ކ. މާލެ
|
21 ޑިސެންބަރ 2022 | ބުދަ 11:59
އެމްއޭސީލްގެ ޖެނެރަލް މެނޭޖަރު ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފް
އެމްއޭސީލްގެ ޖެނެރަލް މެނޭޖަރު ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފް
ރާއްޖެއެމްވީ
ވީއައިއޭގެ ޚިދުމަތްތައް
ވީއައިއޭގެ ޚިދުމަތްތައް: 2019 ވަނަ އަހަރާ އަޅާ ބަލާއިރު އެއަރ ޓްރެފިކް އަދި ޕްރައިވެޓް ޖެޓު ޖެއްސި މިންވަރު އިތުރު
2019 އާއި އަޅާ ބަލާ އިރު މި އަހަރު ވީއައިއޭ އަށް ޖެޓް ޖެއްސި ވަރު 53 ޕަސެންޓު އިތުރު
ވީއައިއޭގެ އެއާ ޓްރެފިކް މޫވްމަންޓް 2019 ވަނަ އަހަރާއި އަޅާ ބަލާ އިރު 10 ޕަސެންޓު އިތުރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މި އަހަރުގެ މިހާތަނަށް ޖައްސާފައިވާ ޕްރައިވެޓް ޖެޓްތަކުގެ އަދަދު 2،610 އަށް އަރާފައިވާ ކަމަށް އެމްއޭސީއެލުން ހާމަކޮށްފިއެވެ.

އަންގާރަ ދުވަހު ރާއްޖެ އަަށް 1.6 މިލިއަން ވަނަ ޓޫރިސްޓް އައުމާއި ގުޅިގެން ބޭއްވި ހަފްލާ އަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެމްއޭސީލްގެ ޖެނެރަލް މެނޭޖަރު ކޯޕަރޭޓް ކޮމިއުނިކޭޝަންސް، ހަސަން އަރީފް ވަނީ އެމްއޭސީއެލްގެ އޮޕަރޭޝަންތަކާއި ގުޅުން ހުރި މައުލޫމާތުތައް ހިއްސާކުރައްވާފައެވެ. އެގޮތުން މި އަހަރު އެއަރ ޓްރެފިކްގެ މޫވްމެންޓަށް ބަލާ އިރު ރާއްޖެ އިން ވަނީ ރަނގަޅު ކުރިއެރުމެއް ހޯދާފައި ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ރާއްޖެ އަށް މި އަހަރުގެ މިހާތަނަށް ޕްރައިވެޓް ޖެޓުތައް އައި ނިސްބަތާއި 2019 ވަނަ އަހަރުގެ އެ އަދަދުތަކާއި އަޅާ ކިޔާނަމަ މި އަހަރު ވީއައިއޭ އަށް ޖެޓު ޖެއްސި ވަރު 53 ޕަސެންޓު އިތުރު ކަމަށް އޭނާ ވިދާޅުވިއެވެ. ހަސަން ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައި ވަނީ 1،702 ޕްރައިވެޓް ޖެޓެވެ.

ހަމައެހެންމެ ވީއައިއޭގެ އެއަރ ޓްރެޕިކް މޫވްމަންޓް 2019 ވަނަ އަހަރާއި އަޅާ ބަލާ އިރު 10 ޕަސެންޓު އިތުރުވެފައިވާ ކަމަށާއި އެއީ ރަނގަޅު ކުރިއެރުމެއް ކަމަށް ހަސަން ވަނީ ފާހަގަކުރައްވާފައެވެ. ހަސަން އިތުރަށް ވިދާޅުވީ ނޮވެމްބަރު 2019 ވަނަ އަހަރާ ހަމައަށް އެއަރ ޓްރެފިކް މޫވްމަންޓް ހުރީ 24،000އެވެ. އަދި އެ އަދަދު މި އަހަރު ހުރީ 27،000 ގައި ކަމަށެވެ. އިތުރަށް ވާހަކަދައްކަވަމުން އޭނާ ވަނީ މި ސީޒަނަށް އެމްއޭސީއެލްއިން ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އޮޕަރޭޓްކުރުން ހުއްޓާލާފައި އޮތް 8 ފްލައިޓްގެ އޮޕަރޭޝަންގެ މަސައްކަތް މި ސީޒަނާ ދިމާކޮށް ފަށާފައިވާކަަމަށް ހަސަން ވިދާޅުވިއެވެ. އޭގެތެރޭގައި ބްރިޓިޝް އެއަރވޭސް، އޮސްޓްރިއަން އެއަރވޭސް، އެއަރ ފްރާންސް، ޔޫރޯ ވިންގްސް ފަދަ އެއަރލައިންތައް ހިމެނޭކަން އޭނަ ފާހަގަކުރެއްވިއެވެ. އެ އެއަރލައިންތަކުގެ ތެރެއިން ބްރިޓިޝް އެއަރވޭސްއަކީ ސީޒަނާ ދިމާކޮށް ދަތުރުކުރާ އެއަރލައިންއަކަށް ވީނަމަވެސް، މިހާރު ބްރިޓިޝް އެއަރވޭސްއިން ރާއްޖެއަށް ދާއިމީ ދަތުރުތައް ފަށާފައިވާ ކަމަށްވެސް ހަސަން ވިދާޅުވިއެވެ.

މީގެ އިތުރުން އައު ދެ އެއަރލައިނަކުން ރާއްޖެއަށް ޚިދުމަތް ދޭން ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ވިޒްއެއަރ އާއި ކުވެއިތު އެއަރވޭޒް ކަމަށާއި، އެ ދެ އެއަރލައިންގެ މަސައްކަތް ފެށީ މިދިޔަ މަހުގެ ތެރޭގައިކަމަށް ހަސަން ވިދާޅުވިއެވެ.

- ކޮމެންޓް