ކ. މާލެ
|
22 ޑިސެންބަރ 2022 | ބުރާސްފަތި 22:48
ވީއައިއޭ
ވީއައިއޭ
އެމްއޭސީއެލް
ވީއައިއޭގެ އިންޝުއަރެންސް
އިންޝުއަރެންސް ނެގުމުގައި ކޮރަޕްޝަންގެ އަމަލެއް ނުހިމެނޭ، ތަހުގީގަށް އެއްބާރުލުން ދޭނަން: އެމްއޭސީއެލް
އެ މުއާމަލާތް ހިންގުމުގައި ކުންފުނީގެ ޕްރޮކިއުމެންޓް ނިޒާމްގެ އެއްވެސް އުސޫލަކާ ޚިލާފުވެފައި ނުވާނެކަމަށް އެމްއޭސީއެލްއިން ބުނޭ
މައްސަލަ ބަލަން ފުރިހަމަ އެއްބާރުލުން ދޭނެކަމަށް އެމްއޭސީއެލްއިން ބުނޭ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގައި އިންޝުއަރެންސް ހަމަޖެއްސުމުގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާނެކަމަށް، ވީއައިއޭ ހިންގާ ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއިން ބުނެފިއެވެ.

އެމްއޭސީއެލްއިން މިހެން ބުނީ (ވީއައިއޭ)ގައި އިންޝުއަރެންސް ހަމަޖެއްސުމުގައި ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކޮށް ބައެއް މީޑިއާތަކުގައި ކޮށްފައިވާ ރިޕޯޓްތަކަކާ ގުޅިގެން އެ ކުންފުނިން ނެރުނު ބަޔާނެއްގައެވެ. ބުރާސްފަތި ދުވަހު އެމްއޭސީއެލްއިން ބުނީ ވީއައިއޭއަށް ބޭނުންވާ އިންޝުއަރެންސްތައް ހޯދުމަށްޓަކައި އެ ކުންފުނީގެ ޕްރޮކިއުމެންޓް ޕޮލިސީގެ ދަށުން ކުރިއަށް ގެންދިޔަ ޕަބްލިކް ޓެންޑަރ ޕްރޮސެސް ހުއްޓާލައި، ހުރިހާ ބިޑްތަކެއް ކެންސަލްކޮށް، ޓެންޑަރ ޕްރޮސެސް ބާތިލްކޮށްފައިވަނީ ޕްރޮކިއުމެންޓް ޕޮލިސީއާއި ޓެންޑަރ ޑޮކިއުމެންޓް މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ. އެކަން އެގޮތަށް ކޮށްފައިވަނީ ޕްރޮކިއުމެންޓް ޕްރޮސެސްއާއި އިވެލިއުއޭޓްކުރުމުގެ ޕްރޮސެސްގައި ހުރި މައްސަލަތަކެއްގެ ސަބަބުން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާހަގަކުރި ކަންބޮޑުވުންތަކަށް ރިއާޔަތްކުރުމަށްފަހު، ޑިރެކްޓަރުންގެ ބޯޑުން ކަމަށްވެސް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

އަދި އިންޝުއަރެންސް ޕޮލިސީތަކުގެ މުއްދަތު ހަމަވާން މުއްދަތު ކުޑަތަންވެފައިވާތީ، އަލުން ޓެންޑަރއަށް ހުޅުވާލުމަށް އޭރު ފުރުސަތު ނެތުމުން، ސަރުކާރުގެ އަޣުލަބިއްޔަތު އޮންނަ އެލައިޑް އިންޑުއަރެންސާ އެ މަސައްކަތް ހަވާލުކޮށްފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެ މަސައްކަތް އެލައިޑާ ހަވާލުކުރީ އެމްއޭސީއެލްގެ ޕްރޮކިއުމެންޓް ޕޮލިސީއާ އެއްގޮތަށް، އެއީ ކުންފުންޏަށް އެންމެ ފައިދާހުރި ގޮތް ކަމަށްވާތީ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމުގެ މަތިން ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

އެ މުއާމަލާތް ހިންގުމުގައި ކުންފުނީގެ ޕްރޮކިއުމެންޓް ނިޒާމްގެ އެއްވެސް އުސޫލަކާ ޚިލާފުވެފައި ނުވާނެކަމަށާއި، ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަމެއް ކޮށްފައި ނުވާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި އެ މައްސަލަ ބެލުމަށް ކަމާބެހޭ ފަރާތްތަކަށް ފުރިހަމައަށް އެއްބާރުލުން ލިބޭނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

- ކޮމެންޓް