ކ. މާލެ
|
19 ޑިސެންބަރ 2022 | ހޯމަ 12:02
މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމް
މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމް
ރާއްޖެއެމްވީ
ބޭސް ވިއްކޭ އެންމެ މަތީ އަގު
ބޭހުގެ އަގު ކޮންޓްރޯލުކުރުން މިއަހަރު ތަންފީޒެއް ނުކުރެވޭނެ
ކުރިން އޮތީ ޖެނުއަރީ 1ން ފެށިގެން ބޭހުގެ އަގު ކޮންޓްރޯލް ކުރާގޮތަށް
ބޭހުގެ އަގުތައް ހިމެނޭ ލިސްޓު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރަންޖެހޭ

މެކްސިމަމް ރީޓެއިލް ޕްރައިޒް ނުވަތަ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުމުގެ މަސައްކަތް މިއަހަރު ތަންފީޒު ނުކުރެވޭނެކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫސް "އަވަސް" އަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، ބޭސް އެތެރެކުރާ ޕްރައިވެޓް ފަރާތްތަކަށްވެސް ވިޔަފާރި ކުރުމުގެ ފުރުސަތު އޮންނަން ޖެހޭ ކަމަށާއި، ހަމައެއާއެކު، ސަރުކާރުން އިމްޕޯޓު ކުރާ ބޭސްތަކުގެ ފެންވަރުވެސް ހިފަހައްޓަން ޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑަނޭޅިގެން އުޅެނީ އެފަދަ ސަބަބުތަކާހެދިއެވެ.

ކުރިން އޮތްގޮތުން ބޭހުގެ އަގު ކޮންޓްރޯލްކޮށް ވިއްކަން ނިންމާފައިވަނީ މި ހިނގަމުންދާ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ނަމަވެސް ބޭސް ވިއްކާ ފަރާތްތަކުގެ ދެކޮޅު ހެދުމާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ގޮތް ނުނިންމި ލަސްވުމުގެ ސަބަބުން މިއަހަރުގެ މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް ނިންމި ނަމަވެސް، އެކަން ނުކުރެވި މި ވަނީ ދިގުލައިގެން ގޮސްފައެވެ.

މި އަހަރުން ފެށިގެން ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ނުވަތަ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމްއާރުޕީ) ކަނޑައަޅަން ވަނީ ނިންމީ އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމު، އާސަންދައަށް ކުރާ ހޭދަ ކުޑަކުރުމަށެވެ. އާސަންދައިގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެކަނިވެސް ފާމަސީތަކަށް ބޭހަށް 800 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރިއެވެ.

މިމަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2 ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި، ރާއްޖެ އަށް އިމްޕޯރޓްކޮށް ވިއްކާ ހުރިހާ އަސާސީ ބޭހަކަށް 1 މެކްސިމަމް ރީޓެއިލް ޕްރައިޒް ތަންފީޒު ކުރަން ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ދެވަނަ ފިޔަވަހީގައި، ރާއްޖެއަށް އިމްޕޯރޓްކޮށް ވިއްކާ ހުރިހާ ބޭހަކަށް، މެކްސިމަމް ރީޓެއިލް ޕްރައިޒް ތަންފީޒު ކުރާނެއެވެ.

އެމްއާރްޕީ ކަނޑައެޅުމުގެ މައިގަނޑު މަގުސަދަކީ އަމިއްލަ ފަރުދުންގެ ޖީބުން ބޭހަށް ކުރާ ޚަރަދު ކުޑަކޮށް އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމު (އާސަންދަ)ގެ ތެރެއިން ބޭހަށް ކުރާ ހޭދަ އިތުރުވަމުންދާ މިންވަރު ދެމެހެއްޓިނި މިންގަނޑެއްގައި ހިފެހެއްޓުމެވެ.

ފިސްކަލް ޕޮލިސީގެ ނަޒަރުން ބަލާއިރު އެމްއާރްޕީ ކަނޑައެޅުން މުހިއްމުވާ މައިގަނޑު ސަބަބަކީ އާސަންދަ ނިޒާމުގެ ތެރެއިން ދައުލަތުން އެއް ކަމަކަށް އެންމެބޮޑު ޚަރަދެއްކުރަމުން އަންނަނީ ބޭހަށް ކަމަށްވާތީއެވެ.

އެގޮތުން ރާއްޖޭގައި ބޭހުގެ އަގު ކޮންޓްރޯލެއްނެތި ބޮޑުވަމުން ދިއުމުގެ ސަބަބުން އާސަންދައަށާއި ބޭސްފަރުވާގެ އެހެނިހެން ޚިދުމަތް ދިނުމަށް ދައުލަތުގެ ހޮސްޕިޓަލްތަކުން ކުރާ ޚަރަދު އިތުރުވެ، ދައުލަތުން އެހެން ޚިދުމަތްތަކަށް ބަޖެޓުން ދެވޭ ޖާގަ ހަނިވެގެންދާކަމަށް ސަރުކާރުން ބުނެއެވެ.

- ކޮމެންޓް