ކ. މާލެ
|
23 ޑިސެންބަރ 2022 | ހުކުރު 22:02
ދާންދޫ ކައުންސިލުން ރައީސްއަށް ހާއްސަ ޕްލާކެއް އެރުވުން
ދާންދޫ ކައުންސިލުން ރައީސްއަށް ހާއްސަ ޕްލާކެއް އެރުވުން
ޕްލޭނިންގ މިނިސްޓްރީ
ރައީސް ދާންދޫއަށް ކުރައްވާ ދަތުރުފުޅު
ދެ މަސް ދުވަހުގެ ތެރޭގައި ދާންދޫގައި ބޭންކެއް ޤާއިމްކުރުމުގެ މަސައްކަތް ފަށާނެ: ރައީސް
ޚިދުމަތް ދިނުމުގައި އެއްވެސް ބަޔަކު ތަފާތު ނުކުރައްވާނެ ކަމަށް ވިދާޅުވި
ދާންދޫ ރައްޔިތުން އެދުނު ކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި
1 ޖެނުއަރީން ފެށިގެން ފެނަކައިގެ އައިސްޕްލާންޓުތަކުން ކްރެޑިޓަށް އައިސް ލިބޭނެ

ރައްޔިތުންގެ ކަންބޮޑުވުން ހައްލު ކޮށްދިނުމުގެ ގޮތުން ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ގއ. ދާންދޫގައި ބޭންކުގެ ބްރާންޗެއް ގާއިމް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ދާންދޫގައި އަލަށް ހިއްކި ބިން އެ ރަށުގެ ކައުންސިލާ ރަސްމީކޮށް ހަވާލުކުރުމަށް ހުކުރު ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވަނީ ރަސްމިއްޔާތުގެ ކުރިން ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި އެރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައިފައެވެ. އެ ބައްދަލުވުމުގެ ތެރެއިން ބޭންކިންގެ ޚިދުމަތް ހޯދުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި ރައްޔިތުން މި ސަރުކާރު ވެރިކަމަށް ގެނައީ ގިނަ އުއްމީދުތަކެއް ހުރެ, އެކަން ކޮށްދޭނެ ކަމުގެ އިތުބާރު އޮތުމުން ކަމަށެވެ. އޭގެ ތެރެއިން ރައްޔިތުން ބޭނުންވި ގިނަ ކަންކަން ރަނގަޅު ކުރެވިއްޖެ ކަމަށާއި އެގޮތުން, ސިޔާސީ ހަލަބޮލިކަން ނައްތާލައި, އަސާސީ ޙައްގުތަކާއި މިނިވަންކަން ހޯދައިދެވިއްޖެކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައްޔިތުން އެދެމުން ދިޔަ އަސާސީ ޚިދުމަތްތަކުގެ ތެރެއިން މި ސަރުކާރުގެ ފަސް އަހަރު ނިމެން ކައިރިވެފައިވާއިރު ކޮންމެ މީހަކަށް ވެސް ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ފެށި އެންމެ މުހިންމު އެއް މަސައްކަތަކީ ގައުމަށް ބޭނުންތެރި ޖީލެއް އެފެއްދުން, ކަމަށާއި އެކަން ވެސް ކާމިޔާބުކަމާއެކު ކުރެވެމުން އަންނަ ކަމަށެވެ. އެގޮތުން ސަރުކާރުން ފަށާފައިވާ ހިލޭ ޑިގްރީގެ ދަށުން މިހާރުވެސް 15000 ޒުވާނުން ތައުލީމު ހާސިލް ކުރަމުން އަންނައިރު ދާންދޫއިން އެކަންވެސް 125 ޒުވާނުން އެ ސްކީމްގެ ދަށުން ކިޔަވަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅިފައިވާ ކަމަށާއި ބަނދަރުތައް ހަދައި ދަތުރުފަތުރުން ރަށްތައް ގުޅާލުމަކީ ވެސް ރަށްރަށުގެ ތަރައްްގީއަށް ކުރަން ޖެހޭ މުހިންމު މަސައްކަތްތަކެއް ކަން ވެސް މި ރަސްމިއްޔާތުގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި ދާންދޫގެ ރައްޔިތުންނާ 2018 ވަނަ އަހަރު ވެސް ބައްދަލު ކުރެއްވިކަން ފާހަގަކުރައްވައި ރައްޔިތުން އެދިފައިވާ ކަންކަމުގެ ތެރެއިން 12އަށްވުރެ ގިނަ މަޝްރޫއުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށްތައް ތަރައްގީ ކުރުމުގައި އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅުއްވާނެ ކަމަށެވެ. އެގޮތުން, ދާންދޫގެ ރައްޔިތުން އެދުނު ކަންކަން ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އެގޮތުން އެއްމެބޮޑު އެއް ކަންބޮޑުވުންގޮތުގައި ފާހަގަ ކުރެވުނު ބޭންކިންގެ ޚިދުމަތް ފުޅާ ކުރުމުގެ ގޮތުން ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެ ރަށުގައި ބޭންކުގެ ބްރާންޗެއްގެ މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ދޯނި އެހެލާ މަރާމާތު ކުރެވޭ ގޮތެއް ހޯދަން ދެއްވާނެ ކަމަށާއި 1 ޖެނުއަރީ 2023 އިން ފެށިގެން ފެނަކައިގެ އައިސް ޕްލާންޓު ތަކުން ކްރެޑިޓަށް އައިސް ލިބިގެންދާނެ އިންތިޒާމާއި މަސް ދޯނިތަކަށް ބޭނުންވާ ވަރަށް ތެޔޮ ފޯރުކޮށްދިނުމާއި ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމު ވެސް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހުކުރު ދުވަހުގެ ހަވީރު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ދާންދޫގެ ރައްޔިތުން ވަނީ އެ ރަށުގެ ސިއްޙީ ނިޒާމު އިތުރަށް ހަރުދަނާ ކޮށްދިނުމަށް ވެސް ރައީސްގެ އަރިހުގައި އެދިފައެވެ. އެހެންކަމުން އެ ރަށުގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ވެސް މަސައްކަތް ކޮށްދެއްވާނެ ކަމަށާއި އެ ރަށުގެ އެކި ޕްރޮޖެކްޓުތައް އަންނަ އަހަރުގެ ބަޖެޓުގައި ވެސް ހިމަނާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

- ކޮމެންޓް