ކ. މާލެ
|
18 ޑިސެންބަރ 2022 | އާދީއްތަ 07:58
ޕީއެސްޖީގެ ރައީސް ނާސިރު އެލް-ހެއްލާފީ މެސީއާއެކު
ޕީއެސްޖީގެ ރައީސް ނާސިރު އެލް-ހެއްލާފީ މެސީއާއެކު
ރޮއިޓާސް
ޕީއެސްޖީ
ޕީއެސްޖީގައި މެސީ މަޑުކުރާނެ ކަމުގެ ޔަގީންކަން ކުލަބުގެ ރައީސަށް އެބައޮތް
 
ނާސިރު އެލް-ހެއްލާފީ ވިދާޅުވީ، މެސީ ޕީއެސްޖީގައި ހުރީ އުފަލުން، ހިތްހަމަޖެހިގެންކަމަށް

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ލިއޮނަލް މެސީ އެ ކުލަބުގައި މަޑުކުރާނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ކުލަބުގެ ރައީސް ނާސިރު އެލް-ހެއްލާފީ ވިދާޅުވެއްޖެއެވެ.

ސްޕެއިންގެ ބާސެލޯނާ ދޫކޮށްލުމަށްފަހު މެސީ ޕީއެސްޖީއަށް ބަދަލުވީ 2021 ވަނަ އަހަރުއެވެ. ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މެސީ ޕީއެސްޖީ އަށް ބަދަލުވީއިރު، އެ އެއްބަސްވުމުގެ މުއްދަތު އަންނަ އަހަރު ހަމަވާނެއެވެ. އެހެންކަމުން ޕީއެސްޖީން އަންނަނީ މެސީ ކުލަބުގައި މަޑުކުރުވުމަށް ގަދައަޅާ މަސައްކަތް ކުރަމުންނެވެ. އަނެއްކޮޅުން މެސީގެ ކުރީގެ ކުލަބް ބާސެލޯނާ އިން ވެސް އޭނާ އަލުން އަނބުރާ އެ ކުލަބަށް ގެނައުމުގެ މަސައްކަތް ކުރާ ކަމަށް ސްޕެއިންގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާއިރު، އެކަމަށް ބާރުދޭ ވާހަކަތަކެއް ބާސެލޯނާގެ އިސްވެރިންގެ އިތުރުން ކޯޗު ޒަވީ ހެނާންޑޭޒް ވެސް ވަނީ ދައްކާފައެވެ.

މެސީއާ ގުޅޭ ގޮތުން ނާސިރު އެލް-ހެއްލާފީ ވިދާޅުވީ، މެސީ ޕީއެސްޖީގައި ހުރީ އުފަލުން، ހިތްހަމަޖެހިގެންކަން އޭނާ ޔަޤީންކޮށްދޭ ކަމަށެވެ. އޭނާ ވިދާޅުވީ ޤަބޫލުކުރެވޭ ގޮތުގައި މެސީ ކުލަބުގައި މަޑުކުރަން ބޭނުންވާނެ ކަމަށެވެ. ނަމަވެސް އެކަމުގެ މަޝްވަރާތައް ރަސްމީ ގޮތެއްގައި މެސީއާ ކުރާނީ މިހާރު ޤަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕް މުބާރާތަށް ފަހު ކަމަށެވެ.

އެއްހާސް ފަހަރު އަހަރެން ޔަޤީން ކޮށްދެން މެސީ ޕީއެސްޖީގައި ހުރީ ހިތްހަމަޖެހިގެންކަން. އަހަރެންނަށް ހީވަނީ މެސީ ކުލަބުގައި މަޑުކުރަން ބޭނުންވާހެން. އެކަމުގެ މަޝްވަރާތައް އަހަރަމެން ކުރާނީ ވޯލްޑް ކަަޕަށްފަހު.
ނާސިރު އެލް-ހެއްލާފީ / ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ރައީސް

މިހާރު ޤަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕް މުބާރާތުގައި ބާކީ އޮތީ ފައިނަލް މެޗު އެކަންޏެވެ. މެސީ ވަނީ އޭނާގެ ޤައުމު އާޖެންޓީނާއާއެކު މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައެވެ. ފައިނަލްގައި އާދިއްތަ ދުވަހުގެ ރޭ އެ ޓީމު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާ ދެކޮޅަށެވެ.

ފްރާންސްގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ވޯލްޑް ކަޕް ނިމުމާއެކު ޕީއެސްޖީން މެސީއާއެކު އައު އެއްބަސްވުމުގެ މަޝްވަރާތައް ފަށާނެއެވެ. އެކަމަށް ޕީއެސްޖީ މިހާރު އޮތީ ތައްޔާރަށް ކަމަށާއި، މުބާރާތް ނިމުމާއެކު މެސީ އަށް އެމީހުންގެ ޕްރޮޕޯސަލް ހުށަހަޅާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން ޕީއެސްޖީގެ ރައީސް ނާސިރު އެލް-ހެއްލާފީގެ އިތުރުން ކުލަބުގެ އެންމެހާ އިސްވެރިން ވެސް ބޭނުންވަނީ މެސީ އެ ކުލަބުގައި މަޑުކުރަން ކަމަށް ރިޕޯޓުތައް ބުނެއެވެ. ޕީއެސްޖީން ބޭނުންވަނީ މެސީ އެންމެ މަދުވެގެން އިތުރު އެއް އަހަރު އެ ކުލަބުގައި މަޑުކުރަން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މެސީ ވަނީ ޕީއެސްޖީ އަށް ބަދަލުވެ މިހާތަނަށް އެ ޓީމަށް ކުޅެދިން 53 މެޗުން 23 ލަނޑު ޖަހާފައެވެ. މީގެ އިތުރުން އެ ޓީމާއެކު އޭނާ ވަނީ ދެ ތައްޓެއް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް