ކ. މާލެ
|
27 ޖޫން 2017 | އަންގާރަ 18:11
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ (ކ) އަދި ޕޯޗުގަލްގެ ކުރީގެ މިޑްފިލްޑަރު ރައުލް މެރެލައިސް (ވ)
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ (ކ) އަދި ޕޯޗުގަލްގެ ކުރީގެ މިޑްފިލްޑަރު ރައުލް މެރެލައިސް (ވ)
ގޯލް.ކޮމް
ކްރިސްޓިއާނޯ ރޮނާލްޑޯ
ރޮނާލްޑޯ ރެއާލް ދޫކޮށްލާނަމަ، ޕްރިމިއާ ލީގަށް ބަދަލުވުން ބުއްދިވެރި: ރައުލް
ރޮނާލްޑޯ ބަދަލުވުން އެންމެ ރަނގަޅީ ޔުނައިޓެޑް ނުވަތަ ޗެލްސީއަށް
ރޮނާލްޑޯ ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުން

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބް ދޫކޮށްލާނަމަ، ޕްރިމިއާ ލީގަކީ އޭނާ ބަދަލުވުން އެންމެ ރަނގަޅު ލީގުކަމަށް ފެނަބާޗޭއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ މިޑްފިލްޑަރު ރައުލް މެރެލެސް ބުނެފިއެވެ.

ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ރައުލް ބުނީ ރޮނާލްޑޯ ރެއާލް ދޫކޮށްލާނަމަ، އޭނާ ބަދަލުވުން އެންމެ ރަނގަޅީ ޕްރިމިއާ ލީގަށް ކަމަށާއި، އެގޮތުން ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑް ނުވަތަ ޗެލްސީއަކީ ބަދަލުވުން އެންމެ ރަނގަޅު ދެ ކްލަބް ކަމަށެވެ.

ރައުލް ބުނީ މީގެކުރިން ރޮނާލްޑޯ ޔުނައިޓެޑަށް ކުޅެފައިވުމާއެކު، އެ ކްލަބަށް އަލުން ބަދަލުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންނަމަވެސް އޭނާ ބުނީ ރޮނާލްޑޯ ބަދަލުވާނެ ކްލަބެއް އޭނާއަށް ސީދާ ބުނަން ނޭގޭ ކަމަށާއި، އޭނާ ރެއާލް ދޫކޮށްލާނެކަމާމެދުވެސް އެއްޗެއް ބުނަން ނޭގޭ ކަމަށެވެ.

މިވަގުތު ރޮނާލްޑޯ ޕޯޗުގަލްއާއެކު ކޮންފެޑެރޭޝަން ކަޕް ކުޅުމަށް ރަޝިއާގައި ހުރިއިރު، ގިނަ ކްލަބްތަކުން އަންނަނީ އޭނާ ހޯދުމަށް މަސައްކަތްކުރަމުންނެވެ. ޕޯޗުގަލް ވަނީ ކޮންފެޑެރޭޝަން ކަޕްގެ ސެމީން ޖާގަ ހޯދާފައެވެ. ސެމީގައި ޕޯޗުގަލް ނިކުންނާނީ ޗިލީއާ ދެކޮޅަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރޮނާލްޑޯ ރެއާލް ދޫކޮށްލަން ނިންމާފައިވަނީ އޭނާއަށް ސްޕެއިންގެ ޓެކްސް އޮފީހުން ތުހުމަތުކޮށްފައިވާ ޓެކްސް މައްސަލައާ ގުޅިގެންނެވެ.

ސްޕެއިންގެ ޓެކްސް އޮފީހުން ވަނީ ރޮނާލްޑޯ 14.7 މިލިއަން ޔޫރޯއަށް މަކަރުހަދާފައިވާ ކަމަށް ބުނެފައެވެ. އެހެންނަމަވެސް ރޮނާލްޑޯ ވަނީ މިކަންތައް ދޮގުކޮށްފައެވެ. އެގޮތުން އޭނާ ބޭނުންވަނީ ސްޕެއިން ދޫކޮށްލަންށެވެ.

ރޮނާލްޑޯ ރެއާލްގައި 2021 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރަން ނިންމާފައިވާއިރު، އޭނާ ވަނީ އެ ކްލަބުގައި ހުރެ ރިޓަޔާކުރަން ބޭނުންވާކަމަށާ ރެއާލްގެ ޖޯޒީއަކީ ލާން އެންމެ ފަސޭހަ ޖޯޒީކަމަށްވެސް މީގެކުރިން ބުނެފައެވެ.

ސްޕޯޓިން އިން ކެރިއަރު ފެށި އުމުރުން 32 އަހަރުގެ ރޮނާލްޑޯ ވަނީ މެންޗެސްޓާ ޔުނައިޓެޑަށްވެސް ކުޅެފައެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް ކުޅުނު 292 މެޗުގައި 118 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ޔުނައިޓެޑާއެކު ތިން ޕްރިމިއާ ލީގް، އެފްއޭކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ފީފާ ކްލަބް ވޯލްޑްކަޕް، ފުޓްބޯލް ލީގު ކަޕް ދެ ފަހަރު އަދި އެފްއޭ ކޮމިއުނިޓީ ޝިލްޑް ވެސް ކާމިޔާބުކޮށްފައެވެ.

ރެއާލް އަށް 2009 ވަނަ އަހަރު ރެކޯޑު އަގަކަށް ބަދަލުވި ރޮނާލްޑޯ ވަނީ އެ ކްލަބަށް މިވީތަނަށް ކުޅުނު 394 މެޗުގައި 406 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ރެއާލްއާއެކު ތިން ޗެމްޕިއަންސް ލީގު، ދެ ލީގު ތަށި، ދެ ކޮޕާޑެލްރޭ، ސްޕެނިޝް ސުޕަރކަޕް، ޔުއެފާ ސުޕަރކަޕް އަދި ފީފާ ކްލަބް ވޯލްޑްކަޕް ދެފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް