ޗައިނާގައި ކޮވިޑްގެ ހަރުކަށި ފިޔަވަޅުތަކަށް ލުއިދިން ފަހުން، ބައެއް ބޮޑެތި ސިޓީތަކުގައި ކޮވިޑްގެ ކޭސްތައް އިތުުރުވެ، ސްކޫލްތައް ބަންދުކޮށް ވަގުތީ ކްލިނިކްތަކެއް ހުޅުވައިފިއެވެ.
ޗައިނާގެ ބޮޑެތި ސިޓީތަކުގައި ހަމަހިމޭނަކަން ވެރިވެފައިވާއިރު، ހޯމަ ދުވަހު ކޮވިޑްގައި 2 މީހަކު މަރުވެގެން ވަނީ ރިޕޯޓްކޮށްފައެވެ. އަދި ކޮވިޑުން ސަލާމަތްވުމަށްޓަކައި ގިނަ ބަަޔަކު ގޭގައި ބަންދުވެގެން ތިބިން ބޭނުންވާކަމަށް ރޮއިޓަރސްގައި ވަނީ ރިޕޯޓްކޮށްފައެވެ.
ޝަންހާއީގައި ކާރުބާރު ބޮޑު މަގުތައް ހޯމަ ދުވަހު އަމާންކަމާއެކު ފެނިގެންދާއިރު، ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. އެ ސިޓީގެ ކަމާއިބެހޭ އިދާރާތަކުން ވަނީ ކްލާސްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އަންގާފައެވެ. މީގެ އިތުރުން ވެރިރަށް ބެއިޖިންގެ ގުއަންގަން ޖިމް ވަނީ ވަގުތީގޮތުން ކްލިނިކަކަށް ބަދަލުކޮށްފައެވެ. އަދި އަލާމާތްތައް ހުންނަ ފަރާތްތައް ދެއްކުމަށް ނޫ ކުލައިގެ ޓެންޓްތައް ވަނީ އަތުރާފައެވެ.
ޗައިނާއިން ވަނީ ކޮވިޑްގައި މީހަކު މަރުވިކަން ހާމަކޮށްފައިވަނީ ހަފްތާތަކެއް ފާއިތުވި ފަހުންނެވެ. އަދި މި އަދަދު ހާމަކޮށްފައިވަނީ އެގައުމުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއިތަކެއް ދީ ބަލި ޖެހުނު މީހުންގެ ރަސްމީ އަދަދު ޔަގީން ނުވާކަމާ މެދު ސުވާލުތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
ހޯމަ ދުވަހު މަރުވި 2 މީހުންނަކީ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ފަހުން ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން މީހަކު މަރުވިކަން ހާމަކުރި މަރެވެ. އަދި މި އަދަދު ހާމަކޮށްފައިވަނީ އެގައުމުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއި ދެކޮޅަށް އާންމުން ނުކުމެ ކުރި މުޒާހަރާއާއި ގުޅިގެން ފިޔަވަޅުތަކަށް ލުއިތަކެއް ދޭން ނިންމާފައިވަނިކޮށެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ޗައިނާގައި އަޅާފައިވާ ފިޔަވަޅުތަކަށް ދިން ލުއިތަކާއެކު، ކޭހުގެ އަދަދު ގިނަވެ، އަންނަ އަހަރުތެރޭގައި މިލިއަނެއްހާ މީހުން މަރުވެދާނެކަމަށް އެމެރިކާގެ އިންސްޓިޓިއުޓް އޮފް ހެލްތު މެޓްރިކްސް އެންޑް އެވަލުޔޭޝަން (އައިއެޗްއެމްއީ)ން އަންދާޒާކޮށްފައިވެއެވެ.
ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް މުޅި ދުނިޔޭގައިވެސް އަޅާފައިވާ އެންމެ ވަރުގަދަ ފިޔަވަޅުތަކަށް ޗައިނާއިން ލުއި ދީފައިވަނީ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެއީ ފިޔަވަޅުތަކާ ގުޅިގެން ޗައިނާގައި ކުރިއަށްދިޔަ މުޒާހަރާތަކާއެކުއެވެ. ފިޔަވަޅުތަކަށް ދިން ލުއިތަކާއެކު ޗައިނާގައި ވަނީ ކޮވިޑްގެ ކޭސްތައް އިތުރުވެފައެވެ. އަދި އަންނަ މަހު ލިބޭ އައު އަހަރުގެ ޗުއްޓީއާއެކު ކޭސްތައް އިތުރުވެގެންދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.