ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ކެޕްޓަން ގެރެތު ބޭލް ދޫކޮށްލަން އެޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބޭނުންނުވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ސްޕެއިންގެ މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ މާސާ އިން ބުނީ ރެއާލް އިން ބޭލް ވިއްކާލަން ތައްޔާރުވަމުން އަންނަ ކަމަށް ފެތުރެމުން އަންނަ ރިޕޯޓުތަކަކީ ހަގީގަތެއް އޮތް ރިޕޯޓްތަކެއް ނޫން ކަމަށާއި، ޒިދާން ބޭނުން ވަނީ ކުރިޔަށް އޮތް ސީޒަނުގައި ވެސް ކްލަބުގައި ބަހައްޓަން ކަމަށެވެ. އެގޮތުން ކްލަބް މެނޭޖްމަންޓުން ވެސް އެދެނީ އެގޮތް ކަމަށް ރިޕޯޓުގައި ބުނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރެއާލް އިން އަންނަނީ މޮނާކޯ އަށް ކުޅެމުން އަންނަ ކީލިއަން އެމްޕަބޭ ހޯދުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން އޭނާ ރެއާލް އަށް ގެނެވިއްޖެ ނަމަ އެ ކްލަބުން ބޭލް ދޫކޮށްލާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ބޭލް ހޯދުމަށް ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މިދިޔަ ޖެނުއަރީ ޓްރާންސްފާގައި މެންޗެސްޓާ ޔުނައިޓެޑް އަދި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ވެސް ވަނީ ބޭލް ހޯދަން މަސައްކަތްކޮށްފައެވެ.
މި ސީޒަނުގެ ބޮޑު ބައެއް އަނިޔާގައި ހުންނަން ޖެހުނު ބޭލް މި ސީޒަނުގައި ކުޅެފައިވަނީ 27 މެޗެވެ. އަނިޔާގެ ސަބަބުން ބޭލް އަށް ގިނަ މެޗުތައް ގެއްލިފައިވާއިރު، ފިޓްވުމަށް އޭނާ އަންނަނީ މަސައްކަތްކުރަމުންނެވެ.
ޓެންމަހް ހޮޓްސްޕާއިނ 2014 ވަނަ އަހަރު ދުނިޔޭގެ ރެކޯޑް އަގަކަށް ރެއާލް މެޑްރިޑަށް ބަދަލުވެ، ބޭލް ވަނީ މިހާތަނަށް ރެއާލްއަށް 67 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އެޓީމާއެކު އޭނާ ވަނީ ކޮޕާ ޑެލްރޭ، ފީފާ ކްލަބް ވޯލްޑްކަޕް، ޔޫއެފާ ސުޕަރ ކަޕް، އަދި ޔޫއެފާ ޗެމްޕިއަންސް ލީގު ދެފަހަރު ކާމިޔާބުކޮށްފައެވެ.