ކ. މާލެ
|
19 ޑިސެންބަރ 2022 | ހޯމަ 23:18
މުސްއަބު އަބްދުﷲ
މުސްއަބު އަބްދުﷲ
ރާއްޖެއެމްވީ
މުސްއަބު ވަކިކުރުމުން ބަދަލު ދިނުން
ޕީއެސްގެ މަގާމުން މުސްއަބު ވަކިކުރުމުން ބަދަލު ދިނުން: ސީއެސްސީ އިން އިސްތިއުނާފްގެ މައްސަލަ އަނބުރާ ގެންގޮސްފި
އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް މުސްއަބު އައްޔަންކުރެވުނީ 25 ޖުލައި 2017ގައި

އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ ވަކިކުރި މައްސަލައިގައި އޭނާ އަށް 1.1 މިލިއަން ރުފިޔާ ދިނުމަށް ކޮށްފައިވާ ހުކުމް ތަންފީޒުކުރުމާ ދެކޮޅަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެ ކޮމިޝަނުން އަނބުރާ ގެންގޮސްފިއެވެ.

އެ ކޮމިޝަންގެ އޮފިޝަލަކު "ރާއްޖެ އެމްވީ" އަށް ވިދާޅުވީ އެ މައްސަލަ އަނބުރާ ގެންދިޔަ ނަމަވެސް ސުޕްރީމްކޯޓުގައި އަސްލު މައްސަލައިގައި ހައިކޯޓުން ނިންމި ގޮތް އިސްތިއުނާފްކޮށްފައިވާ ކަމަށެވެ. 2019 ވަނަ އަހަރު މުސްއަބު މަޤާމުން ވަކިކުރި މައްސަލާގައި ބަދަލަށް 1.1 މިލިއަން ދޭން ހައި ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ނަމަވެސް އެ ފައިސާ ސީއެސްސީން ދައްކާފައި ނުވާތީ، ސިވިލް ކޯޓުން ވަނީ ފަސް ދުވަސް ތެރޭގައި އެ ފައިސާ ކޯޓަށް ދެއްކުމަށް އަމުރުކޮށްފައެވެ.

ސީއެސްސީން ވަނީ ބަދަލުގެގޮތުގައި ދޭން ޖެހޭ ފައިސާ ދޫކުރުން ލަސްވީ ސިވިލް ކޯޓުގެ އަމުރު އިސްތިއުނާފް ކުރަން ސީއެސްސީން ނިންމުމުން ކަމަށް ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް މުސްއަބު އައްޔަންކުރެވުނީ 25 ޖުލައި 2017ގައެވެ. މަގާމުގައި ހުންނަވަނިކޮށް، މުސްއަބާ ދެކޮޅަށް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅި ހަތަރު މައްސަލައަކާ ގުޅިގެން އޭނާ ސަސްޕެންޑުކުރީ 29 މެއި 2019ގައެވެ. އެންމެ ފުރަތަމަ ސަސްޕެންޑުކުރީ މުސާރަ ލިބޭ ގޮތަށް ނަމަވެސް، ފަހުން ހަތަރު ފަހަރެއްގެ މަތިން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޝަން އިތުރުކުރިއެވެ.

މުސްއަބާ ދެކޮޅަށް ހުށަހެޅި މައްސަލަތައް ބަލައި ސިވިލް ސަރވިސްގެ ގާނޫނާއި، ސިވިލް ސަރވިސްގެ ގަވައިދާއި، ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ އޭނާ ޚިލާފުވެވަޑައިގެންފައިވާކަމަށް ބުނެ އޭނާ މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

- ކޮމެންޓް