އާއްމުން ކުނި އަޅަން މަގުމަތީގައި ބަހައްޓާފައި ހުރި ޑަސްޓްބިނަކުން، ވިހާފައި އެއްލާލަފައި އޮތް ކުއްޖަކު ފެނުމުން އެކަން އިތުރަށް ބެލި އިރު ކުއްޖާ ޑަސްޓްބިނަށް ލީ އޭނާގެ ބައްޕަކަން ފަޅާ އަރައިފިއެވެ.
ޗައިނާގައި ތަރައްގީ ވެފައިވާ ސިޓީއެއް ކަމަށްވާ ޗޮންގިންގައި ހިނގި މިހާދިސާގައި، ޑަސްޓްބިންގެ ތެރެއިން ކުއްޖާ ފެނުނީ ޑަސްބިނުން ކުނި ހޮވައިގެން ދިރިއުޅޭ މީހަކަށެވެ.
ޗައިނާގެ އޮންލައިން ނޫހެއް ކަމަށްވާ ކިއުކިއު.ކޮމް ގައި ބުނެފައިވަނީ، މި ހިނގާ ޖޫން މަހުގެ 23 ވަނަ ދުވަހު ކުއްޖާ ފެނުނީ ކުނި ހޮވާ މީހަކު ޗޮންގިން ގައި ހުންނަ ފުލިންގ ސެންޓަރ ހޮސްޕިޓަލު ބޭރުގައި ހުރި ޑަސްޓްބިން ހާވަނިކޮށް ކަމަށެވެ. އޭނާ ކުއްޖާ ނެގި ވަގުތު މަންޒަރު ބަލަން ތިބި މީހުންނާއި ހޮސްޕިޓަލުގެ މުވައްޒަފުންގެ އެދުމުގެ މަތިން ކައިރީގައި ހުރި ހޮސްޕިޓަލަށް ގޮސް އޭނާ ކުއްޖާ ޑޮކްޓަރަށް ދެއްކިއެވެ.
ޑޮކްޓަރުން ބެލި އިރު ކުއްޖާގެ ބަރުދަނުގައި 1.5 ކިލޯ ހުއްޓެވެ. ކުއްޖާ އޮތީ ގާތް ގަނޑަކަށް ބޮޑު މީހެއްގެ ދެ އަތްތިލައިގެ ބޮޑު މިނަށެވެ. އުފަންވެފައިވަނީ 30 ހަފްތާގައި ކަމަށް ވެސް ޑޮކްޓަރުން ބުނެފައި ވެއެވެ. އަނެއް ކޮޅުން ކުއްޖާގެ ސިއްހަތު ރަނގަޅު ކަމަށް ވެސް ޑޮކްޓަރުން ވަނީ ބުނެފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޑޮކްޓަރުން އިތުރަށް ބެލި ބެލުމުން ހޮސްޕިޓަލުގައި ކުރެވިފައިވާ ރެކޯޑްތަކާއި ޑަސްބިނުން ނަގައިގެން ގެނައި ކުއްޖާގެ ރެކޯޑްތައް ދިމާވާތީ މާ ބޮޑު އުނދަގުލަކާ ނުލައި ކުއްޖާގެ މައިންބަފައިން ދެނެގަނެވިފައި ވެއެވެ.
އެއާއެކު ފުލުހުންނަށް ގުޅާ ފުލުހުން ކުއްޖާގެ މައިންބަފައިން ހޯދީއެވެ.
ކުއްޖާގެ މައިންބަފައިން އެކަން ކުރި ކަމަށް އިއުތިރާފުވެ ބުނެފައި ވަނީ، އެކަން ކުރެވުނީތީ ދެރަވާ ކަމަށާއި، އެކަން ކުރީ ދުވަސް ނުފުރާ ދުނިޔެއަށް އައި ކުއްޖެއް ކަމުން، ރަނގަޅު ސިއްހަތެއް އޭނާއަށް ނުލިބިދާނެ ކަމަށް ބިރުން ކަމަށެވެ.
ސޯހޫ.ކޮމް ގައި ބުނެފައިވާ ގޮތުން ފުލުހުން ބެލިއިރު ކުއްޖާގެ މަންމަ އޭރުވެސް އޮތީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ. ކުއްޖާގެ ބައްޕަ ދަރިފުޅު ނަގައިގެން ގޮސް ހޮސްޕިޓަލުގެ ބޭރުގައި ހުރި ޑަސްޓްބިނަށް ކުއްޖާ ވައްޓާލީއެވެ.
ފުލުހުން ގާތު މާފަށް އެދި ކުއްޖާ ރަނގަޅަށް ބަލަހައްޓާނެ ކަމަށް ބުނުމުން އަނގަބަހުން ފުލުހުން އިންޒާރު ދިނުމަށް ފަހު މައްސަލަ އެހިސާބުން ނިންމާލީ ކަމަށް މި ރިޕޯޓްތަކުގައި ވެއެވެ.