ކ. މާލެ
|
18 ޑިސެންބަރ 2022 | އާދީއްތަ 14:38
ފަޅު ރަށް
ފަޅު ރަށް
ރާއްޖެއެމްވީ
ފަޅުރަށްރަށާބެހޭ ޤާނޫނު
ދެން ފަޅުރަށްތައް ވަރުވާއަށް ދެވޭނީ ކައުންސިލްތަކަށް
ފަޅުރަށްރަށާބެހޭ ޤާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލު މިއަދު ވަނީ ތަސްދީގު ކުރައްވާފައި
ރަށެއް ލިޔެގެން އުޅޭ ފަރާތުން އެހެން ފަރާތަކަށް ލިޔެދިނުމާއި، ކުއްޔަށް ދިނުމާއި، އެ ރަށް ބެލެހެއްޓުމުގެ ޒިންމާ އެހެން ފަރާތަކާ ހަވާލުކުރުމަކީ މަނާކަމެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު، ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފިއެވެ.

މިއީ މި އަހަރުގެ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 43 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނަށް އިސްލާހު ގެނެސްފައިވަނީ އެ ޤާނޫނުގައި އެކުލެވޭ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނާއި އެ ޤާނޫނުގެ މަގުސަދުތަކާ ތައާރުޒުވާ ކަންކަން އިސްލާހުކުރުމަށްޓަކައި، ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަގުސަދުގައެވެ.

މި ޤާނޫނަށް ގެނެވުނު ބައެއް އިސްލާހުތަކުގެ ތެރޭގައި އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅުރަށްރަށުގެ ތެރެއިން، ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސްގައި ހިމެނޭ ފަޅުރަށްރަށް، އެކި ފަރާތްތަކަށް ވަރުވާއަށް ލިޔެދީ، ވަކިކުރާނީ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލުންކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެއްވެސް ފަރާތަކަށް ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށެއް، އެ ރަށެއް ލިޔެގެން އުޅޭ ފަރާތުން އެހެން ފަރާތަކަށް ލިޔެދިނުމާއި، ކުއްޔަށް ދިނުމާއި، އެ ރަށް ބެލެހެއްޓުމުގެ ޒިންމާ އެހެން ފަރާތަކާ ހަވާލުކުރުމަކީ މަނާކަމެއްކަމުގައިވެސް ކަނޑައަޅުއްވާފައިވެއެވެ.

އެހެންނަމަވެސް، ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށެއް ލިޔެގެން އުޅޭ ފަރާތުން، އެ ރަށް ބެލެހެއްޓުމުގެ ބޭނުމުގައި އެފަރާތުގެ މުވައްޒަފުންގެ ގޮތުގައި މީހުން އެ ރަށެއްގައި ބައިތިއްބައިގެން އެ ރަށް ބެލެހެއްޓުމަކަށް މި ޤާނޫނު ހުރަހެއްނާޅާކަމުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން މި އިސްލާހުގެ ދަށުން އިދާރީ ދާއިރާއެއްގައި ހިމެނޭ، ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސްގައި ނުހިމެނޭ ފަޅުރަށްރަށުގެ ތެރެއިން، ވަރުވާއަށް ލިޔެދޭ ރަށްރަށާއި، އިންޑަސްޓްރިއަލް ރަށުގެ ގޮތުގައި ތަރައްގީކުރާ ރަށްރަށާއި، އެނޫން ބޭނުންތަކަށް ކުއްޔަށްދޭ ރަށްރަށާއި، އެނޫންވެސް އެކި ބޭނުންތަކަށް އެކަށައަޅާ ފަޅުރަށްރަށް ކަނޑައަޅާނީ، ރައީސުލްޖުމްހޫރިއްޔާކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށް ވަކިކުރެވޭ ގޮތާއި ޤާނޫނާ ޚިލާފު ވެއްޖެނަމަ ލިބޭނެ އަދަބު ތަފްސީލުކޮށް ބަޔާންކޮށްދީފައިވެއެވެ.

މި ޤާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އިސްލާހުކުރަންޖެހޭ ގަވާއިދުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންވާނެކަމުގައި ކަނޑައަޅުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ، މި ބިލު ތަސްދީގު ކުރެއްވުމުން، ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީހުން ފެށިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް