ކ. މާލެ
|
24 ޑިސެންބަރ 2022 | ހޮނިހިރު 07:15
އާދަމް އާޒިމް
އާދަމް އާޒިމް
އެމްޓީސީސީ
އެމްޓީސީސީ
2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް، އެމްޓީސީސީއާ މަޝްރޫއުތައް ހަވާލުކޮށްގެން 100 މިލިއަން ޑޮލަރު ވާނީ ގައުމުގަ ހިފެހެއްޓިފަ: އާޒިމް
ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެމްޓީސީސީގެ ކެޕޭސިޓީ އެތައް ގުނައެއް އިތުރުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ދުރުވިސްނުންފުޅުގެ ލަފަޔާއި އިރުޝާދާއެކު އެމްޓީސީސީ ކުރިއަރައި، ބޭރުގެ ކުންފުނިތަކަށް ބަރޯސާވުން ކުޑަވެ, 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް 100 މިލިއަން ޑޮލަރު ގައުމުގައި ހިފެހެއްޓިފައި ވާނެކަމަށް، އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވީ ގއ. ދާންދޫގައި އަލަށް ހިއްކި ބިން އެ ރަށުގެ ކައުންސިލާ ހަވާލުކުރުމަށް ހުކުރު ދުވަހުގެ ރޭ އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އާޒިމް ވަނީ ކުރިއާ އަޅައިބަލާއިރު ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެމްޓީސީސީގެ ކެޕޭސިޓީ އެތައް ގުނައެއް އިތުރުވެފައިވާކަން ފާހަގަކުރައްވާފައެވެ.

އާޒިމް ވިދާޅުވީ ރައީސްގެ ދުރުވިސްނުންފުޅާއެކު އެމްޓީސީސީއަށް ގެންނެވި ބަދަލުތަކުގެ ސަބަބުން މިހާރު އެއްފަހަރާ އެ ކުންފުންޏަށް 75 މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދެވޭނެ ގާބިލުކަން ލިބިފައިވާ ކަމަށެވެ. މިފަދަ ކަންކަމުގެ ސަބަބުން ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ބޭރުގެ ކޮންޓްރެކްޓަރުންނަށް ބަރޯސާވުން ހުއްޓާލެވޭނެ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭން ބޭރަށް ފައިސާ ނުގޮސް ރާއްޖޭގެ އިގްތިސާދުގައި އެފައިސާ ދައުރުވަމުންދާނެ ކަމަށެވެ. މީގެ ސަބަބުން އިގްތިސާދު ކުރިއަރައި އިގްތިސާދު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މަސައްކަތްތަކަކީ އެމްޓީސީސީން (ރައީސްގެ އިރުޝާދުފުޅާއެކު) ފުޅާކޮށް ނުކުރިނަމަ، ބޭރުގެ ކުންފުނިތަކަށް މަސައްކަތްތައް ދީގެން ގެންދާނެ 100 މިލިއަން ޑޮލަރު. ހަމަ ގައިމުވެސް އިގްތިސާދުގަ ދައުރުވުމުގެސަބަބުން ގައުމުގެ އިގްތިސާދު މިވަނީ އިތުރަށް ކުރިއަރާފަ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އާޒިމް ވިދާޅުވިގޮތުގައި، ރައީސް ލަފާފުޅާއެކު އެމްޓީސީސީގެ މަސައްކަތްތައް ވަނީ ވަރަށް ބޮޑަށް އަވަސްވެފައެވެ. އަދި އެމްޓީސީސީގެ މަސައްކަތްތަކުންވެސް، ރައީސް ސާލިހަކީ ބާރު ސްޕީޑުގައި މަޝްރޫއުތައް ހިންގަވާ ވެރިއެއްކަން އެނގިގެންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ތަރައްގީ ގެންނެވުމުގައި ރަށުގެ ކުޑަ ބޮޑުމިނަށް ރައީސް ނުބައްލަވާކަމަށާއި، އެމަނިކުފާނު ތަރައްގީ ގެނައުމުގައި ގެންގުޅުއްވަނީ ވަރަށްވެސް ހަމަހަމަ ވިސްނުންފުޅެއްކަން އާޒިމް ފާހަގަކުރެއްވިއެވެ.

- ކޮމެންޓް