ކ. މާލެ
|
20 ޑިސެންބަރ 2022 | އަންގާރަ 07:32
ރެއާލްގެ ކޯޗު އަންޗެލޮޓީ
ރެއާލްގެ ކޯޗު އަންޗެލޮޓީ
ރޮއިޓާސް
ބްރެޒިލްގެ ޤައުމީ ޓީމު
ބްރެޒިލްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭ ގޮތުން ކުރި ސުވާލަށް އަންޗެލޮޓީގެ ފިނި ޖަވާބެއް
 
އޭނާ ބުނީ ސްޕެނިޝް ލީގުގައި ހުރީ ހިތްހަމަޖެހިގެން ކަމަށް

ބްރެޒިލްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭ ގޮތުން ކުރި ސުވާލަށް ކާލޯ އަންޗެލޮޓީ ފިނި ޖަވާބެއް ދީފި އެވެ.

ބްރެޒިލްގެ ކޯޗުކަމުގެ މަގާމު މިހާރު އޮތީ ހުހަށެވެ. އެންމެ ފަހުން އެ މަޤާމުގައި ހުރީ ޓީޓޭއެވެ. ނަމަވެސް ވޯލްޑް ކަޕްގެ ކުރިން ވެސް ޓީޓޭ ވަނީ މުބާރާތަށް ފަހު ޓީމާ ދުރަށް ދާނެ ކަމަށް ބުނެފައެވެ. މިއަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލްގައި ކްރޮއޭޝިއާ އަތުން ބަލިވެ ބްރެޒިލް މުބާރާތުން ކެޓުމާއެކު ޓީޓޭ ވަނީ އިސްތިއުފާ ދީފައެވެ. އެއާއެކު އެ މަގާމަށް އައު ކޯޗެއް ހޯދުމުގެ މަސައްކަތް ބްރެޒިލުން އަންނަނީ ކުރަމުންނެވެ.

މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން އެ މަގާމަށް އުމުރުން 63 އަހަރުގެ އަންޗެލޮޓީ ގެނައުމަށް ބްރެޒިލުން ބޭނުންވެއެވެ. ނަމަވެސް އަންޗެލޮޓީ މިވަގުތު ހުރީ ސްޕެއިންގެ އެއް ގަދަބާރު ރެއާލް މެޑްރިޑުގެ ކޯޗުކަމުގައެވެ. ރެއާލާއެކު އަންޗެލޮޓީ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުއެވެ. އެކަމާ ގުޅޭ ގޮތުން އަންޗެލޮޓީގެ ޤައުމު އިޓަލީގެ ރޭޑިއޯ1 ސްޓޭޝަން އިން ކުރި ސުވާލަކަށް ޖަވާބު ދެމުން އޭނާ ބުނީ ސްޕެނިޝް ލީގުގައި ހުރީ ހިތްހަމަޖެހިގެން ކަމަށެވެ.

އަންޗެލޮޓީ ބުނީ މުސްތަޤުބަލުގައި ވާނެ ގޮތެއް ބުނަން ނޭންގޭ ކަމަށެވެ. އޭނާ ބުނީ މަސައްކަތް ކުރަމުން ދަނީ މިހާރު ކަންތައްވެފައި އޮތް ޙާލަތަށް ބަލައިގެން ކަމަށެވެ. އޭނާ ބުނީ މިހާރު އުމުރުން ދުވަސް ވެއްޖެ ކަމަށާއި، ރެއާލް މެޑްރިޑުގައި ހުންނަން އުފާވާ ކަމަށެވެ. ހަމައެއާއެކު ރެއާލްގައި އަދި ވެސް ހާސިލުކުރަން ޖެހޭ ކަންކަން ހުރިކަން ފާހަގަކުރަމުން އަންޗެލޮޓީ ބުނީ، މުސްތަޤުބަލާމެދު ވިސްނަން އަދި ވަގުތު އޮތް ކަމަށެވެ. އިތުރަށް އޭނާ ބުނީ 2024 ވަނަ އަހަރާ ހަމައަށް ރެއާލާއެކު އެއްބަސްވުމެއް އޮތް ކަމަށާއި، ރެއާލުން އޭނާ ދޫކޮށްނުލާ ޙާލަތެއްގައި ކުލަބް ދޫކޮށް ދާން ބޭނުންނުވާ ކަމަށެވެ.

ބްރެޒިލަށް ކޯޗުކަން ކޮށްދިނުން؟ އަހަރެންނަކަށް ނޭންގޭ މުސްތަޤުބަލުގައި ކަންތައްވާނެ ގޮތެއް، އަހަރެން މަސައްކަތް މި ކުރާނީ މިހާރު އޮތް ހާލަތަށް. އަހަރެން މިހާރު މުސްކުޅިވެއްޖެ، މެޑްރިޑުގައި މިހުރީ ވެސް ހިތްހަމަ ޖެހިގެން، އަދިވެސް ހާސިލްކުރަން ބޭނުންވާ ކަންކަން ކުރިއަށް އެބަ ހުރި. މުސްތަޤުބަލާމެދު ވިސްނަން އަދި ވަގުތު އެބަ އޮތް.
އަންޗެލޮޓީ

ދެ ވަނަ ފަހަރަށް އަންޗެލޮޓީ ރެއާލްގެ ކޯޗުކަމާ ހަވާލުވީ 2021 ވަނަ އަހަރުއެވެ. އޭގެ ކުރިން ވެސް އޭނާ ވަނީ އެ ޓީމަށް އިރުޝާދު ދީފައެވެ. އެއީ 2013 ވަނަ އަހަރުން 2015 ވަނަ އަހަރުގެ ނިޔަލަށެވެ. ދެ ވަނަ ފަހަރަށް ރެއާލާ ހަވާލުވެ އަންޗެލޮޓީ ވަނީ އެ ޓީމާއެކު ސްޕެނިޝް ލީގާއި، ސްޕެނިޝް ސުޕަ ކަޕް، ޔުއެފާ ސުޕަ ކަޕް އަދި ޔުއެފާ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފައެވެ. އަންޗެލޮޓީ އަކީ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ މޮޅު ހޯދި ކޯޗުގެ އިތުރުން، އެންމެ ގިނައިން ޗެމްޕިއަންސް ލީގު ކާމިޔާބު ވެސް ކުރި ކޯޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
57%
14%
0%
14%
0%
14%
ކޮމެންޓް