އެމެރިކާއަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ އެންމެ މުހިންމު އެއް އައިޓަމް ހިނގަމުން ދަނިކޮށް ބޮޑު ލަދެއްގައި ބެދި ވަޑައިނުގަނެ ބޮޑުވަޒީރު މޯދީ ސަލާމަތްވެ ވަޑައިގެންފިއެވެ.
މި ފަހަރު މޯދީގެ ސަލާމަތައް ހަރަކާތް ކުރައްވަން ޖެހިވަޑައިގަތީ އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އަޖިތް ޑޯވަލް އެވެ.
އަންގާރާ ދުވަހު ވައިޓް ހައުސްގެ ރޯސް ގާޑްންގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަފުޅު ދައްކަވާ އަޑު ކަނުލާ އައްސަވަން އިންނަވަނިކޮށް ކުއްލިއަކަށް އައި ވައިރޯޅިއެއް، މޯދީ، މީޑިއާގެ ކުރިމަތީގައި ދެއްވަން އޮތް ސްޕީޗްގެ ގަނޑުތައް ބުރުވާލިއެވެ. އެއާއެކު ކުރިމަތީ ބަރީގައި އިންނެވި ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އަވަސް އަވަހަށް ގަނޑުތައް އެއްކުރައްވާ ބޮޑު ވަޒީރު މޯދީގެ އަތްޕުޅަށް އެރުވިއެވެ. މޯދީގެ އަތްފުޅަށް ގަނޑުތައް އެރުވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އަނެއްކާ އައި ރޯޅިއަކާއެކު ސްޕީޗްގެ ގަނޑުތައް ބުރައިގެން ދިޔައެވެ. މި ފަހަރުވެސް ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ގަނޑުތައް ހޮއްވަވާ މޯދީގެ އަތްޕުޅަށް އެރުވީއެވެ.
ބޮޑުވަޒީރު މޯދީ އެމެރިކާއަށް މި ކުރައްވާ ދަތުރުފުޅަކީ އެމެރިކާގެ ރައީސް ކަމަށް ޓްރަމްޕް އިންތިޚާބުވެ ވަޑައިގަތް ފަހުން ދެބޭފުޅުންގެ ފުރަތަމަ ބައްދަލުވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ޓްރަމްޕް ވިދާޅުވެފައިވަނީ މޯދީއަކީ އެމެރިކާގެ ހަގީގީ އެކުވެރިއެއް ކަމަށެވެ.