ކުރިޔަށް އޮތް އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފޯމު ހުށަހަޅުއްވައިފިއެވެ.
ރައީސް ނަޝީދު ފޯމު ހުށަހެޅުއްވި ކަން ހާމަކުރެއްވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުއެވެ. ހަސަން ލަތީފަކީ ރައީސް ނަޝީދު އާއެކު މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ވާދަކުރުމަށް ހުޅުވާލީ ޑިސެމްބަރު 18 ވީ އާދިއްތަ ދުވަހުއެވެ. ވާދަ ކުރަން ބޭނުންވަނީ އެމްޑީޕީގެ 500 މެންބަރުންގެ ތާއީދެވެ. ރައީސް ނަޝީދަށް ތާއީދު ކުރާ މީހުންގެ ސޮއި ހޯދުމުގެ މަސައްކަތްތައް އަންގާރަ ދުވަހުން ފެށިގެން މާލެ އާއި އަތޮޅުތަކުގައި އަންނަނީ ހިންގަމުންނެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރަން ބޭނުންވާ މެންބަރުން ފޯމު ހުށަހަޅަން ޖެހޭނީ 24 ޑިސެމްބަރު ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގެ ކުރިންނެވެ. ރައީސް ނަޝީދުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުވެސް އެމްޑީޕީ ރިޔާސީ ޓިކެޓަށް ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އަދި ރައީސް ޞާލިހަށް ތާއީދު ކުރާ މީހުންގެ ސޮއި ހޯދުމަށްވެސް ވަނީ ކެމްޕެއިން ފަށާފައެވެ.
އެމްޑީޕީން އިއުލާންކޮށްފައިވާ ޓައިމްލައިނުގައި ދައްކާ ގޮތުން 24 ޑިސެމްބަރުގައި ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާއިރު 26 ޑިސެމްބަރުގައި ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު، ކެންޑިޑޭޓް ނަންބަރާއެކު އިއުލާން ކުރާނެއެވެ. އަދި 28 ޑިސެމްބަރުގައި ރިޔާސީ ޕްރައިމަރީ ވޯޓާސް ލިސްޓު އާންމު ކުރުމާއި، ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާއިރު 31 ޑިސެމްބަރުގެ ހަވީރު 4:00 އާ ހަމަައަށް ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވާނެއެވެ.
ރިޔާސީ ޕްރައިމަރީގެ ފައިނަލް ވޯޓާސް ލިސްޓު އާއްމުކުރާނީ 3 ޖެނުއަރީ 2023 ގައެވެ. އެއަށްފަހު 10 ޖެނުއަރީގައި ކެންޑިޑޭޓުންގެ މަންދޫބުންނަށް ފުރުސަތު ހުޅުވާލައި އެ ފުރުސަތު 15 ޖެނުއަރީގެ ނިޔަލަށް ބަންދުވާނެއެވެ. ވޯޓުލުން ކުރިއަށްދާނީ 28 ޖެނުއަރީގައެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ދެ ރައީސުން ވާދަކުރައްވާއިރު ދެ ބޭފުޅުންގެ މެދުގައި ވަނީ ޚިޔާލުތަފާތުވުން ބޮޑުވެފައެވެ. އަދި އެމްޑީޕީގެ ތެރޭގައި ދެ ރައީސުންގެ ދެ ފެކްޝަނެއް އުފެދި އަންނަނީ މަސައްކަތްކުރަމުންނެވެ.