމަށް ތުހުމަތުކުރެވޭ ސ. ހުޅުދޫ އަތިރިއާގެ މުހައްމަދު ސުވައިދުވެސް ކޯޓު އަމުރެއްގެ ދަށުން ދޫކޮށްލާފައިވާކަމަށް ކޮމިޝަނުން ބުނެއެވެ. އަދި ރިލްވާންގެ މަރާގުޅިގެން ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އަޒްލީފް ރައޫފް މުޅިން ސަލާމަތްވީ އޭނާގެ ބަންދުގެ އަމުރު ބާތިލުވުމުން ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ. މީގެ އިތުރުން، ރިލްވާންގެ މަރާ ގުޅުންހުރި ތުހުމަތުތަކުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ މީހުން ނުކުމެ، އާންމުތަންތަނަށް އެއްވެ، އޭރުގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވާ އިވެންޓުތަކުގައާއި ސަރުކާރުގެ އިސްވެރިން ބައިވެރިވާ އިވެންޓުތަކުގައިވެސް އެ މީހުން ބައިވެރިވެފައިވާކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މަރު ކޮމިޝަނުގެ ރައީސް ފަރީޝާ އަބްދުﷲ ވިދާޅުވިގޮތުގައި، ރިލްވާން މަރާލުމުގައި އަމަލީގޮތުން ބައިވެރިވި މީހުން މިހާރު ވަނީ މަރުވެފައެވެ. އެމީހުން މަރުވެފައިވަނީ ސީރިއާ ހަނގުރާމައިގައި ކަމަށް ބެލެވޭކަމަށް މަރު ކޮމިޝަނުން މައުލޫމާތުދެއެވެ. ނަމަވެސް އެކަން ރަސްމީ އިދާރާއަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން ސީރިޔާއަށް ދަތުރުކޮށްފައިވާކަމަށް މައުލޫމާތު ލިބިފައިވާ ފަރާތްތަކަކީ; ޏ. ފުވައްމުލަކު ދަނޑިމަގު އިސްމާއީލް ޝަބީހުއާއި، ސ. ހުޅުދޫ އަތިރީއާގެ މުހައްމަދު ސުއައިދުއާއި، ސ. މީދޫ އިރާކު މުހައްމަދު ހާމިދާއި، ތ. އޮމަދޫ ނަރުގިސްވިލާ މުހައްމަދު މުނާޒުއާއި ހ. ހިލްޓަން އަޒްލީފް ރައޫފް، އަދި ހއ. ދިއްދޫ ސޯސަނީ އިބްރާހީމް ސަލާހުއެވެ.