ކ. މާލެ
|
18 ޑިސެންބަރ 2022 | އާދީއްތަ 11:56
އިކްރާމް ހަސަން
އިކްރާމް ހަސަން
މަޖިލިސް
2023 ގެ ރިޔާސީ އިންތިޚާބު
ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކޮށް ރާއްޖެ ހަމައަކަށް އެޅުވޭނީ ރައީސް ޞާލިހަށް ދެވަނަ ދައުރެއް ލިބިގެން: އިކްރާމް
ރާއްޖޭގެ ސިޔާސީ މަސްރަހުގައި ޒާތީ ހަސަދަވެރިކަން އޮތް މިންވަރުން ރާއްޖޭގެ މުސްތަގުބަލާ ދޭތެރޭ ވިސްނާ ކޮންމެ މީހަކުވެސް ކަންބޮޑުވާނެ

ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކޮށް، ރާއްޖެ ހަމައަކަށް އެޅުވޭނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުއަށް ދެވަނަ ދައުރެއް ލިބިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

މެންބަރު އިކްރާމް މިހެން ވިދާޅުވީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހުއަށް ތާއީދު ކުރައްވާކަން ހާމަކުރައްވައި ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި އޭނާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ޒާތީ ހަސަދަވެރިކަން އޮތް މިންވަރުން ރާއްޖޭގެ މުސްތަގުބަލާ ދޭތެރޭ ވިސްނާ ކޮންމެ މީހަކުވެސް ކަންބޮޑުވާނެކަމަށެވެ. އެހެންވެ ޤައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކޮށް، ރާއްޖެ ހަމައަކަށް އެޅުވޭނީ އެމަނިކުފާނަށް ދެވަނަ ދައުރެއް ދެއްވައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޞާލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެކި ދާއިރާތަކުން ރާއްޖެ ހޯދަމުން އަންނަ ކުރިއެރުންތަކާއި 2020 ވަނަ އަހަރު މުޅި ދުނިޔެއަށް ދިމާވި ކޮވިޑް-19 އިން އަރައިގަތުމަށް އެމަނިކުފާނުގެ ސަރުކާރުން ކުރި މަސައްކަތުގެ ސަބަބުން ސިޔާސީ ގިނަ ފަރާތްތަކުން ވަނީ އެމަނިކުފާނަށް ދެވަނަ ދައުރެއް ޙައްގުކަމަށް ވިދާޅުވެފައެވެ. މީގެ ތެރޭގައި އެމަނިކުފާނުގެ ކެބިނެޓުގެ މިނިސްޓަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ރައީސް ޞާލިހު ވަނީ މީގެ ކުރިން ވެސް ޝައުގުވެރިކަން ފާޅުކުރައްވާފައެެވެ. އެގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މިހާރު ވެރިކަން ކުރާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަނެއްކާވެސް ވެރިކަމަށް އަންނަން ބޭނުންވާކަމުގައި ވާނަމަ އެމަނިކުފާނަކީ "ޗޮއިސް" އެއް ކަމުގައި ވިދާޅުވިއެވެ.

ރައީސް ޞާލިހުއަށް ދެވަނަ ދައުރެއް ޙައްގުކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު އެމްޑީޕީ އިން ވަނީ އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީ އިންތިޚާބު އިއުލާންކޮށްފައެވެ. އެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ މެންމަބަރުންނަށް ފުރުސަތު ހުޅުވާލާފައިވާއިރު އިންތިޚާބު ބާއްވަން ނިންމާފައިވަނީ 28 ޖެނުއަރީ 2023 ގައެވެ.

މި އިންތިޚާބުގައި ރައީސް ޞާލިހުގެ އިތުރުން އެމްޑީޕީގެ ރައީސް، ރައީސް ނަޝީދުވެސް ވާދަކުރައްވަން ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފައެވެ.

- ކޮމެންޓް