ސަރުކާރުން ދާންދޫގައި ހިއްކި 25 ހެކްޓަރުގެ ބިމުގައި ހައުސިންގ ޕްރޮގްރާމެއް ހިންގާނެކަމަށް ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ސަރުކާރުން ދާންދޫގައި ހިއްކި 25 ހެކްޓަރުގެ ބިން ކައުންސިލާއި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ ސަރުކާރުން ހިއްކި ދާންދޫގެ 80 އިންސައްތަ ބިން ރަނގަޅު ގޮތުގައި ޕްލޭން ކުރައްވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އަދި ކޮންމެ ގޮތަކަށް ޕްލޭން ކުރެއްވި ނަމަވެސް އެންމެ ބޮޑު އެއް ބޭނުމަކަށް އޮންނާނީ ރައްޔިތުންނަށް ގޯތި ދިނުމާއި ބޯހިޔާވަހިކަން ހޯދައިދެއްވުން ކަމަށެވެ. އޭގެ ތެރޭގައި ގޯތި ވެސް ދެވޭނެކަމަށާއި، ސަރުކާރުން ހިއްކި ބިމުގައި މަދުވެގެން 700 ގޯތި ދެވޭނެ ކަމަށެވެ. އެއީ ދާންދޫގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވީ ރައީސް އިރުޝާދު ދެއްވާފައިވަނީ ސަރުކާރުން ހިންގާ ހައުސިންގ ޕްރޮޖެކްޓްތަކުގެ ތެރެއިން ދާންދޫގައި ހައުސިން ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ކަމަށެވެ.
އަޅުގަނޑުމެންގެ ހަޔާތުގައި އިތުރަށް މިރަށުގެ މީހުންނަށް ބިމާއި ބެހޭގޮތުން ދެންކުރާނެ ޝަކުވާއެއް ނޯންނާނެ. ދެން ގެދޮރުގެ ވާހަކަ ވަރަށް ދައްކައިފި. ރައީސް އަޅުގަނޑަކަށް އިރުޝާދު ދެއްވައިފި އަޅުގަނޑު މި ވާހަކަ އިއުލާން ކުރެއްވުމަށް. ހައުސިން ޕްރޮގްރާމް އަޅުގަނޑުމެން އެބަ ހިންގަން އެކި ކަހަލަ. އޭގެ ތެރޭގައި ބައެއްފަހަރު ފްލެޓް އަޅަން، ބައެއް ފަހަރު ޕްރައިވެޓް ސެކްޓަރގައި ރިއަލްއެސްޓޭޓް ޑިވަލަޕްމަންޓުގެ ގޮތުގައި ކުރިއަށް ގެންދަން. ބައެއް ފަހަރު އަޅުގަނޑުމެން ލޯނު ދެން. މިހާރުވެސް އެބަ ހިންގަން 1500 ހައުސިންގެ ޕްރޮގްރާމެއް އަތޮޅު ތެރޭގައި. މި ނިމުނީކީ ނޫން. އިރާދަކުރެއްވިޔާ މި ބިމުގައި ހިންގޭނެ ހައުސިންގް ޕްރޮގްރާމެއް އަޅުގަނޑު ތި ބޭފުޅުންނަށް އަރިހުގައި ދަންނަވަން ރައީސް އަޅުގަނޑަށް އިރުޝާދު ދެއްވައިފިޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް
މިނިސްޓަރ އަސްލަމް ވިދާޅުވީ މި ހިނގާ ރިޔާސި ދައުރުގެ ތެރޭގައި މުޅި ރާއްޖޭގައި ބައިވަރު ކަންކަން ކުރަމުން ގެންދަވާ ކަމަށެވެ. އަސްލަމް ވިދާޅުވީ ބޮޑު މަޝްރޫއެއް ނުހިނގާ އެންމެ ރަށެއްވެސް ރާއްޖޭގައި ނޯންނާނެ ކަމަށާއި، ފެނާއި ނަރުދަމާ، ފުޓްބޯޅަ، ފުޓްސަލް، ބިން ހިއްކުން އަދި ބަނދަރު ފަދަ ކޮންމެވެސް މަސައްކަތެއް ނުހިނގާ އެއްވެސް ރަށެއް ނޯންނާނެ ކަަމަށެވެ.
މިއަތޮޅަށް އެކަނި ބަލާލިކަމުގައި ވިޔަސް، 17 ޕްރޮޖެކްޓް އެބަ ހިނގާ. އޭގެ ތެރެއިން 3 ޕްރޮޖެކްޓް މިއޮތީ މިރަށުގައި. 4 ޕްރޮޖެކްޓް ޓެންޑަރގައި އެބައޮތް. މި ދެންނެވި ޕްރޮޖެކްޓްތަކަށް އަޅުގަނޑުމެން ހަރަދުކުރާނަން 850 މިލިއަން ރުފިޔާ. މިއީ ހިނގަ ހިނގާ ހުރި ޕްރޮޖެކްޓްތައް. މިއީ ވިސްނާފައި ކުރަން ރާވާފައި ހުރި މަސައްކަތެއް ނޫން.ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް
މި މަސައްކަތް ކުރިއަށް ގެންދެވީ ކޮވިޑްގެ ތެރޭގައި ކަމަށާއި، ރައީސް އެއިރު ނިންމެވި އެންމެ މުހިންމު އެއް ނިންމެވުމަކީ ތަރައްގީގެ އެއްވެސް މަޝްރޫއެއް ހުއްޓާނުލާ ކުރިއަށް ގެންދެވުން ކަމަށެވެ. ބައެއް ގައުމުތަކުގައި ކަންކަން ވެގެންދިޔައީ އެހެން ނޫން ކަމަށާއި، އެ ގައުމުތަކުގައި ހުރިހާ ކަމެއް ހުއްޓާލާ މުޅި ގައުމު ހުއްޓުވުމަކަށް ގެނައި ކަމަށެވެ. އަދި އެގޮތަށް ހެދި ގައުމުތައް ބަނގުރޫޓް ވެގެންދިޔަ ކަމަށެވެ. ރާއްޖެއިން ތަރައްގީގެ މަޝްރޫއުތައް ހުއްޓާނުލާ ކުރިއަށް ގެންދިއުމަކީ ހިކުމަތްތެރިކަމުގެ އަމަލެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.