ޗެލްސީ އަށް ކުޅެމުން އަންނަ ނެމޭނިއާ މަޓިކް މެންޗެސްޓާ ޔުނައިޓެޑާއެކު މެޑިކަލް ހެދުމަށް ތައްޔާރުވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ގޯލްޑޮޓްކޮމް އިން ބުނީ މަޓިކް ޔުނައިޓެޑަށް ވިއްކާލުމަށް ޗެލްސީން އެއްބަސްވެފައިވާ ކަމަށާއި، އޭނާ ވިއްކާލުމަށް ޗެލްސީން އެއްބަސްވީ 40 މިލިއަން ޕައުންޑަށް ކަމަށެވެ.
އެގޮތުން އެ ނޫހުން ބުނީ ޓްރާންސްފާގެ ހުރިހާ ކަމެއް ފުރިހަމަކުރުމަށް ފަހު ޔުނައިޓެޑާ އެކު މަޓިކް މެޑިކަލް ހެދުމަށް ހަމަޖެހިފައި ވަނީ ބުދަ ދުވަހު ކަމަށެވެ. އެހެންނަމަވެސް މިކަމާ ގުޅިގެން ޗެލްސީ އަދި ޔުނައިޓެޑުން ވެސް ރަސްމީ އެއްވެސް އެއްޗެއް ނުބުނެއެވެ.
ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ޗެލްސީއަށް އިރުޝާދުދިން އިރު، މަޓިކްއަކީ މޮރީނިއޯ ވަރަށް ގަޔާވާ ކުޅުންތެރިޔެކެވެ. އެގޮތުން މަޓިކް ޔުނައިޓެޑަށް ގެންނާނެ ކަމަށް މީގެ ކުރިން ވެސް ވަނީ ބެލެވިފައެވެ.
އުމުރުން 28 އަހަރުގެ މަޓިކް ވަނީ 2015 ވަނަ އަހަރު މޮރީނިއޯގެ އިރުޝާދުގެ ދަށުން ޗެލްސީއާ އެކު ޕްރިމިއާ ލީގުގެ ތަށި ހޯދާފައެވެ. މީގެ އިތުރުން އޭނާ ވަނީ މިއަހަރު ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން ވެސް އެ ކާމިޔާބީ ތަކުރާރުކޮށްފައެވެ.
ޔުނައިޓެޑުން އެޓީމުގެ މިޑްފިލްޑަރު މައިކަލް ކެރިކް ރިޕްލޭސް ކުރުމަށް ކުޅުންތެރިޔަކު ހޯދުމަށް މަސައްކަތްކުރަމުން އަންނަތާ ދުވަސްކޮޅެއްވެއްޖެއެވެ. ކެރިކް އަށް މި އަހަރު 36 އަހަރުވާނެ އެވެ. އެގޮތުން ކެރިކް ރިޕްލޭސްކުރުމަށް އެންމެ ރަނގަޅު ކުޅުންތެރިޔަކީ މަޓިކް ކަމަށް މޮރީނިއޯ ބުނެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ބެންފީކާ ދޫކޮށްލުމަށް ފަހު 2014 ވަނަ އަހަރު ޗެލްސީއަށް ބަދަލުވި މަޓިކް ވަނީ އެޓީމަށް ކުޅުނު 151 މެޗުގައި ހަތް ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ސާބިއާ ގައުމީ ޓީމަށް ވެސް 32 މެޗު ކުޅެފައެވެ.
މަޓިކް ޔުނައިޓެޑަށް ގެނައުމާއެކު ކުރިޔަށް އޮތް ސީޒަނަށް އެޓީމު ގެނައި އަދަދު ދޭކަށް އަރާނެއެވެ. އެޓީމުން ވަނީ ބެންފީކާ އަށް ކުޅެމުން އައި ވިކްޓާ ލިންޑޯފްގެ ސޮއިވެސް ހޯދާފައެވެ. އޭނާ އެ ކްލަބަށް ގެނައީ 31 މިލިއަން ޕައުންޑަށެވެ.