ކ. މާލެ
|
23 ޑިސެންބަރ 2022 | ހުކުރު 21:31
ދާންދޫ ހިއްކި ބިން ރަސްމީކޮށް ކައުންސިލާއި ހަވާލުކުރުން
ދާންދޫ ހިއްކި ބިން ރަސްމީކޮށް ކައުންސިލާއި ހަވާލުކުރުން
ޕްލޭނިންގ މިނިސްޓްރީ
ރައީސް ދާންދޫއަށް ކުރައްވާ ދަތުރުފުޅު
ދާންދޫއަށް އަލަށް އިތުރު ކުރި ބިން، ކައުންސިލާ ހަވާލުކޮށްފި
އެ ރަށުގައި 25 ހެކްޓަރުގެ ބިން ވަނީ ހިއްކާފައި
މިއީ 185 މިލިއަން ރުފިޔާގެ މަޝްރޫއެއް

ގއ. ދާންދޫގައި އަލަށް ހިއްކި ބިން, އެ ރަށު ކައުންސިލާ ރަސްމީކޮށް ހުކުރު ދުވަހުގެ ރޭ ހަވާލުކޮށްފިއެވެ.

ބިން ރަސްމީކޮށް ކައުންސިލާ ހަވާލުކޮށްދެއްވީ ހުކުރު ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުއެވެ.

މި ރަސްމިއްޔާތުގައި ރައީސްގެ އިތުރުން ދާންދޫ ކައުންސިލް މެމްބަރުންނާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.

ދާންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި މަޝްރޫއު އެ ކުންފުންޏާ ހަވާލު ކޮށްފައިވަނީ 10 ނޮޮވެމްބަރު 2020 ގައެވެ. މަސައްކަތް މޮބިލައިޒްކޮށްފައިވަނީ 10 އޯގަސްޓް 2021ގައެވެ.

މި މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކައި, އެ ހިއްކި ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން 833 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަން ޖެހުމާއި 375 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓަރ ގާއިމު ކުރުމާއި 180 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ އިތުރުން 345 މޯޔަރުގެ ޖިއޯބޭގް ރިވެޓްމަންޓް ގާއިމް ކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

ދާންދޫގެ 25 ހެކްޓަރުގެ ބިން ހިއްކުމަށް 185,529,343.09 (ސަތޭކަ އައްޑިހަ ފަސް މިލިއަން, ފަސް ލައްކަ ނަވާވީސް ހާސް ތިން ސަތޭކަ ސާޅީސް ތިން ރުފިޔާ ނުވަ ލާރި) ވަނީ ހޭދަކޮށްފައެވެ.

މި މަޝްރޫއު ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދާންދޫ ކައުންސިލްގެ ރައީސް މުޙައްމަދު އާސިފް ވިދާޅުވީ އެއްވެސް ސިޔާސީ ފިކުރަކަށް ބެލުމެއްނެތި ކައުންސިލުން މަސައްކަތް ކުރަނީ ރަށުގެ ތަރައްގީއަށް, އެގޮތުގައި ދެމި ތިބޭނެ ކަމަށެވެ. އަދި މިއަދުގެ ސަރުކާރުން އެ ރަށުގައި ކުރިއަށްގެންދާ މަޝްރޫއުތަކަކީ ރަށުގެ ތަރައްގީއަށް ކުރަމުން އަންނަ މުހިންމު މަޝްރޫއުތަކެއް ކަމަށާއި އެފަދަ ކަންކަމުގައި ކައުންސިލުގެ އެއްބާރުލުން އަބަދުވެސް ލިބިގެންދާނެ ކަމަށެވެ.

މި މަޝްރޫއުގެ ސަބަބުން ރަށަށް އުމްރާނީ ގިނަ ތަރައްގީ ލިބިގެންދާނެ ކަމަށް އެ ރަށުގެ ކައުންސިލުންނާއި ރައްޔިތުން ގަބޫލު ކުރެއެވެ.

މި ރަސްމިއްޔާތުގައި ދާންދޫ ކައުންސިލްގެ ފަރާތުން ރައީސްއަށް ޝުކުރު އަދާ ކުރެއްވުމުގެ ގޮތުން ވަނީ ހާއްސަ ޕްލާކެއް ވެސް އަރުވާފައެވެ.

އެމްޓީސީސީން ދާންދޫގައި ކުރިއަށްގެންދާ އިިތުރު މަޝްރޫއުތަކުގެ ތެރެއިން އެ ރަށުގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ. މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 19 ޖެނުއަރީ 2022ގައެެ.

މި މަޝްރޫއުގެ ދަށުން 81404 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުން ކުރުމާއި 90 މީޓަރުގެ ކުރީގެ ބޭރު ތޮށި ނެގުމާއި 333.20 މީޓަރުގެ ސަރަހައްދެއްގައި އައު ބޭރުތޮއްޓެއް ލުން ހިމެނެއެވެ. އަދި ރިވެޓްމަންޓް ޖެހުމާއި ގްރޮއިން ޖެހުމާއި ރޭމްޕެއް ހެދުމާއި ހާބަރ ޕޭވްމަންޓް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.

ދާންދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 74.4 މިލިއަން ރުފިޔާއަށެވެ.

- ކޮމެންޓް