ރާއްކާތެރިގޮތުގައި ކުނި މެނޭޖުކުރުމުގެ ދާއިރާއިން އެހީތެރިވުމަށް، ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް 77 މިލިއަން ރުފިޔާގެ އެހީއެއް ދީފިއެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޖަޕާނުން ދީފައިވަނީ 700 މިލިއަން ޔެންއެވެ. އެއީ އެމެރިކާ ޑޮލަރުން 5.1 މިލިއަން ޑޮލަރެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި މި އެހީ ރާއްޖެއާ ހަވާލުކުރުމުގެ އެއްބަސްވުން ޤާއިމުކޮށްފައިވަނީ، ޖަޕާނު ސަރުކާރުގެ ސްޓޭޓް މިނިސްޓަރ ފޮރ ފޮރިން އެފެއަރސް ޓަކެއީ ޝުންސްކޭ މިހާރު ރާއްޖެއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ކަމަށެވެ.
މިކަމަށްޓަކައި ފޮރިން މިނިސްޓްރީގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލްއެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް ޓަކެއީ ޝުންސްކޭއެވެެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލް ވިދާޅުވީ ޖަޕާނުގެ ސްޓޭޓް މިނިސްޓަރ ފޮރ ފޮރިން އެފެއަރސްގެ މި ދަތުރުފުޅުގެތެރެއިން މުހިންމު އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވާފައިވާކަމަށެވެ. އަދި ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރުމަކީ ތިމާވެށީގެ ދާއިރާއިން ސަރުކާރުގެ މުހިންމު ތަސައްވުރާއި ގުޅިފައިވާ ކަމެއްކަމަށާއި އަދިވެސް އެ ދާއިރާ ތަރައްޤީކުރުމުގައި ގިނަ ގޮންޖެހުންތައް އެބަހުރިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރު ވިދާޅުވީ ކުނި މެނޭޖުކުރުމުގެ ޤައުމީ ޕްލޭނެއް އޮތް ނަމަވެސް ގޮންޖެހުންތައް ދިމާވެފައިވަނީ ކެޕޭސިޓީއާއި ވަސީލަތްތައް މަދުވުމުން ކަމަށެވެ. އެހެންވެ ޖަޕާނުން ދިން މި އެހީގެ ސަބަބުން ބޭނުންވާ ވަސީލަތް ހޯދާ ކުނި ރައްކާތެރިގޮތުގައި މެނޭޖުކުރުމަށް އެހީ ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖަޕާނާއި ރާއްޖެއާ ސިޔާސީ ގުޅުން ޤާއިމުކުރިތާ މިއަހަރު ވަނީ 55 އަހަރު ފުރިފައެވެ. ޖަޕާނުން އަންނަނީ ރާއްޖޭގެ ތަޢުލީ ދާއިރާއާއި ސިއްޙީ ދާއިރާ، ތިމާވެށީގެ ދާއިރާ އަދި އާއްމު އިޖްތިމާޢީ ދާއިރާތަކުން ވެސް ގިނަގުނަ އެހީތައް ފޯރުކޮށްދެމުންނެވެ.