ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އަށް ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް އަށް ނިސްބަތްވާ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ކުރެއްވި ތުހުމަތުތަކަށް ޑރ. ޝައިނީ ތަފާތު ގޮތަކަށް ޖަވާބުދެއްވައިފިއެވެ.
ސޯޝަލް މީޑިއާގެ ޒަރީއާއިން ތާރިގް ހާމަކުރެއްވި ބަޔާނެއްގައި އެތައް ކަމެއްގައި ޑރ. ޝައިނީ ފެއިލްވެފައިވާކަން ފާހަގަ ކުރައްވަމުން ތާރިގް ވިދާޅުވީ، ބޮޑު ކަންނެލި އެކްސްޕޯޓު ކުރާ ފަރާތްތަކާ މިނިސްޓަރާއި ޝައިނީއާ ދެމެދު "ޖާއިޒް ނޫން" ގުޅުންތަކެއް އޮންނަ ކަމަށް ގިނަ ފަރާތްތަކުން ބުނަމުން ދާ ކަމަށެވެ.
މި ތުހުމަތުތަކާ ގުޅިގެން މިނިސްޓަރު ޝައިނީގެ ފޯނަށް ރާއްޖެއެމްވީން ގުޅި ނަމަވެސް ފޯން ނިއްވާލާފައި އޮތުމުން ވަނީ ގުޅޭ ގޮތް ނުވެފައެވެ.
ނަމަވެސް ވައިބާ މެދުވެރިކޮށް ޑރ. ޝައިނީގެ ޖަވާބެއް ހޯދުމަށް ރާއްޖެ އެމްވީން މެސެޖް ކުރުމުން މިނިސްޓަރު ޝައިނީ ވަނީ އެ މެސެޖް ބައްލަވާއެވެ. އަދި ކުޑައިރުކޮޅެއް ފަހުން މެސެޖްގެ ޖަވާބު ދެއްވީ ހިނިފުޅުވެޑުވުމަކުންނެވެ. އޭގެ ފަހުން ރާއްޖެއެމްވީން ތަކުރާރުކޮށް މެސެޖްކުރުމުން ވެސް ޑރ. ޝައިނީ ޖަވާބު ދެއްވާފައެއް ނުވެއެވެ. ނަމަވެސް މެސެޖްތައް ބެއްލެވުމުން "ސީން" އަރާފައި ވެއެވެ.
ޕީޕީއެމްގެ މެނިފެސްޓޯގައި ހިމެނޭ "ބެޔެސް ނުބަޔަސް 10،000ރ."ގެ ވައުދު ފުއްދައިދީފައި ނުވާތީ މެމްބަރު ތޯރިގް ދައްކަވާފައިވާ ވާހަކަތަކާ ގުޅޭ ގޮތުން މިނިސްޓަރު ޝައިނީ މީގެ ކުރިން ވަނީ ވާހަކަ ދައްކަވާފައެވެ.
އެގޮތުން މިނިސްޓަރު ޝައިނީ ވިދާޅުވެފައިވާ ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުން ކޮންމެ މަސްވެރިޔަކަށް ބެޔަސް ނުބެޔަސް ދިހަ ހާސް ރުފިޔާ ދޭން އަކުލަވާލާފައިވާ "ބެޔަސް ނުބެޔަސް ސްކީމަށް" ފިނި ތަރުހީބެއް ލިބެނީ، މަސްވެރިންގެ އަތްމަތި ތަނަވަސްވެ އާމްދަނީ ރަނގަޅުވުމުންނެވެ. އަދި އެ ފައިސާ ބޭނުންވާ މަސްވެރިން ނޫޅޭ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ފިޝްރީޒް މިނިސްޓްރީގެ އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން މެމްބަރު ތޯރިގް ދައްކަވާފައިވާ ވާހަކަތަކަށް ބާރުލިބޭ އޮޑިޓް ރިޕޯޓެއް ވެސް ވަނީ އޮޑިޓަރ ޖެނަރަލް މީގެ ކުރިން އާންމު ކުރައްވާފައެވެ.
އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ކަންކަން އިސްލާހްވާތަން ނުފެންނަ ކަމަށް ތޯރިގު ތުހުމަތުކުރެއްވި އިރު އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވައި ނެރުއްވި ފިޝަރީޒް މިނިސްޓްރީގެ 2016 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އެ މިނިސްޓްރީން ދޫކޮށްފައިވާ މަސްދޯނިތަކުންނާއި ދޯނިތަކުގައި އަޅާ އިންޖީނުތަކަށް ދައްކަންޖެހޭ ފައިސާ އާއި ހަތަރު ސަރަހައްދެއްގައި ބަހައްޓާފައިވާ އައިސް ޕްލާންޓްގެ ތެރެއިން ތިން ޕްލާންޓް ހަވާލުކޮށްފައިވާ ފަރާތްތަކުން މިނިސްޓްރީ އަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން 39.9 މިލިއަން ރުފިޔާ ދައުލަތަށް ނުލިބި އެބަހުރި ކަމަށެވެ.
އޮޑިޓް ރިޕޯޓުގައިވާ ހަތަރު އައިސް ޕްލާންޓްގެ ތެރެއިން ހއ. އިހަވަންދޫގައި ބަހައްޓާފައިވާ ޕްލާންޓްގެ އާމްދަނީ އާއި ޚަރަދުގެ ހިސާބުތައް ފިޝަރީޒް މިނިސްޓްރީއަކު ނެތެވެ. އަދި އެކަމުގައި މިނިސްޓްރީން އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އިހަވަންދޫ އައިސް ޕްލާންޓުގެ ހިސާބުތައް މިނިސްޓްރީގައި ނެތުމުން އެއިން ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު ކަށަވަރު ނުކުރެވޭނެ ކަމަށް ރިޕޯޓުގައި ވެއެވެ.
ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކާ އެއް މަސް ވެއްޖެ ނަމަ، އެ ފައިސާ ހޯދަން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށާއި އެ ފިޔަވަޅު އަޅައިގެން ވެސް ފައިސާ ނުލިބިއްޖެ ނަމަ ޝަރީއަތަށް މައްސަލަ ހުށަހަޅަން ޖެހޭނެ ކަމަށް މާލިއްޔަތު ގަވާއިދުގައި ބުނެފައިވީނަމަވެސް އެ ފައިސާ ހޯދަން ފިޝަރީޒް މިނިސްޓްރީން ފިޔަވަޅު އަޅާފައި ނުވާ ކަމަށް އޮޑިޓްގައި ރިޕޯޓުގައި ބުނެފައިވެ އެވެ.
އެހެންވެ، އެ ފައިސާ ހޯދުމަށް މާލިއްޔަތު ގަވާއިދުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އޮޑިޓާ ޖެނެރަލް ވަނީ ލަފާއަރުވާފައެވެ.