ކ. މާލެ
|
24 ޑިސެންބަރ 2022 | ހޮނިހިރު 04:18
ޖޯޖް ކޯހެން
ޖޯޖް ކޯހެން
ޓްވީޓަރ
ޖޯޖް ކޯހެން
އިންގްލެންޑް އަދި ފުލަމްގެ ލެޖެންޑް، ކޯހެން މަރުވެއްޖެ
އޭނާ ވަނީ އިންގްލެންޑުގެ ގައުމީ ޓީމާއެކު 1966 ވަނަަ އަހަރުގެ ފީފާ ވޯލްޑް ކަޕްވެސް ކާމިޔާބުކޮށްފައި

އިންގްލެންޑުގެ ގައުމީ ޓީމު އަދި ފުލަމްގެ ލެޖެންޑް ޖޯޖް ކޯހެން މަރުވެއްޖެއެވެ.

އުމުރުން 83 އަހަރުގައި ކޯހެން މަރުވެފައިވަނީ ހުކުރު ދުވަހުގެ ވަގުތެއްގައި ކަމަށް ބޭރުގެ މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. ކޯހެންއަކީ އިންގްލެންޑުގެ ގައުމީ ޓީމާއި ފުލަމްއަށް ކުޅުނު މޮޅު ޑިފެންޑަރެކެވެ. އޭނާ ވަނީ އިންގްލެންޑުގެ ގައުމީ ޓީމާއެކު 1966 ވަނަަ އަހަރުގެ ފީފާ ވޯލްޑް ކަޕް މުބާރާތްވެސް ކާމިޔާބުކޮށްފައެވެ. ކޯހެން ވަނީ ކުލަބް ފުޓުބޯޅައިގައި ފުލަމްއާއެކު 13 އަހަރު ހޭދަކޮށްފައެވެ. އެ މުއްދަތުގައި އޭނާ ވަނީ އެ ކުލަބަށް 459 މެޗު ކުޅެދީ 6 ލަނޑު ކާމިޔާބުކޮށްފައެވެ. ގައުމީ ޓީމަށް ކޯހެން ވަނީ 37 މެޗު ކުޅެދީފައެވެ. ވެސްޓް ޖަރމަނީ ބަލިކޮށް އިންގްލެންޑު ތަށި އުފާލި އަހަރު ކޯހެންއަކީ ޓީމުގެ ވައިސް ކެޕްޓަނެވެ.

ކޯހެން މަރުވުމާއެކު ފުލަމްއިން ނެރުނު ސްޓޭޓްމަންޓެއްގައި ބުނީ، ފުލަމްއާއި ކުލަބާ ގުޅިފައިވާ އެންމެހާ ފަރާތްތަކުންވެސް ކޯހެން ވަކިވުމުގެ ހިތާމައިގައި ބައިވެރިވާކަމަށެވެ. އަދި ކޯހެންއަކީ ފުލަމްގެ ތާރީޚުގައިވެސް އެ ކުލަބަށް ކުޅުނު އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި ފުލަމްއިން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ފުލަމްއަށް ކޯހެން 459 މެޗު ކުޅެދީފައިވާކަމަށާއި، އިންގްލެންޑާއެކު ވޯލްޑް ކަޕް ކާމިޔާބުކުރިކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ފުލަމްގެ އިތުރުން އެފްއޭގެ ޗެއަރ، ޑެބީ ހެވިޓް ވިދާޅުވީ ކޯހެން މަރުވި ޚަބަރު އެހީ ފުން ހިތާމައާއެކު ކަމަށެވެ. ޑެބީ ވަނީ، ކޯހެން ވަކިވުމަކީ ފުޓުބޯޅައަށާއި (ޚާއްސަކޮށް ވޯލްޑް ކަޕްގައި) އިންގްލެންޑަށް ލިބޭނެ ހިތާމައެއް ކަމަށްވެސް ބުނެފައެވެ. މީގެ އިތުރުން ޑެބީ ވަނީ ކޯހެންގެ އާއިލާއާއި ރަހުމަތްތެރިންނަށް ތައުޒިޔާ ފޮނުވައި، ހިތްވަރު ދެއްވާފައެވެ.

- ކޮމެންޓް