މިއަހަރު ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ސަރުކާރުން ހިފި އަމާޒަށް ވާޞިލްވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވީ މި ހިނގާ 2022 ވަނަ އަހަރު ޖުމްލަ 1.6 މިލިޔަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާނެކަމަށް ސަރުކާރުން އަންދާޒާކުރާކަމަށެވެ.
ފަތުރުވެރިން ގެނައުމަށް ސަރުކާރުން ހިފި އަމާޒަށް ވާޞިލްވުމުން މިއަދު ޒިޔާރަތްކުރި 1.6 މިލިޔަން ވަނަ ފަތުރުވެރިޔާއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ މަރުޙަބާ ވިދާޅުވެފައެވެ. މި ޙަފްލާ ކުރިއަށް ދިޔައީ އަންގާރަ ދުވަހުގެ މެންދުރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ.
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕޮރޭޝަން (އެމް.އެމް.ޕީ.އާރ.ސީ) އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ފަތުރުވެރިކަމުގެ ސިނާޢަތާއި ގުޅުންހުރި ސަރުކާރުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެން 1.6 މިލިޔަން ވަނަ ފަތުރުވެރިޔާއަށް ހަދިޔާ ދެއްވާފައެވެ.
މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ސަރުކާރުން ކަނޑައެޅި ތާރީހަށް ވުރެ ދެ މަސް ދުވަސް ކުރިން ވަނީ މި އަމާޒު ހާސިލްކޮށްފައެވެ. މިއަހަރު އައި 1.6 މިލިއަން ޓޫރިސްޓުންގެ އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު 23.1 ޕަސެންޓް އިތުރު އަދަދެކެވެ.
އަދި މި އަމާޒަށް ވާޞިލްވުމަށް ސަރުކާރުން ދަނީ ސަރުކާރުގެ މެނިފެސްޓޯއާ އެއްގޮތަށް، ފަތުރުވެރިކަން އިސްތިހާރުކުރުމަށް ކުރިން އޮތް ބަޖެޓް އިތުރުކޮށް ރިސޯޓްތަކުގެ އިތުރުން ރަށްރަށާއި ގެސްޓްހައުސްތަކާއި ޔޮޓްފަހަރު އިސްތިހާރު ކުރަމުންނެވެ.
އެގޮތުން މިއަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ނިޔަލަށް އެމްއެމްޕީއާރުސީން ވަނީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 88 މާކެޓިން ކެމްޕެއިން، 41 ފެއާ، 06 ރޯޑްޝޯ، 10 ވާޗުއަލް އިވެންޓް، 17 ފެމިލިއަލައިޒޭޝަން ޓްރިޕް އަދި އެހެނިހެން 09 އިވެންޓް ހިމެނޭ ގޮތަށް 171 އަށް ވުރެ ގިނަ މާކެޓިން އަދި ޕްރޮމޯޝަނަލް ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ.
މި އަމާޒަށް ވާޞިލްވުމަށް ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތަކުން ވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.
މި ހަރަކާތްތަކުގެ ކާމިޔާބީގެ އެންމެ ބޮޑު ހެއްކަކީ 2022 ވަނަ އަހަރު ދުނިޔޭގެ ފެންވަރުގައި ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ މޮޅުކަމުގެ ސިފަތަކުގެ ގޮތުގައި ބަލައިގެންފައިވާ ވޯލްޑް ޓްރެވަލް އެވޯޑްސްގައި "ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން އެވޯޑް" ގެ ލަގަބު ރާއްޖެއަށް ލިބިފައިވުމެވެ. މިއީ މި ޝަރަފުވެރި ލަގަބު ރާއްޖެއިން ހޯދި ތިން ވަނަ އަހަރެވެ.