ކ. މާލެ
|
19 ޑިސެންބަރ 2022 | ހޯމަ 16:17
ޑަބްލިޔު.އެޗް.އޯ.ގެ ދެކުނުއިރުމަތީ އޭޝިޔާ ސަރަޙައްދުގެ ރީޖަނަލް ޑައިރެކްޓަރ، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި
ޑަބްލިޔު.އެޗް.އޯ.ގެ ދެކުނުއިރުމަތީ އޭޝިޔާ ސަރަޙައްދުގެ ރީޖަނަލް ޑައިރެކްޓަރ، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި
ރައީސް އޮފީސް
ޑަބްލިޔު.އެޗް.އޯ.ގެ ރީޖަނަލް ޑިރެކްޓަރ
ޑަބްލިޔު.އެޗް.އޯ.ގެ ދެކުނުއިރުމަތީ އޭޝިޔާގެ ރީޖަނަލް ޑައިރެކްޓަރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
 
ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ގިނަ ޢަދަދެއް އިންވެސްޓްކުރި މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން ފާހަގަކުރެއްވި
 
ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފްކުރެއްވި

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ)އިން ދެކުނުއިރުމަތީ އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރ، ޑރ. ޕޫނަމް ކެތުރަޕާލް ސިންގް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ދެއްކެވި ވާހަކަހަފުޅުގައި، ރާއްޖެއާއި ޑަބްލިއު.އެޗް.އޯ.އާ ދެމެދު އޮތް ޒަމާންވީ ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން، ޑރ. ޕޫނަމް ވަނީ، ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފްކުރައްވައި، ކޮވިޑް-19ގެ ބަލިމަޑުކަން ވަރަށް ރަނގަޅަށް މެނޭޖްކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެކަމަނާ ވަނީ ރާއްޖެއިން، ކޯވިޑް-19އަށްފަހު ޞިއްޙީ ކަންކަމަށް ދޭ ސަމާލުކަން ބެލެންސްކޮށް، އިޤްތިޞާދީގޮތުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ރާއްޖެއަށް ލިބިފައިވާކަން ފާހަގަކުރައްވާފައެވެ. ހަމަ އެއާއެކު އެކަމަނާ ވަނީ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ގިނަ ޢަދަދެއް އިންވެސްޓްކުރި މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށާއި، ރާއްޖޭގެ ޖީޑީޕީގެ ގާތްގަނޑަކަށް 12 އިންސައްތަ ޚަރަދުކުރަނީ މި ދާއިރާ ކުރިއެރުވުމަށް ކަމުގައި ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޑަބްލިއުއެޗްއޯއިން ދިވެހިރާއްޖެއަށް ދެމުން ގެންދާ އެއްބާރުލުމާއި އިރުޝާދަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ޞިއްޙީ ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުން ތަމްރީނުކުރުމުގައި އިތުރު ތަޖުރިބާކާރުންގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޑަބްލިއު.އެޗް.އޯ.ގެ ރީޖަނަލް ޑިރެކްޓަރ ވަނީ، އެކަމަނާއަކީ ތަފާތު ބަލިތައް ނައްތާލުމަށް މަސައްކަތްކުރައްވާ ފަރާތެއް ކަމުގައި ވިދާޅުވެ، މެލޭރިއާއާއި ޕޯލިއޯ ފަދަ ގިނަ ބަލިތައް ރާއްޖެއިން ނައްތާލުމަށް ކުރާ މަސައްކަތްތަކަށް ތަޢުރީފު ކުރައްވާފައެވެ.

ހަމަ އެއާއެކު މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ، ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅުންހުރި