Advertisement
ކ. މާލެ
|
22 ޑިސެންބަރ 2022 | ބުރާސްފަތި 15:34
ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދޭ
ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދޭ
ރާއްޖެއެމްވީ
ރައީސް ޔާމީންގެ މައްސަލަ
ރައީސް ޔާމީނަށް ހުކުމްކުރުން، އަންނަ އާދިއްތަ ދުވަހު ހެނދުނު
މައްސަލައިގެ ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ އާދިއްތަ ދުވަހުގެ 09:30ށް
ވ. އާރަށް ކުއްޔަށްދިނުމުގައި ހިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރާ މި މައްސަލައިގައި، ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން ވަނީ މަނީލޯންޑަރިންގގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އުފުލާފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ އެއް މުއާމަލާތް ކަމަށް ތުހުމަތުކުރާ، ވ. އާރަށް ކުއްޔަށް ދިނުމުގެ ހިޔާނާތުގެ މައްސަލައިގެ ހުކުމްކުރުން އަންނަ އާދިއްތަ ދުވަހަށް ތާވަލްކޮށްފިއެެވެ.

މި މައްސަލައިގައި ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުން ނިންމަވާލައްވަމުން, މައްސަލަ ބައްލަވާ ގާޒީ, ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވާގޮތުގެ މަތިން ދެން މި މައްސަަލައިގައި އަޑުއެހުމެއް އޮންނާނީ ހުކުމް އިއްވުންކަމަށެވެ. އަދި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، 30 ދުވަހުގެ ތެރޭގައި، މައްސަލައިގެ ހުކުމްކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ. މި މައްސަލައިގެ ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ އާދިއްތަ ދުވަހުގެ 09:30 އަށެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ހިޔާނާތްތެރިވެފައި ވާކަމަށް ތުހުމަތުކުރާ މި މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން ވަނީ މަނީލޯންޑަރިންގގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އުފުލާފައެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް، ރިޝްވަތު ދިނުމުގެ ދައުވާވެސް ވަނީ އުފުލާފައެވެ. މި މައްސަލައާ ގުޅޭގޮތުން ދައުލަތާއި ދިފާއުގެ ހުލާސާ ބަޔާން އިއްވާފައިވަނީ ނިމިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

Advertisement

ދައުލަތުން ވަނީ މި މައްސަލަ ސާބިތުކުރެވޭވަރަށް ހެކި ހުށަހަޅާފައިވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް ދިފާއުން ވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުން، ވ. އާރަށުގެ މައްސަލައިގައި ރިޝްވަތުގެ އަމަލެއް ހިނގާފައިވާކަން ސާބިތުކޮށްދެވޭ މިންވަރަށް ދައުލަތަށް ހެކި ހުށަހެޅިފައި ނުވާކަމަށް ބުނެފައެވެ. އަދި ދައުލަތުން ހުށަހެޅި ހެކިތަކާމެދު ސުވާލު އުފައްދައި ދިފާއުން ވަނީ ވާހަކަދައްކާފައެވެ. ދައުލަތުން ވަނީ ޔާމީން މޯލްޑިވްސް އިސްލާމިކް ބޭންކުގައި އިންވެސްޓުކޮށްފައި ހުރި 3.4 މިލިއަން ޑޮލަރާއި އިންވެސްޓުކޮށްގެން ލިބިފައިވާ ފައިދާ ނަގައިދޭން އެދިފައެވެ.

ދައުލަތުން ހުލާސާ ބަޔާން ހުށަހަޅަމުން ބުނީ، މި މައްސަލައިގައި ހުށަހަަޅާފައިވާ ހެކިތަކުން މައްސަލަ ސާބިތުވާ ކަމަށެވެ. އެގޮތުން ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުން، ރައީސް ޔާމީންގެ އެ ކައުންޓުގައި ހުރި ފައިސާއަކީ ޔޫސުފް ނައީމް ރިޝްވަތުގެ ގޮތުގައި ދިން ފައިސާކަމާއި، ޔާމީން އެ ރިޝްވަތުގައި ހިފިކަން އެނގޭކަަމަށް ދައުލަތުން ވަނީ ބުނެފައެވެ. އަދި އެ ފައިސާގެ އަސްލު އޮޅުވާލުމުގެ ގޮތުން އިންވެސްޓުކޮށްފައިވާކަން އެ ހެކިތަކުން އެނގޭކަމަށްވެސް ދައުލަތުން ވަނީ ބުނެފައެވެ.

އެހެންކަމުން ވ. އާރަށް ކުއްޔަން ދީގެން ރައީސް ޔާމީނަށް ލިބިފައިވާކަމަށް ތުހުމަތުކުރާ 1 މިލިއަން ޑޮލަރާއި، އިންވެސްޓުކުރަން އެއާ އެއްކުރި 2.4 މިލިއަން ޑޮލަރު ހިމަނައިގެން 3.4 މިލިއަން ޑޮލަރު (53 މިލިއަން ރުފިޔާ) ނަގައިދޭން ދައުލަތުން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް